ނޫސްވެރިން އުލުބައިންދަން ގޮވާލި މައްސަލާގައި ފަލާހަށް ފިޔަވަޅު އަޅަން އެމްޖޭއޭން ގޮވާލައިފި

ނޫސްވެރިން އުލުބައިންދަން ނުވަތަ އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދޭން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ގޮވާލެއްވި މައްސަލާގައި ފިޔަވަޅު އެޅުމަށް، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިރޭ ގޮވާލައިފި އެވެ.
ވީކިހިނެއް؟ - ފަލާހު ނޫސްވެރިންނަށް ހަރުކަށި އިންޒާރެއް ދިނީ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ބުނީ ކީކޭ؟ - ބިލުގެ ބަހުސްގައި ފަލާހު ނޫސްވެރިންނަށް މަރުގެ އަދަބު ދޭން ގޮވާލީ އޭނާ ފެންނަ ވީޑިއޯއެއް ކަމަށް ބުނެ މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުުޅުވައިގެންނެވެ.
"މިއަދު ވަރަށް އަސަރާ އެކު މި ވާހަކަ މި ދަންނަވަނީ. އަޅުގަނޑަކީ ވެސް މީޑިއާގައި މަސައްކަތް ކުރާ ބޭފުޅުން ނުހައްގުން ލިޔާ އެކިއެކި މަޖައްލާތަކުގެ ސަބަބުން ވަރަށް ނިކަމެތިކަމެއް ދިމާވެފައި ހުރި މީހެއް. އެއް ޖިންސުން ގުޅުން ހިންގާ މީހަކަށް ހަދާފައި ހުރި މީހެއް އަޅުގަނޑަކީ،" ފަލާހު ވިދާޅުވި އެވެ.
"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވީ. އުލު، ސީދާ ބައިންދަންވީ. އެގޮތަށް މަސައްކަތް ކުރާ ބޭފުޅުން."
ތަފްސީލް - ފަލާހުގެ މި ވާހަކަ ކުށްވެރިކޮށް އެމްޖޭއޭން ނެރުނު ބަޔާނުގައި ގޮވާލީ:
މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑުގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ގޮވާލައްވާފައި ވާތީ ވެރިކަންކުރާ ޕީއެންސީން ފަލާހުއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް
އާންމުކޮށް އެނގޭނެހެން އެވާހަކަތަކާ މެދު ފަލާހު މައާފަށް އެދުމަށް
ދިވެހި ރަދީފުގައި އުލުބޭންދުމުގެ މާނަ:
"މާ އިހު ޒަމާނުގައި މީހުން މަރަން ހަދާ ގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާ ގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީ އެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަނީ އެވެ."
އެނގުން މުހިންމު - ފަލާހުއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ތުހުމަތުކޮށް، އެފަދަ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭނާ ވަނީ މިއަދުގެ ޖަލްސާގައި އެ ވާހަކަ ދޮގުކުރައްވައި މާތްﷲ ގަންދީ ހުވާ ވެސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ