އދ. ދަނގެތީގައި ވަރަށް އަނިޔަވެރިކޮށް މަރާލާފައިވާ އެ ރަށުގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 ފެބްރުއަރީ 2022 ގައެވެ. ގާތިލް ސާލިމް މަރަން ހުކުމް އިއްވީ ކްރިމިނަލްކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.
ގާޒީ ޝަކީލަކީ ބޮޑެތި މައްސަލަތަކުގައި ރަނގަޅަށް ފައިސަލާ ކުރުމަށްފަހު ހުކުމް އިއްވުމުގައި ޖެހެލުން ކުޑަ ގާޒީއެކެވެ. އާދަޔާ ހިލާފް ބޮޑެތި މައްސަލަތަކާ ގުޅިގެން އެކިފެންވަރުގެ އިންޒާރުތައް ގާޒީ ޝަކީލަށް ލިބިވަޑައިގަންނަވައެވެ.
ގާޒީ ޝަކީލް ބައްލަވާ ހުކުމް ކުރައްވާފައި ވަނީ ކުރީގެ ރައީސް ޔާމީނުގެ މައްސަލަ އެކަންޏެއް ނޫނެވެ. ހަނދުމަފުޅު އައުކޮށް ލައްވާށެވެ. ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އުފުލުނު ރިޝްވަތާއި މަނީލޯންޑްރިންގ ކުށް ސާބިތުވުމުން ނިޔާ ކަނޑަ އެޅުއްވި ހުކުމް ނޫނަސް ގާޒީ ޝަކީލް ވަނީ އެތައް މައްސަލައެއްގައި އެތައް ބަޔަކަށް ކުދި ބޮޑު ހުކުމްތައް ކުރައްވާފައެވެ. ނުރައްކާތެރި ބިރުހުރި ކިތަންމެ މައްސަލައެއް ގާޒީ ޝަކީލް ވަނީ ބައްލަވާ ހުކުމް ކުރައްވާފައެވެ.
ނޮވެމްބަރު، 2015 ގައި ހުސައިން ރަޒީން (ރަބަރޭ) މަރައިލުމަށް ފަހު ލަންކާގެ ސަރަހައްދަކަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގެ ޝަރިޢަތް ކުރެއްވީ ވެސް ގާޒީ ޝަކީލެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައެއް ތިލަވިއެވެ. ހިބަޅިދޫ ހަތިޔާރު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔެއްގެ މައްޗަށް ކުށްސާބިތުވިއެވެ. އަދީބާ ދެކޮޅަށް އުފުލުނު ހިބަޅިދޫ މައްސަލައިގައި އަދީބަށް ހުކުމް ކުރެއްވީވެސް ގަޒީ ޝަކީލެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ދޮގު ތުހުމަތުގައި ގާސިމް އިބްރާހީމް އާއި ދެކޮޅަށް ޔާމީނު ސަރުކާރުން ދައުވާކުރިއެވެ. ނުފޫޒު ފޯރުވައިގެން ގާސިމް އިބުރަހިމްއަށް ހައްގުނޫން އަދަބުތަކެއް ދޭން ރައީސް ޔާމީނު ވެރިކަމުގައި ހުންނަވައިގެން މަސައްކަތްތަކެއް ކުރެއްވިއެވެ. އެ ނުފޫޒުގައި އެފަހަރުވެސް ގާޒީ ޝަކީލު ޖެހިވަޑައެއް ނުގަތެވެ. ނަތީޖާއަކަށް ވީ ޔާމީނު ސަރުކާރުން ނުފޫޒު ފޯރުވައިގެން ގާޒީ ޝަކީލް ފެމެލީ ކޯޓަށް ބަދަލުކުރުމެވެ. އެކަމުން އެނގިގެން ދަނީ ވަޒީފާގެ ބިރަށް ގާޒީ ޝަކީލަކީ އެއްވެސް އިރަކު އިންސާފުން އެއްކިބާވެ ވަޑައިގެން ބޭފުޅެއް ނޫންކަމެވެ.
ހަރުކަށިކަމާއި އަނިޔާވެރިކަމާއި ޖެހެލުން ކުޑަކަމަށް ބަލާއިރު ކުރީގެ ރައީސް ޔާމީނަށް ވުރެ އަރާހުރި ވެރިއަކު މިގައުމު ނުދެކެއެވެ. ޔާމީނުގެ އަނިޔާވެރިކަމާއި ނުފޫޒަށް ބޯނުލެންބުނު ގާޒީއަކު މިސަރުކާރަށް ބޯލެންބޭނީ ކިހިނެތް ހެއްޔެވެ.
ގާޒީ ޝަކީލު ހައިކޯޓަށް ބަދަލުވެ ވަޑައިގަތީ ހުސްވެފައިވާ މަގާމަކަށް އެޕްލައި ކުރައްވައިގެން ގާނޫނީ ހަމައިންނެވެ. އަދުލުވެރިކަމާއި ގާބިލުކަން ހުރެގެންނެވެ.
ސާލިމް މަރަން ހުކުމްކުރި ގާޒީ ހައިކޯޓް ބެންޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ