ކަފިހިހުރަސްމަތިން ދަނިކޮށް ސައިކަލެއްގައި ޖެހި އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ކަފިހިހުރަސްމަތިން ހިނގަނިކޮށް ބާރަށް ދުއްވާފައިދިޔަ ސައިކަލަކުންޖެހި އަންހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:16 ހާއިރުއެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ ފޭސް 1 ގެ ބަގީޗާ ހިނގުމުގައެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. ސީރިއަސް އަނިޔާއެއް ލިބިފައިނުވި ނަމަވެސް އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.
އަންހެންމީހާ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިނީ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށާއި، އޭނާ އަކީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ އެކްސިޑެންޓްވި ސައިކަލު ޓޯވކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
ހުޅުމާލެއަކީ މިހާރު ވަރަށްގިނައިން އެކްސިޑެންޓްތައް ހިނގަމުން އަންނަ ތަނެކެވެ. އެގޮތުން ހުޅުމާލޭގައި އެންމެގިނައިން އެކްސިޑެންޓްތައް ހިނގާ އެއް ސަރަހައްދަކީ ނިރޮޅުމަގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ