ސިނާގެ އެނބުރި އައުން ވަރުގަދަ ސިނާގެ އެނބުރި އައުން ވަރުގަދަ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 27) - އަހަރުގެ ފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ޔޫއެސް އޯޕަންގައި ދުނިޔޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ، ޖަނިކް ސިނާ ވަރުގަދަ ކުޅުމަކާ އެކު މޮޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ސިންސިނާޓީ އޯޕަން ފައިނަލުގައި ސިނާ އަށް ޖެހުނީ ބަލި ހާލަތުގެ ސަބަބުން މެޗު ދޫކޮށްލާށެވެ. ސިނާ އަށް ފައިނަލް މެޗުގައި ކުޅެވުނީ އެންމެ 23 މިނިޓެވެ. އެ އަށް ފަހު، އަމްޕަޔަރަށް އޭނާ އެންގީ ބަލި ހާލަތު ގޯސްވާތީވެ، މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއާ އެކު، އަމްޕަޔަރު ނިންމީ، ފައިނަލުގައި ދެން ވާދަކުރި ސްޕެއިނުގެ ކާލޯސް އަލްކަރާޒް މޮޅުވީ ކަމަށެވެ.
އޭގެ ފަހުން، އެނބުރި އައި މެޗުގައި، ސިނާ، 24، ޔޫއެސް އޯޕަންގައި ކުޅުނީ، ދުނިޔޭގެ ރޭންކިން 89 ވަނައިގައި އޮތް ޗެކް ރިޕަބްލިކްގެ ވިޓް ކޮޕްރީވާއާ އެވެ. ދޮޅު ގަޑިއިރަށް ވުރެން ގިނަ އިރަށް ދިގުދެމިގެންދިޔަ އެ މެޗުން ސިނާ މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 6-1 6-1 6-2 އިންނެވެ.
މި ފަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސިނާ ބުނީ، ޔޫއެސް އޯޕަން އަށް ވަރުގަދަ އަށް ތައްޔާރުވުމަށްޓަކައި، މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި ވަރަށް ގިނަ ކަންކަން ކުރެވި އޭގެ ނަތީޖާ ވެސް ފެނިގެންދިޔައީ ރަނގަޅަށް ކަމަށެވެ.
ފަނަރަ އަހަރު ތެރޭގައި ގްރޭންޑްސްލޭމް ފައިނަލެއްގައި ކުޅުނު ފުރަތަމަ އެމެރިކާގެ ކުޅުންތެރިޔާ، ޓޭލާ ފްރިޓްޒް އަތުން، މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި، ސިނާ މޮޅުވީ، 6-3 6-4 7-5 އިންނެވެ. ސިނާ އެ މުބާރާތުގައި ކުޅެފައިވަނީ، މަނާ ބޭހަށް ޕޮޒިޓިވްވި މައްސަލައެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު، އެނބުރި އައިސް މަދު ތައްޔާރީތަކަށް ފަހު އެވެ. އެ މައްސަލަައިގައި މި އަހަރު ސަސްޕެންޝަންގެ ތިން މަހުގެ މުއްދަތެއް ހޭދަކޮށް، ސިނާ ވަނީ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ފައިނަލުގައި ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ