ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް އެގްރޯނެޓް ބޯޓުތައް އެމްޓީސީސީގެ ދަށުން ހިންގަން ދޭން އެދިއްޖެ

ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓުގެ ބޯޓުތައް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދަށުން ހިންގުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ދަނޑުވެރިންގެ އުފެއްދުންތައް އެއް ރަށުން އަނެއް ރަށަށް ތާޒާކަމާއެކު އުފުލަން ޚާއްސަކޮށް، އެގްރި ބޯޓު އިފްތިތާހުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އަށެއްގައެވެ. މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީގެ ދަށުން އުފައްދާފައިވާ ބޯޓެކެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އެވުޒާރާއިން އެމްޓީސީސީއާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް އެމްޓީސީސީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކަމުގައި ރައީސް އޮފީހުގެ އިސް ބޭފުޅުންގެ ނިންމުމެއް އެމްޓީސީސީން ބޭނުންވާ ކަމަށާއި، ވުޒާރާގެ އިރުޝާދާއެކު ބޯޓުތައް ހިންގަން ތައްޔާރަށް ތިބިކަމުގެ ޝައުގުވެރިކަން އެމްޓީސީސީން ފާޅުކުރި ކަމަށް އެ ވުޒާރާއިން ބުންޏެވެ. ހަމައެހެންމެ، މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތެރެއިން ބޯޓުތަކަށް ތާވަލުތަކެއް ހަދާފައިވާ ކަމަށާއި އެ ތަފްސީލުތައް ވުޒާރާއާއި ހިއްސާކުރާނެ ކަމަށް އެކުންފުނިން ބުނި ކަމަށާއި، ވުޒާރާއިން އެ ތާވަލުތައް މުރާޖައާކުރާނެ ކަމަށް ބުނެފައިވެއެވެ. އެއަށްފަހު ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވައިލާ، ދަނޑުވެރިންނަށް އެކަން އެންގުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ވުޒާރާއިން ބުންޏެވެ. އެގްރި ބޯޓު: އެބޯޓުތައް ހިންގަން އެމްޓީސީސީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި --- ފޮޓޯ/ އެގްރޯ ނެޓު އެގްރި ބޯޓު ފަރުމާ ކޮށްފައި ވަނީ، ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާ ކުރެވޭނެ ތަންތަނާއި ސޯލާ ޕަވާ އެންޑް ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި ކްރޫއަށް އަރާމުކޮށްލަން ތިބެވޭހެން ކޮޓަރިތައް ހިމެނޭ ގޮތަށެވެ. ބޯޓު އިފްތިތާހުކުރިއިރު ދަތުރުކުރުމަށް ހަމަޖެހިފައި އޮތީ ލ. އަތޮޅުގެ ރަށްތަކުން މާލެއަށް ކަމަށްވާއިރު، ބޯޓު ފަރުމާކޮށްފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިންނެވެ. މި މަސައްކަތަށް އިކޮނޮމިކް މިނިސްޓްރީއާ އެގްރިކަލް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ދީފައިވެއެވެ. https://sun.mv/197672 މި ބޯޓުތައް އިފްތިތާހުކޮށްދެއްވި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އޭރު 'ސަން'އަށް ވިދާޅުވީ، ދިވެހި ދަނޑުވެރިން އުފައްދާ ބާވަތްތައް އެއް ތަނުން އަނެއް ތަނަށް ތާޒާ ކަމާއެކު ގެންދިޔުމަށް މި ބޯޓުގެ ސަބަބުން ފަސޭހަވާނެ ކަމަށާއި ބޯޓު ފަރުމާކޮށްފައި ޚަރަދު ކުޑަކޮށް ދަތުރުކުރެވޭ ކަހަލަ ގޮތަކަށް ކަމަށެވެ. އެގްރޯނެޓަކީ، ވަކި ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް މިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2020ގައި އުފެއްދި ކުންފުންޏެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަޒީރުންގެ ލަފާގެ މަތިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށާއި އުވާލުމަށް ނިންމަވައިފައެވެ. އޭގެ ތެރެއިން އުވާލަން ނިންމެވި ކުންފުނިތަކުގެ ތެރޭގައި އެގްރޯނެޓް ހިމެނުނެވެ. ނަމަވެސް މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން އުވާލަން ނިންމި އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފަށަން މިއްހަރުގެ މާޗު މަހު ކެބިނެޓުން ނިންމިއެވެ. ރައީސް އެންގެވީ އެ ކުންފުނީގެ މަސައްކަތްތައް، އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ