ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވުމުން ޢަބްދުﷲ ޖަމީލްގެ އާއިލާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮންރަބަލް ގާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ދިވެހި ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އެހީ ފުން ހިތާމައާއެކުގައި ކަމަށެވެ.
ގާސިމް ވަނީ މަރުހޫމްގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން އަދި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ދުއާ ދަންނަވާފައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލަކީ، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް އެ މަނިކުފާނު އެންމެ ފުރަތަމަ ފެށްޓެވީ، 6 މޭ 1953 ގައި ވުޒާރަތުލް މުވާޞަލާތުގެ އޮބްޒަރވަރެއްގެ ވަޒީފާއިންނެވެ.
ރައީސް ނާސިރާއި ރައީސް މައުމޫނުގެ ވެރިކަމުގެ ގިޔާދަތުގެ ދަށުގައި އެކި މަގާމުތަކުގައި ހުންނަވައިގެން، އެ ދާއިރާތަކުގެ ތަރައްޤީއާއި ކުރިއެރުމަށް އެ މަނިކުފާނު ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ.
ޢަބްދުﷲ ޖަމީލަކީ، ރައްޔިތުންގެ މަޖިލީހުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައިވެއެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 14 އަހަރަށްވުރެ ގިނަދުވަހު އެ މަނިކުފާނު ވަނީ ކުރައްވައިފައެވެ.
ޢަބްދުﷲ ޖަމީލަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. އަދި އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައި ވަނީ 10 ނޮވެންބަރު 2008 ގައެވެ.
ޢަބްދުﷲ ޖަމީލްގެ އާއިލާއަށް ގާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ