ކްލޯޑް އޭއައި ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހެކަރުން ކުރި މަސައްކަތް ހުއްޓުވައިފި
ކްލޯޑް އޭއައި ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހެކަރުން ކުރި މަސައްކަތްތަކެއް ހުއްޓުވައިފިކަމަށް އެ ކުންފުނިން ބުނެފިއެވެ. އެންތްރޮޕިކްއިން ބުދަ ދުވަހު ބުނީ، އެ ކުންފުނީގެ ކްލޯޑް އޭއައި ސިސްޓަމް ބޭނުންކޮށްގެން ފިޝިން އީމެއިލްތައް ލިޔެ، ނުރައްކާތެރި ކޯޑުތައް އުފައްދައި، ސަލާމަތީ ފިލްޓަރުތަކުން ބޭރުވުމަށް ހެކަރުން ކުރި މަސައްކަތް ހުއްޓުވައި، އެކަން ފަޅާ އަރުވާލައިފައިވާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން އެންތްރޮޕިކްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އޭއައިގެ ވަސީލަތްތައް ސައިބާ ކްރައިމްގައި ނަހަމަ ގޮތުގައި ބޭނުންކުރުން އިތުރުވަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ޓެކް ކުންފުނިތަކާއި ރެގިއުލޭޓަރުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވައިލާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެންތްރޮޕިކްގެ ރިޕޯޓުގައި ބުނެފައިވަނީ، އެ ކުންފުނީގެ ދާޚިލީ ނިޒާމުތަކުން މި ހަމަލާތައް ހުއްޓުވާފައިވާ ކަމަށާއި، ހަމަލާދިން ފަރާތްތަކުން ކްލޯޑް ބޭނުންކޮށްގެން ނުރައްކާތެރި ކޮންޓެންޓް އުފެއްދުމަށް މަސައްކަތްކުރި ގޮތް ހާމަކޮށްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެހެން ފަރާތްތަކަށް މިފަދަ ނުރައްކާތަކާ ބެހޭ ގޮތުން ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކްލޯޑް ބޭނުންކޮށްގެން ފިޝިންގ އީމެއިލްތައް ޑްރާފްޓްކުރުމާއި، ނުރައްކާތެރި ކޯޑްތައް ލިޔެ ނުވަތަ ރަނގަޅުކުރުމާއި، ސަލާމަތީ ފިޔަވަޅުތަކުން ބޭރުވުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވެއެވެ. އަދި، ގިނަ އަދަދެއްގެ މީހުންނަށް އަސަރުކުރާނެ ޕޯސްޓްތައް އުފައްދައި، ތަޖުރިބާ ނެތް ހެކަރުންނަށް ފިޔަވަޅުތަކުން އެހީތެރިވުމަށް ވެސް މަސައްކަތްކޮށްފައިވެ އެވެ. އެމެޒޯން.ކޮމް އަދި އަލްފަބެޓްގެ އެހީތެރިކަން ލިބޭ މި ކުންފުނިން ބުނީ، މިކަމުގައި ބައިވެރިވި އެކައުންޓްތައް ބަންދުކޮށް، މި ހަރަކާތްތައް ދެނެގަތުމަށްފަހު އެ ކުންފުނީގެ ފިލްޓަރުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. މާހިރުން ބުނާ ގޮތުގައި، ހެކަރުން އޭއައި ބޭނުންކޮށްގެން މަކަރާއި ހީލަތްތައް އިތުރަށް ހަރުދަނާކޮށް، ހެކިންގ ހަމަލާތައް އަވަސްކުރަމުންދެއެވެ. މި ވަސީލަތްތަކުގެ ސަބަބުން ހަގީގީ ފިޝިން މެސެޖްތައް ލިޔެ، މެލްވެއާ ތަރައްގީކުރުމުގެ ބައެއް މަސައްކަތްތައް އޮޓޮމެޓިކްކޮށް، އަދި ހަމަލާތައް ރޭވުމަށް ވެސް އެހީތެރިވެދެއެވެ. ސެކިއުރިޓީ ރިސާޗަރުން އިންޒާރުދެނީ، އޭއައި މޮޑެލްތައް އިތުރަށް ބާރުގަދަވަމުންދާ ވަރަކަށް، ކުންފުނިތަކާއި ސަރުކާރުތަކުން އަވަހަށް ފިޔަވަޅު ނޭޅިއްޖެނަމަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ނުރައްކާ އިތުރުވާނެ ކަމަށެވެ. އެންތްރޮޕިކް އިން ބުނީ، އެ ކުންފުނިން ސަލާމަތީ ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރާ ކަމަށާއި، އޭގެ ތެރޭގައި ގަވާއިދުން ޓެސްޓުކުރުމާއި ބޭރުގެ ފަރާތްތަކުން މުރާޖަޢާކުރުން ހިމެނޭ ކަމަށެވެ. އަދި، ބޮޑެތި ނުރައްކާތައް ފެނިއްޖެނަމަ ރިޕޯޓްތައް ނެރުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެންތްރޮޕިކް އިން ބުނެއެވެ. މައިކްރޮސޮފްޓް އަދި ސޮފްޓްބޭންކްގެ އެހީތެރިކަން ލިބޭ އޯޕަންއޭއައި އާއި ގޫގުލް އަށް ވެސް މިފަދަ ހާދިސާތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެއީ އެ ކުންފުނިތަކުގެ އޭއައި މޮޑެލްތައް ހެކިންގ ނުވަތަ މަކަރަށް ބޭނުންކުރެވިދާނެ ކަމުގެ ބިރު ހީވެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލުން އިތުރުވެފައިވާތީއެވެ. ސަރުކާރުތަކުން ވެސް މި ޓެކްނޮލޮޖީ ރެގިއުލޭޓް ކުރުމަށް މަސައްކަތްކުރަމުންދެއެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަން އިން އާޓިފިޝަލް އިންޓެލިޖެންސް އެކްޓް ކުރިއަށް ގެންދާއިރު، އެމެރިކާ އިން ބޮޑެތި ޑިވެލޮޕަރުންގެ ފަރާތުން ސަލާމަތީ ކަންކަމަށް އަމިއްލައަށް ބޯލެނބުމަށް މަސައްކަތްކުރަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ