އަނބިމީހާ އާއި ދަރިފުޅަށް އަނިޔާކުރި ފިރިހެނެއްގެ ރުޅި މަޑުކުރަން ކައުންސެލިން ހޯދަން ކޯޓުން އަމުރުކޮށްފި

ދަރިފުޅަށާއި އަނބިމީހާއަށް އަނިޔާކުރި ފިރިހެނަކު ޖަލަށްލުމުގެ އިތުރުން އޭނާގެ ރުޅި މައިތިރި ކުރުމަށްޓަކައި ކައުންސެލިން ހޯދުމަށް އެ މީހާގެ ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ކ. ކާށިދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2020 ވަނަ އަހަރު އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅުގެ ގައިގައި ޖެހި ކަމަށް ބުނެ އެވެ. އޭނާއަށް ކުރީ އަތްލުމުގެ ދެ ދައުވާ އެވެ.
ދަރިފުޅަށް އަނިޔާކުރި މައްސަލާގައި ކޯޓުން ކުރި ހުކުމުގައިވަނީ އޭނާގެ އެކަމަށް އިންކާރު ކުރިޔަސް, ހެކިންގެ ހެކިބަހުން އެ ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާ އެއް މަހަށް ޖަލަށްލުމުގެ އިތުރުން ގާނޫނުލް އުގޫބާތުގެ ދަށުން ކޯޓަށް އޮންނަ ބާރުގެ ދަށުން އަދަބެއްގެ ގޮތުން ރުޅި މަޑުކުރުމާބެހޭ 40 ގަޑިއިރުގެ ކައުންސެލިން ހޯދުމަށް އަމުރުކުރާ ކަމަށް ހުކުމުގައިވެ އެވެ.
ކޯޓުގެ ހުކުމުގައިވަނީ ރުޅި މަޑުކުރުމާބެހޭ ކައުންސެލިން ހޯދުމަށް އެ މީހާގެ މައްޗަށް އަމުރުކުރީ އޭނާއަކީ އާދަޔާ ހިލާފަށް ރުޅިގަދަ މީހެއް ކަން ފާހަގަވާތީ އެވެ.
ދަރިފުޅަށް އަނިޔާކުރި މައްސަލާގައި އެއް މަހަށް ޖަލަށްލާން ހުކުމް ކުރިއިރު, އަނބިމީހާއަށް އަނިޔާކުރި މައްސަލާގައި ވެސް އިތުރު އެއް މަހާއި 29 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވައިފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ