ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،412 މީހުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،412 މީހުން

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބަލަހައްޓަމުން ގެންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14,412 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެ އެޖެންސީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޖޫން މަހުގެ ނިޔަލަށް އެ ދަފްތަރުގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4،117 މީހުން ތިއްބެވެ. އޭގެ ތެރޭގައި 2،299 ފިރިހެނުންނާއި 1،818 އަންހެނުން ހިމެނެ އެވެ.
މަލްޓިޕަލް ޑިސްއެބިލިޓީ ގިންތީގައި ހިމެނެނީ 3،224 މީހުން ހިމެނެ އެވެ. އެއީ 2،090 ފިރިހެނުންނާއި 1،134 އަންހެނުންނެވެ.
ވިސްނުން ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،889 މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 1،070 ފިރިހެނުންނާއި 722 އަންހެނުންނެވެ. ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 1،793 މީހުން ތިބިއިރު އެއީ 1،071 ފިރިހެނުންނާއި 722 އަންހެނުން ހިމެނެ އެވެ.
އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުރި 1،745 މީހުން ރާއްޖޭގައި އެބަތިއްބެވެ. އެއީ 823 ފިރިހެނުންނާއި 922 އަންހެނުންނެވެ. ލޮލުމުގެ ފެނުމުން މަހުރޫމްވެފައިވާ 1,003 މީހުން ތިބިއިރު އެއީ 532 ފިރިހެނުންނާއި 471 އަންހެނުންނެވެ. އޯޓިޒަމަށް ޑައިގްނޯސްކޮށްފައިވާ 463 ފިރިހެނުންނާއި 123 އަންހެނުން މި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައި ވެ އެވެ.
އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 55 މީހުން ވެސް އެ ދަފްތަރުގައި ރަޖިސްޓްރީވެފައި އެބަތިއްބެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީތެރިކަމެއް ދިނުމުގެ ޕްރޮގްރާމެއް ތައާރަފުކޮށް, އެ ޕްރޮގްރާމުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް މަހަކު 2,000ރ. ގެ އިނާޔަތެއް ދޭން ފެށީ 2011 ވަނަ އަހަރެވެ. އެ އިނާޔާތް 3،000ރ. އަށް ބޮޑުކުރީ މިދިޔަ ސަރުކާރުގަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 2011 ވަނަ އަހަރު ތައާާރަފުކުރި އިރު, އެ އެލަވަންސް ލިބޭ 3,560 މީހުންނާއެކު އެކަމަށް ސަރުކާރުން ހަރަދުކުރީ 79.3 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ