ނޫސްވެރިންނަށް އަނިޔާވެރިކޮށް މަރުގެ އަދަބު ދޭން ފަލާހު ގޮވާލައިފި

ނޫސްވެރިންނަށް އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ފަލާހު ނޫސްވެރިންނަށް ހަރުކަށި އިންޒާރެއް ދިނީ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ނޫސްވެރިން ބިލު ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން ބިލު ބަލައިގަންނަން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރުންނެވެ.
ބުނީ ކީކޭ؟ - ބިލުގެ ބަހުސްގައި ފަލާހު ނޫސްވެރިންނަށް މަރުގެ އަދަބު ދޭން ގޮވާލީ އޭނާ ފެންނަ ވީޑިއޯއެއް ކަމަށް ބުނެ މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުުޅުވައިގެންނެވެ.
"މިއަދު ވަރަށް އަސަރާ އެކު މި ވާހަކަ މި ދަންނަވަނީ. އަޅުގަނޑަކީ ވެސް މީޑިއާގައި މަސައްކަތް ކުރާ ބޭފުޅުން ނުހައްގުން ލިޔާ އެކިއެކި މަޖައްލާތަކުގެ ސަބަބުން ވަރަށް ނިކަމެތިކަމެއް ދިމާވެފައި ހުރި މީހެއް. އެއް ޖިންސުން ގުޅުން ހިންގާ މީހަކަށް ހަދާފައި ހުރި މީހެއް އަޅުގަނޑަކީ،" ފަލާހު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވުމާ އެކު ފަހަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމަށް ވެސް ލިބިވަޑައިގަތީ ކުއްލި ހައިރާން ކަމެކެވެ.
"އަޅުގަނޑާ ވައްތަރު މީހެއްގެ ފޮޓޯ ޖަހައިގެން، އަޅުގަނޑަކީ އެއް ޖިންސުން [ގުޅުން ހިންގާ މީހަކަށް ހަދައިގެން]. އަޅުގަނޑުގެ ތިބޭ އަނބިދަރިން ވެސް. ބޮޑެތި ވެފައި ތިބި ދަރިން އެބަ ތިބި. ކުޑަ ދަރިން އެބަ ތިބި،" ފަލާހު ވިދާޅުވި އެވެ.
"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވީ. އުލު، ސީދާ ބައިންދަންވީ. އެގޮތަށް މަސައްކަތް ކުރާ ބޭފުޅުން."
'އުލު ބައިންދަންވީ'އޭ ބުނެ ހަޅޭއްލަވައިގަތުމުން ފަހަތުން އެހެން ބައެއް މެމްބަރުން އޭނާއަށް ތާއީދުކުރައްވާ އަޑު ވެސް އިވެ އެވެ.
ދިވެހި ރަދީފުގައި އުލުބޭންދުމުގެ މާނަ:
"މާ އިހު ޒަމާނުގައި މީހުން މަރަން ހަދާ ގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާ ގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީ އެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަނީ އެވެ."
އެނގުން މުހިންމު - ފަލާހުއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ތުހުމަތުކޮށް، އެފަދަ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭނާ ވަނީ މިއަދުގެ ޖަލްސާގައި އެ ވާހަކަ ދޮގުކޮށް، މާތްﷲ ގަންދީ ހުވާ ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ