ކެމޮމައިލް 49
"އަޅުކަން ކުރެވޭވަރަށް ފުރިހަމަ ސިއްހަތެއްގައި ހުއްޓާ ވީހާވެސް ގިނައިން އަޅުކަން ކުރުމުގައި ވަގުތު ހޭދަކުރަންވާނެއެވެ. ބަލިވާ ދުވަހަކުން ހިތަށް ހަމަޖެހުން ގެނުވާދޭކަމަކަށް އެކަންތައް ވާނެއެވެ. ވަގުތާއި ދުޅަހެޔޮކަން އަދި ޒުވާންކަމަކީ އޭގެ ބޭނުން ފުރިހަމަގޮތުގައި ހިފަންޖެހޭ އަގުހުރި އެއްޗެކެވެ. ތިބާގެ ދުނިޔެއާއި އާޚިރަތްވެސް އުފަލާއި ނިއުމަތްތަކުން ފުރިގެންދާނެއެވެ." *** އެދެމީހުން ދާންވެގެން ތެދުވުމުން ހާރިސާގެ ބަލިކަށި ނަފުސް ގޮނޑިއަށް ދޫކޮށްލެވުނެވެ. ލޯ މަރައިލަމުން ދުޢާކުރަންފެށިއެވެ. ބަދަލުހިފުމުގެ ރޫހުން ކަޅިވެފައިވާ ދުޢާއެކެވެ. ފާނޫޒުން ކަނި ޖަހައިލުމާއެކު އޭނަގެ މޫނަށްވެސް ހިޔަނިއެޅުނެވެ. ޖަމީލާ ބުނި ތޫފާން އޭގެ އަސްލު ސިފަޖެހެން އުޅެނީއެވެ. *** ޖަމީލާ އެނދުގައި އޮށޯވެލައިގެން އޮވެ ކަހުފު ސޫރަތް ކިޔަވަމުން ދިޔައިރު ނަޒަރު ހުއްޓިފައިވީ ކުޑަދޮރަށެވެ. ކަނޑުގެ ވައިރޯޅިއަކާއެކު ފަރުދާތައް ކެހިލިއެވެ. އެއާއެކު އޭނަގެ ލޮލުގެ ވިދުން ގަދަވިއެވެ. "އައީ ދޯ...."އޭނަގެ އަޑުގައި އުފާވެރިކަމުގެ ހޫނުކަންވިއެވެ. އެނދުން ތެދުވެ ހެދުމުގައި ޖެހިފައިވާ ރޫތައް އޮމާންކޮށްލެވުނެވެ. މެހުމާނެއް އައުމުން ކުޑަކޮށް ބުރުގާވެސް ރީތިކޮށްލެވި ހާސްކަމާއެކު ހިޖާބާއި ކުޅެލެވުނެވެ." އިންތިޒާރުގައި މިއިނީ...އަވަހަށް އިށީދޭ.." އެމީހާ ތަންކޮޅެއް ކުރެވެ. ބުރަކަށީގައި ކުޑަ ގުދުކަމެއް ހުރިއިރު އެ ހިނިތުންވުންވެސް ދެނެގަނެވުނެވެ. މެހުމާނު އެނދުކައިރީގައި ހުރި ގޮނޑީގައި ޖައްސައިލިއެވެ. "މިއަދު ނާންނާނެކަމަށް ހީކޮށްގެން ދޯ ތިހިރީ؟" "އަބަދުވެސް ތިހެން ބުނަމެއްނު..އަހަރެންގެ މަތިން ހަނދާން ނައްތާނުލާނެކަން އެނގިއްޖެ.." ޖަމީލާ ހިނިތުންވެލިއެވެ. "އަހަރެމެން ބަދަރުމައްޗަށް ގޮސް ބޮލި ގުނަން އުޅޭ ހަނދާން ހުރޭތަ؟ އަހަރެންގެ އިނގިލިތަކުގެ ދޭތެރެއިން ބޮލިތައް ދޫވުމުން ބައެއްފަހަރު މަށަށް ބަވާލަމެއްނު. " "އޯ...އެކަންވެސް ހަނދާން އެބަހުރި ދޯ..އެ ދުވަސްތައް ބޮލުގައި ރައްކާކޮށްގެން އުޅެނީ އަހަރެން އެކަނި ކަމަށް ހީކުރީ.."އޭނަ ހެމުން އަނގަމަތީގައި އަތް އެޅިއެވެ. "މިއަދު މާ ވަރުބަލިވެފައިހެން ހީވޭ..،މާ ގިނައިރުވަންދެން ހިނގާ އުޅުނީތަ؟" މެހުމާނުގެ ލޮލުން ކަންބޮޑުވުމުގެ ކުލަވަރު ފެނުނެވެ. "ބައެއްފަހަރު. މިހާރު މިއީ ދަންނަ ތަނެއްހެން ހިޔެއްނުވޭ. އެއްކޮޓަރިން އަނެއް ކޮޓަރިއަށް ހިނގައިލީމަވެސް އެހެން މީހެއްގެ ތަނެއްކަމަށް އިހުސާސްވީ.." "އެހެންވީމަ މިތަން ދޫކޮށް ދިޔުމުގެ ވަގުތު ޖެހުނީހެން ވަރަށް ހީވޭ..." މެހުމާނު ބޯ އަރިކޮށްލިއިރު ހިނިތުންވުން ފޭދުނެވެ. "ދާންވީ؟ ކޮންތަނަކަށް؟"އޭނަ ލޯބޮޑުވިއެވެ. "އަހަރެމެން އެންމެން ދާން އޮތްތަނަށް. އަހަރެމެންގެ ހަގީގީ ގެއަށް..." މެހުމާން އަޑު މަޑުވެފައި އޯގާތެރިކަމުން ފުރިފައެވެ. ކުއްލިއަކަށް ދޮރު އަޑާއަށް ހުޅުވާފައި އެތެރެއަށް ވަނީ މިރިއަމްއެވެ. އޭނަ މަންމަގެ މޫނުން ފެށިގެން ހުސްގޮނޑިއަށް ނަޒަރު ހިންގައިލިއެވެ. އޭނަ ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ. "މަންމަ ކާކާއި ވާހަކަދައްކަނީ؟" ޖަމީލާވެސް އެސްފިޔަ ޖަހާލާފައި ގޮނޑިއަށް ބަލައިލިއިރު އެތަންވަނީ ހުހަށެވެ. ގޮނޑި ކުޑަކޮށް ހެއްލެމުން ދިޔައީ ވައިރޯޅީގެ ބާރުގައެވެ. ވަގުތުން ޖަމީލާގެ މޫނު އޮއްސުނެވެ. އަދި އަޅިވަމުން ދިޔަ ލޮލުގައި ކަރުނައިގެ ކޯރެއް ހެދުނެވެ. ވާހަކަދެއްކުނީ އުދަގުލުންނެވެ." އެކަމަކު....ދެންމެ އެކުވެރިޔާ މިގޮނޑީގައި އިން..." "އަހަރެން މިއައީ ޑިއުޓީއަށް ދާ ވާހަކަ ބުނެލަން...މަންމަ އެކަނި ބޭރަށް ނުނިކުންނާތި..ރޫބީ މިއަދު އޮފްވީމަ ނާދެވޭނެ....." އޭނަ ވާހަކަދައްކަމުން ދާން ހިނގައިގަތެވެ. އަވަސް އަދި ރުންކުރު ހިނގުމެކެވެ. ދޮރު ލެއްޕުނު އަޑާއެކު ވައިރޯޅީގެ ޒޫމް އަޑު ފިޔަވާ އެހެން އަޑުތައް ފޭދުނެވެ. ވަގުތުން އެނބުރި ގޮނޑިއާއި ދިމާލަށް ބެލުމާއެކު ހިނދުކޮޅަކަށް ހިތް އަވަސްވެ މޮޅިވެރިވިއެވެ. ގޮނޑި ހުރީ ހުހަށެވެ. އެކަމަކު ދެފަރާތަށް ކިރެމުން ދިޔައެވެ. ދެވަނަފަހަރަށް އެސްފިޔަ ހުޅުވައިލިއިރު އެކުވެރިޔާ ގޮނޑީގައި އިނެވެ. ހަމަ އެ ކެތްތެރި ހިނިތުންވުމެވެ. ދެމީހުންގެ ވާހަކައަށް ހުރަހެއް އެޅުނުހެން އިހުސާސްނުވާ ފަދައެވެ. "މިރިއަމްއަށް ނުފެނުނު ދޯ...."އޭނަގެ އަޑު ކެނޑޭގޮތްވިއެވެ. "އެކަކަށްވެސް ނުފެނޭ..." "އެކަމުގައި އެކުއްޖާގެ މައްސަލައެއް ނެތް..އެއީ ޒުވާން ކުއްޖެއް. ލޯ ހުއްޓިފައިވާނީ މި ދުނިޔެއަށް. އެހެން އާލަމަކަށް ނޫން.." ޖަމީލާގެ ކޮނޑުން ވާގިދޫވިއެވެ. މިރިއަމް ޑިއުޓީއަށް ދިޔުމުން ކޮޓަރިވެސް އޭނަ ދިރުވައިލަން އުޅޭހެން ހީވެއެވެ. ޒުބޭރުވެސް އަވަދި ނެތި އުޅެމުން އެހެން މީހުންނަށް ޒިޔާރަތްކުރެއެވެ. ގިނަވަގުތު އޭނަ އިންނަނީ އެކަނިވެރިވެފައެވެ. އިހުސާސްވަނީ ނިމުމެއްނެތް އެކަނިވެރިކަމެވެ. ފަޅު ސަހަރާއެއްފަދައެވެ. ދަންނަ ހުރިހާ އެއްޗެއް ގެއްލި ދުނިޔެ ފަޅުވަމުން ދަނީއެވެ. އަވަށްޓެރިންގެ އޮލަ ވާހަކަތައް، އެކުވެރިންގެ ހުނުމުގެ އަޑު. ބަދަރުމަތީގެ އެކިހަނދާންތައްވެސް އޮޔާލާ މާ ދުރަށްގޮސް ހަނދާނުގެ ފަތިފުށުން އޮބައިލަނީއެވެ. އޭނަގެ އުފަން ބިމުން އެހެން ތަނަކަށް ގެންނާންވީވެސް ކީއްކުރަންހެއްޔެވެ؟ އެތައް އިރެއްވާންދެން އެކަނި އިންއިރު އިވެމުން ދިޔައީ ގަސްތަކުގެ ފަތްތަކުގެ ނާނާ އަޑަށެވެ. ދޫންޏެއްގެ އަޑު ތަންކޮޅެއް ދުރުން އިވުނެވެ. އެކަނިވެރިކަން އޭނަ ފިތަމުން ދިޔަސް ގޮނޑީގައި އެކަކު ހާޟިރުގައި އިންނަކަން އެނގުމުން ހިތްވަރު ލިބުނެވެ. ދަންނަ ފަރިތަ ޝަޚުސެކެވެ. "އަހަންނާއެކު ވައްޗޭ....އެކަނިވިޔަނުދެއްޗޭ..." އޭނައަށް މަޑުމަޑުން ބުނެވުނެވެ. "އެންމެ ފަހުގެ ނޭވާއާއީ ހަމަޔަށް މިތާ އިންނާނަން..." ޔަގީންކަން އެކުލެވޭ ވައުދެކެވެ. ޖަީލާގެ ހިތަށް އަރާމާއި ފިނިކަމެއް ލިބި އެނދުގައި އޮށޯވެ ލޯ މަރައިލެވުނެވެ. *** އެހެން ދުވަހަށްވުރެ ކްލިނިކް ހަލަބޮލިވީ މައި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރ ހަމްޒާއާއި ޑޮކްޓަރ އަމީރު ކްލިނިކަށް ބަލިމީހުން ބަލަން އައި ދުވަހަކަށް ވީމައެވެ. މިރިއަމްގެ ފޯނު ދަގަނޑު މޭޒުމަތީގައި އޮތްވާ ވައިބްރޭޓްވާން ފެށި އެވެ. "މަންމަ"ގެ ފޯނެކެވެ. އޭނަގެ އަތް އެދިމާލަށް ގެންދިޔަ ވަގުތު ސުޕަވައިޒަރ ގެ އަޑު ކަންފަތުގައި ޖެހުނެވެ. އެއަޑު ތޫނުވެފައި އަވަސްކަމެއްވިއެވެ. ފޯނުވެސް ހިމޭންވިއެވެ. އެއްފަހަރު ދިއްލިފައި ފޯނުގެ ސްކްރީން އަނދިރިވިތަން ފެނުމުން އޭނަ ފޯނު ޖީބަށް ލިއެވެ. "އިރުކޮޅަކުން މަންމައަށް ގުޅާނީ..."އޭނަގެ ޟަމީރު ވައުދުވިއެވެ. ބަލިމީހުންގެ ޝަކުވާތައް އަޑުއެހުމާއި ޚިދުމަތަށް ވަގުތު ހުސްކޮށްލެވުނެވެ. އިންޖެކްޝަންތައްފަދަ ތަދުތައްވެސް ތަހައްމަލު ކުރަން ޖެއްސިޔަސް އޭނަގެ އޯހާތެރި ލަފުޒުތަކުން ހިތްތަކަށް ފިނިކަން ދެމުންނެވެ. އެންމެފަހުން ހުސްވަގުތުކޮޅެއް ލިބުމުން ގޮނޑިއެއްގައި ޖައްސައިލެވުމާއެކު ސިކުނޑިއަށް އައީ މަންމައެވެ. ރޫބީވެސް އޮފް ދުވަހެކެވެ. ސައިތަށީގައި ހިފަހައްޓައިގެން ހުރި އިނގިލިތަކަށް ބާރުކޮށްލެވުނެވެ. ވިންދުވެސް އަވަސްވިއެވެ. އަދިވެސް ފޯނުން ފެންނަން އިނީ މަންމަގެ މިސް ކޯލެވެ. ޖަވާބު ނުދެވިއެވެ. މަންމަ ބޭރަށް ނުކުމެއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ މަގުއޮޅިއްޖެނަމައެވެ. އޭނަ އެގޮތަށް މަންމަ އެކަނިކޮށްލާފައި އައިސްގެން ނުވާނެއެވެ. އޭނަގެ އިސްފަރާތުން ގުޅުމާއެކު އަމަލުކުރެވުނީ ކިހިނެއްހެއްޔެވެ؟ ވަގުތުން މުޅި ހަށިގަނޑާއި ނަފުސްވެސް އެކަމަށް ތައްޔާރުވެ އަވަސްވެގަނެވުނީ ކިޔަމަންތެރިވުމަށެވެ. އެކަމަކު މަންމަގެ ނަން ފޯނުން ދިއްލުމުން އޭނަ ހިމޭންކޮށްލީއެވެ. ކުށްވެރިކަމުގެ އިހުސާސް އޭނަގެ ހިތުގައި އަނދައިގަތެވެ. ދީނުގައި ސުޕަވައިޒަރަށްވުރެ އިސްކަން ދޭން އޮތީ މައިންބަފައިންނަށެވެ. ވެރިޔާގެ ސަބަބުން ތިމާގެ ދިރިއުޅުން ސަލާތް ކުރެވުނަސް ގިޔާމަތްދުވަހުގެ ސަލާމަތްކަން މައިންބަފައިންގެ ދުޢާއިން ލިބެއެވެ. އޭނަ މަންމައަށް ދެފަހަރު ގުޅަން މަސައްކަތްކުރިއެވެ. ކާމިޔާބެއް ނުވިއެވެ. އޭނަ އަވަހަށް ދަބަސް ނަގައިގެން ހޫނު އަވީގެ ތެރެއަށް ނުކުތީ ހިރަފުހުން ފޮރުވިފައިވާ ތަޅުންމަތީގައި ބޫޓުން އަޑު ގޮއްވަމުންނެވެ. ގޭޓާއި އަރާހަމަވީއިރު އޭނަގެ ހިތް ރޭސްޖަހާފައިވިއެވެ. އޭނަގެ ޚިޔާލަށް ގެނެވުނީ މަންމައެވެ. މަގުމަތީގައި ބިރުގަނެ ގެއްލިފައެވެ. ދާނެ ކޮޅެއް ނޭގިގެން މަގުމަތީގައި އެނބުރި އެނބުރިއެވެ. ކުއްލިއަކަށް ގޭޓުން ވަންނަން އައި މީހެއްގެ ގައިގާ އަޅާނުގަތީ ހަމަ ކިރިޔާއެވެ. "މިރިއަމް؟" އޭނަ ސިއްސައިގެން ގޮސްފާ ބަލައިލިއެވެ. ކުރިމަތީގައި ހުރީ ހަމްޒާއެވެ. އަތުގައި ކާރުގެ ތަޅުދަނޑިއެވެ. އޭނަގެ މޫނަށް ބެލުމުން ހަމްޒާ ނުތަނަވަސްވީކަން އެނގުނެވެ. "އާ ޔޫ އޯކޭ؟ މުޅިން ހުދުވެފައި.." މިރިއަމްގެ އަތުގައި ހުރި ސާޖިކަލް ޓްރޭއަށް ބަލައިލަމުން އޭނަ ބުމަ އަރުވައިލިއެވެ. އެއާއެކު އޮޅިގެން މިގެންދެވުނީ ހޮސްޕިޓަލުގެ އެއްޗެއްކަން އެނގުނެވެ. ބޯ ހޫރައިލެވުނެވެ. "މަންމަ.....މަންމަ ގުޅީ....އެކަމަކު މިހާރު ޖަވާބެއް ނުދޭ...ގެއަށް ދާން އަވަސްވެފައި ހުރިވަރުން..." "އެންމެ ރަގަޅު...އަހަރެން ގެއަށް ލާދީފާނަން.." ހަމްޒާ އެ ޓްރޭ އަތުލާފައި އެހެން ދިޔަ މުވައްޒަފެއްގެ އަތަށް ދިނެވެ. މިރިއަމް ދެބަސްވުމެއްނެތި އަވަހަށް ކާރުގެ ފަހަތު ސީޓަށް އެރިއެވެ. އުނގުމަތީގައި އޮތް އަތުގެ އިނގލިތައްވެސް ތުރުތުރުލާތަން ފެނުނެވެ.ހަނި ހަނި މަގުތަކުން ދުއްވޭނެ އެންމެ ބާރަށް ގޮސް މިރިއަމް ދިރިއުޅޭ ގެއާއި ކާރު އަރާހަމަވިއެވެ. ކާރު ރަގަޅަށް މަޑުނުކުރެވެނީސް އޭނަ އަވަހަށް ކާރުން ފުންމައިލިގޮތުން ހަމްޒާވެސް ސިހުނެވެ. "ކެއަރފުލް..." އޭނަ މައްޗަށް ބަލައިލިއިރު ފެނުނީ މަތީބައިގެ ބެލްކަނީގައި ހުރި ގޮނޑިއެއްގައި ލެޕްޓޮޕް އިން މަސައްކަތެއްކުރަން އިން ޒުބޭރުއެވެ. ކާރުގެ އިންޖީނުގެ އަޑު އިވުމުން ތިރިއަށް ބަލާލާފައި ކުޑަކޮށް ލޯ ހިމަކޮށްލިއެވެ. އެ ނަޒަރުން މިރިއަމްގެ ހިތަށް ފިނިވިއެވެ. ޒުބޭރުގެ މޫނަށް އެތައް ކުލައެއް އެރިއެވެ. އެންމެ ކުރިން ހައިރާންކަމެވެ. ގަބޫލުކުރަން ދަތިވެފައެވެ. ދެން ތޫނުކަމެވެ. ދަތްދޮޅިއަށް ވާންވިއެވެ. އެ މަސްހުނި އިހުސާސް ގުޅުނީ ހަމްޒާގެ ކާރުން މިރިއަމް ފޭބުމުންނެވެ. ޒުބޭރުގެ ފަހަތުން ކުޑަދޮރުގެ ފޮތިތައް ހެލޭކަންއެނގުނެވެ. އޭރުވެސް އޭނަ އިނީ ތިރިއަށް ބެލިގޮތަށް ދުރުބަލައިލަން ނޭގިފައެވެ. މިރިއަމް ގެއަށް ވަންގޮތަށް އޭނަ ވިދުވަރެއްހާ ހަލުވިކޮށްގޮސް މަންމަގެ ކޮޓަރިއަށް ވަނެވެ. އެތަނުގައި މަންމަ ނެތެވެ. ހާސްކަމާއެކު އެތަން މިތަން ހޯދަމުންގޮސް މައްޗަށް އެރިއިރު ކައުޗެއްގައި އާފަލުކާން އިންތަނެވެ. އާފަލު އެގޮތަށް މަށާފައި ތަށްޓަކަށް އަޅާދިނީ ޒުބޭރު ކަން ޔަގީނެވެ. "މިރިއަމް...ރޫބީ އޮފް ވާހަކަ ނުބުނީ ކީއްވެ؟"ޒުބޭރުގެ އަޑު އެއްވަރަކަށް ހިފެހެއްޓިފައި ހުރިނަމަވެސް ހިތްހަމަނުޖެހުމެއްވިކަން ޔަގީނެވެ. "މަންމަ އެހެން އެކަނި ބައިންދާފައި ދާން ކެރުނީ ކިހިނެއް؟ މިރިއަމް އަންނަދެން އަހަންނަށްވެސް މީހަކު ގެނެވިދާނެ..." "ހަނދާން ނެތުނީ... ވަރަށް އަވަސް އަރުވާލާފައި ދެވުނީ...މަންމަ އެހާ ވަގުތުކޮޅަކަށް އޯކޭވާނެކަމަށް ބަލާފައި..." "އެގޮތަށް ޗާންސް ނަގާކަށް ނުވާނެ. ނޮޓް އެނީ މޯރ....އަބަދުވެސް ކޮންމެވެސް މީހަކު މަންމަ ގާތުގައި ހުންނަން ޖެހޭ....އެކަން އެންމެ ބޮޑަށް ދަންނާނެ މީހަކީ މިރިއަމްކަމަށް ހީކުރީ...."ޒުބޭރު އެއް އަތުން ބުމައިގާ ފިރުމައިލިއެވެ. މިރިއަމް ހުރީ ހުއްޓުންއަރާފައެވެ. މަންމަ ސަލާމަތުން ހުރީތީ އެކަމުގެ ހިތްހަމަޖެހުމާއެކު ލަދުވެތިކަމާއި ނުތަނަވަސްކަމާއި ކުށްވެރިކަންވެސް އިހުސާސްވިއެވެ. ހިތާހިތުން ﷲއަށް ހަމްދުކުރެވުނެވެ. މައިންބަފައިންގެ ދޭތެރޭ އޮތް މައްސަލައަކާއިހެދި މަންމައަށް އަދަބު ދިނުމުން އޭނަގެ ހިތަށްވެސް ވަކި ހަމަޖެހުމެއްލިބެނީއެއް ނޫނެވެ. ހިތާއި ސިކުނޑިވަނީ ތޫފާނެއްގެ ތެރޭގައި ހައްޔަރުވެފައެވެ. އޭނަގެ ހަޔާތުން ބަރަކާތް ނެތިގެން ގޮސްފައިވާކަމުގެ އިހިސާސްވެސް ކުރެވެނީއެވެ. ހުރިހާކަމެއްގެ އަސްލަކީ މަންމައާއިމެދު ފަރުވާކުޑަކޮށް ހިތުގައި ރުޅިވެރިކަން ބޭއްވުންހެއްޔެވެ؟ އޭނަގެ ނަޒަރު ދަތުރުކުރީ މަންމަގެ މޫނަށެވެ. މަންމަ ކޮންމެވެސް މީހަކާއި ވާހަކަދައްކާގޮތަށް ތުންފަތް ހަރަކާތްކުރާތަން ފެނުނެވެ. އޭނަ ކައިރިވެލުމުން އެނގުނީ މަންމަގެ ދުލުގައިވީ ޒިކުރުކަމެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ. ކިޔައިލަން ފަސޭހަ އެކަމަކު މީޒާންގައި ކިތަންމެހާވެސް ބަރު ކަލިމައެކެވެ. ނުނިމޭ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ