ޔާމީނަށް ކުރީ އެންމެ ހަލާލު ހުކުމް، ޔާމީން ޖަލަށް ލައިގެން އިދިކޮޅުން ކަންބޮޑެއް ނުވޭ: ރޮޒޭ

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވި ނަމަވެސް އެކަމާ އިދިކޮޅު ސަޕޯޓަރުން ކަންބޮޑުވެގެން ނޫޅޭ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ އިދިކޮޅުން މިހާރު މުޒާހަރާ ކުރަނީ ރިޔާސީ އިންތިހާބު ކައިރިވަމުންދާތީ ކަމަށެވެ.
“މީގެ ކުރީގާ ރައީސް ޔާމީން ޖަލަށްލާފައި އޮތްއިރުވެސް އަޅުގަނޑުމެންނަކަށް ނުފެނޭ އެ މީހުން (އިދިކޮޅު ސަޕޯޓަރުން) މާހާސްވެގެން މަގުމައްޗަށް ނުކުމެގެން އުޅުނު ތަނެއް. މިހާރު އަސްލު ވެގެން އުޅޭ ގޮތަކީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައިވާތީ ޕާޓީގެ ރޫހު އަލާކޮށްލުމުގެ ގޮތުން ހިންގާ ހަރަކާތެއްގެ ގޮތުގާ އަޅުގަނޑަށް ބެލެވެނީ” ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީނަކީ ދިވެހި ރައްޔިތުންގެ ފައިސާއަށް ހިޔަނާނަތްތެރި ނުވާނެ ކަމަށް ހުވާ ކޮށްގެން ހުރި ބޭފުޅަކަށްވާއިރު، އެހެން މީހުންގެ މައްސަލަތައް ބަލަންވާނީ ޔާމީންގެ މައްސަލަތައް ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން ޔާމީނަށް ކުރި ހުކުމަކީ ‘ހަރާން” ހުކުމެއް ކަމަށް އިދިކޮޅުން ބުނި ނަމަވެސް އެ ހުކުމަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ކުރެއްވި އެންމެ “ހަލާލް” ހުކުމް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ