އިސްރާއީލްގެ ޕާސްޕޯޓް މަނާ ކުރުމާ މެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭ: ގާސިމް

އިސްރާއީލުގެ މީހުން ރާއްޖެ ނާދެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި، އެމްޑީޕީން ހުށަހެޅި އިސްލާހަކީ ރައްޔިތުންގެ ހިތްތަކުގައި ޕީއެންސީއިން ނަފްރަތު އުފެއްދުމަށް ހުށަހެޅި މައްސަލައެއް ކަަމަށާއި އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމާ މެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ ރައްޔިތުން ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހެއް ހުށަހާޅާފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު، މީކާއީލް އަހުމަދު ނަސީމެވެ.
އެ ބިލަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ އިސްރާއީލްގެ ފާސްޕޯޓް މަނާކުރުމުގައި ވަރަށް ވިސްނުންވެރި ގޮތެއްގައި ނޫނީ ފިޔަވަޅު އެޅެން ނެތް ކަމަށެވެ. އަދި އެއީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަން ހަނދާން ނުކުރާތީ ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އިސްރާއީލުގެ ނެޝަނަލިޓީގެ މީހަކަށް ދިވެހިރާއްޖެ ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމާލާއިރު، އޭގެ މާނައަކީ ޔަޔޫދީނަށް ނާދެވޭ ގޮތަށް ނިންމާލާ ވާހަކަ އަޅުގަނޑު ކުރު ގޮތަކަށް ބުނާ ކަމަށް ވަންޏާ. އެއީ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުން އިމާމުވެފައިވާ ބަޔަކަށް ވާއިރު އަޅުގަނޑުމެން އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް ނަޒަރިއްޔާއަކުން ވިސްނާލަން ޖެހޭނެ، އެކަމާ މެދު ވަރަށް ފިކުރުވެރިކަމާއެކު ވިސްނާލަން ޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.
އަދި ރާއްޖެ ނޫނަށް އިސްލާމީ އެހެން ބައިވަރު ގައުމަތަށް އެބަތިބި ކަމަށާއި ނަމަވެސް އެފަދަ ފިޔަވަޅެއް އެޅުމަށް މަޖިލީހަށް ހުށަހަޅައި އެކަމާއި މެދު ބަހުސްކުރާ ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވިފައިވާ ބަޔަކީ މަޖިލީހުގެ މެންބަރުން ކަމަށާއި މަޖިލީހުގެ މެންބަރުން ނިންމާ ނިންމުމަކީ ރާއްޖެ މުސްތަގްބަލަށާއި ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން މެނުވީ ކުރެވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެެހެންކަމުން ނިންމުމެއް ނިންމަން ޖެހޭނީ އެ ހުރިހާ އޭންގަލްއަކުން ވިސްނާފައި ވަރަށް ކެތްތެރިކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.
މީކާއިލް ހުށަހެޅުވި ބިލްގައި އިޒްރޭލުގެ ޑުއަލް ސިޓިޒެންޝިޕް އޮތް ނަމަވެސް ރާއްޖެ އެތެރެނުވެވޭ ގޮތް އިސްލާހު ހުށަހަޅުއްވާފައިވެއެވެ. އެ އިސްލާހާ ދެކޮލަށް ވާހަކަދައްކަވަމުން ވިދާޅުވީ އެ ބިލް ދިރާސާކުރަން ޖެހޭ މިންވަރަށް ދިރާސާ ކޮށްގައި ނުވާ ކަމަށެވެެ.
"މެންބަރި މީކާއިލް ބިލް ހުށަހެޅިއިރު އެކަމާއި ދިރާސާކުރައްވަން ޖެހޭ ވަރަށް ކޮށްފައެއް ނެތް. އަދި ވިސްނާ ވަޑައިގަންނަޖެހޭ ވަރަށް ވިސްނާ ވަޑައިގެންފައެއް ނެތް. އެއީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިންމުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފްރަތު ނުފެއްދުމަށް ހުށަހެޅިފައިވާ މައްސަލައެއް." ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ