އެކި ސަރަހައްދުތަކުގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މުޅި ޕްރޮޖެކްޓަށް 327 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ފިޓްނަސް ސެންޓަރުތައް އެޅުމުގެ މަސައްކަތް ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ މަހުގެ 19، ގަ އެވެ. އެއީ ރައީސް މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތައް ފެއްޓެވުމުގެ ކުރިންނެވެ. މުއިއްޒުގެ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ގެންދަވަނީ މި ސެންޓަރުތަކުގެ ބިންގާ އަޅުއްވަމުންނެވެ.
ނަމަވެސް އެ މަޝްރޫއުގައި ސޮއިކުރި އިރު އެ މަސައްކަތަށް ހިނގާނެ ހަރަދާއި ފަރުމާ އާއި މަސައްކަތް ނިންމަން ދިން މުއްދަތު ފަދަ މުހިންމު މައުލޫމާތެއް ހާމަނުކުރެ އެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން މެސެޖުން ދެއްވި ޖަވާބުގައި ޝަރީފް ވިދާޅުވީ، ކޮންްމެ ރެކްރިއޭޝަން ސެންޓަރަކަށް ހަރަދުވަނީ 5.2 މިލިއަން ރުފިޔާ ކަމަށެވެ. އަދި މި ޕްރޮޖެކްޓު ހިންގަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެމްއޭސީއެލްގެ ހަރަދުގައި ތަންތަން އެޅުމަށް ފަހު ސަރުކާރާ ހަވާލުކުރުމުން، އެ ތަންތަނަށް ފައިސާ ދައްކާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްއަކީ އެއާޕޯޓު ހިންގާ ކުންފުންޏަށް ވާތީ، މަސައްކަތުގެ ދާއިރާއިން ބޭރުން ޕްރޮޖެކްޓަކާ ހަވާލުވުމުން ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒު ވަމުންނެވެ.
ނަމަވެސް ޝަރީފް ވިދާޅުވީ، ކުންފުނީގެ ކޭޝް ފްލޯ ރަނގަޅު ކަމަށާއި މި ޕްރޮޖެކްޓު ހިންގަން ކުންފުންޏަށް ދައްޗެއް ނެތް ކަމަށެވެ. އަދި ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، ފައިނޭންްސިން ހޯދައިގެން ވެސް މަސައްކަތް ކުރުމުގެ ދައްޗެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ އިތުރުން އެމްއޭސީއެލްއިން ވަނީ ފައިނު އެއާޕޯޓާއި މަތިވެރި އެއާޕޯޓާއި މަކުނުދޫ އެއާޕޯޓު ތަރައްގީކޮށް، ހިންގުމުގެ މަސައްކަތާ ވެސް ހަވާލުވެފަ އެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓު ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ.
އެމްއޭސީއެލްގެ މާލީ ހާލަތު ރަނގަޅު ނަމަވެސް، އެ ކުންފުންޏަކީ ސްޓެރެޓަޖިކް މަގުސަދެއްގައި އުފައްދާފައިވާ މުޅި އިގުތިސޯދަށް ވަރަށް މުހިންމު ކުންފުންޏެކެވެ. ދައުލަތަށް ވަންނަ ޑޮލަރު އާމްދަނީ އާއި އެންމެ މުހިންމު ސިނާއަތް ކަމުގައިވާ ޓޫރިޒަމުގެ މައި ދޮރާށްޓަކީ އެމްއޭސީއެލްއިން ބަލަހައްޓާ ވެލާނާ އެއާޕޯޓެވެ.
ފިޓްނަސް ސެންޓަރުތައް އަޅަން އެމްއޭސީއެލްއިން 327 މިލިއަން ރުފިޔާ ހަރަދުކުރޭ ފިޓްނަސް ސެންޓަރުތައް އަޅަން އެމްއޭސީއެލްއިން 327 މިލިއަން ރުފިޔާ ހަރަދުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ