ރައްޔިތުން އެދުނުގޮތަށް އިބޫ ކުރާ ހެޔޮވެރިކަން

ކަނު މީހުންނަކަށް ތަންތަނެއް ތަންތަނެއް ނުފެންނާނެއެވެ. ބީރު މީހުންނަކަށް އަޑެއް ނީވޭނެއެވެ. މަންމަނުންނަށް ބަހެއް ނުބުނެވޭނެއެވެ. ހިއްސުކެނޑުނީމާ އިހުށަސެއް ނުވާނެއެވެ. އަބަދުވެސް ދިވެހިންގެ ގިނަ ބަޔަކަށް ނަގައިގެން ކަތީބު މޮޅުވާނެއެވެ. އޮންނަގޮތެއް ކަމަކު ނުދާނެއެވެ. ކަންބޯނެ އެކައްޗެއް ނެތްއިރުވެސް ބަނީ އިސްރާޅު ބާގާ މީހުންނަށް މަންނާއި ސަލްވާވެސް ކަމަކު ނުދިޔައެވެ. ބަހަނާއާއި ޝަކުވާ ކުރުމުގައި ބަނީ އިސްރާއީލުންގެ ގެރި ކަތިލުން މިސާލަކަށް ފުދެއެވެ.
ދިވެހި ރައްޔިތުންނާއި އެމްޑީޕީ މެންބަރުން ރައީސް ސާލިހުގެ އަރިހުން އެދުނީ ޔާމީނާ އޭނާގެ ކޮރަޕްޓް އައުވާނުން ގާތްނުކޮށް ހެޔޮވެރިކަމެއް ކޮށްދޭށެވެ. ތަފާތު ނުކޮށް ކޮންމެ މީހަކަށްމެ އަސާސީ ހިދުމަތް ހޯދަދޭށެވެ. ޖަޒީރާވަންތަ ފާގަތި ދިރިއުޅުމެއް ހޯދުމުގެ ފުރުސަތު ހޯދަދޭށެވެ. އަނިޔާވެރި ގޮތުގައި ހިފާހައްޔަރުކުރިހާ ސިޔާސީވެރިން މިނިވަންކޮށް އެ މީހުން ބައިވެރިކޮށްގެން ސަރުކާރު ހިންގާދޭށެވެ. ގޮތްނޭގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދާދިނުމަށް މަސައްކަތްކުރުމަށެވެ. ދައުލަތުން ދަވާލުމުގައި އުޅުނު އެންމެންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގާ ދައުލަތުން ގެއްލުނު ފައިސާ ހޯދާދިނުމަށް މަސައްކަތް ކުރުމަށެވެ. ދައުލަތުގެ ނަމުގައި މީސްމީހުނަށް ދީފާވާ ގެއްލުންތަކަށް އަދުލުވެރި ބަދަލު ހޯދާދިނުމަށެވެ.
އިންސާފުގެ ތަރާދުން އެކަންކަމާ މެދު ކިރާލައްވާށެވެ. ކުރިކަމަކާ ނުކުރާ ކަމެއް އެގެން އެ އޮތީއެވެ. ނުކުރެވި އޮތްކަމެއް ނުކުރެވި އޮތީ ކީއްވެކަމާ މެދު ވެސް އިންސާފުގެ ލޮލަކުން ބަލާލައިލުން ރަނގަޅެވެ. ވަކިވަކިން ކަންކަމަށް ޖުމްލަކޮށް ނަޒަރު ހިންގާލާށެވެ. ހަގީގަތް ސާފުކޮށް އެއޮތީ ހާމަޔަށް ފެންނާށެވެ.
ރައްޔިތުން އެދުނު ގޮތަށް ސަރުކާރު ހިންގުމުގައި ޔާމީނާ އޭނާގެ ކޮރަޕްޓް އައުވާނުން ގާތެއް ނުކުރައްވައެވެ. އަނިޔާވެރި ގޮތުގައި ހިފާހައްޔަރު ކުރިހާ ސިޔާސީވެރިން މިނިވަންކުރައްވާ ސަރުކާރު ހިންގެވުމުގައި އެ މީހުން ބައިވެރި ކުރެއްވިއެވެ.
ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ދެއްވުމުގައި ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާ އެރަށަކާ އެކަށޭނަ މިންވަރަށް ސާފު ބޯފެނާއި ނަރުދަމާއާއި ބަނދަރާއި ކަރަންޓާއި ސިއްހީ ހިދުމަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގުތައް ހެދުމާއި ސްކޫލު މަދަރުސާއާއި ކުޅޭ ބިންތައް ސަތޭކަ އެތައް ރަށެއްގައި ތަރައްގީ ކުރައްވައިފިއެވެ. އަސާސީ ހިދުމަތް ގާއިމު ކުރުމުގެ ބޮޑު މަސްރޫއު ތަކެއް ނުހިނގާ އެންމެ ރަށެއް ވެސް ނެތެވެ.
ހިޔާވަހި ކަމުގެ ބިޔަ މަސްރޫއެއް މާލެ ސަރަހައްދުގައި ބާރަށް ކުރިއަށް އެބަދެއެވެ. އެތައް ރަށެއްގައި ފްލެޓްއަޅާ ގޯތި ދިނުން އެހެރީ ހިނގަ ހިގައެވެ. މާލޭގެ ތޮއްޖެހުން ނައްތާލުމަށް ތިންހާހަށް ވުރެ ގިނަ ގޯތި ދިނުމުގެ ފަހުގެ ތައްޔާރީތައް އެ ހުރީ ވެނިމިފައެވެ. މާލެ ސަރަހައްދަށް ޕިކްނިކް އައިލެންޑެއް އެއޮތީ ވުޖޫދުކޮށްފައެވެ. ބައިނަލް އަގްވާމީ ފެންވަރުގެ ދުވާ ޓްރެކަކާއި އެތައް ގިނަގުނަ ހަށިހެޔޮ ކުރުމުގެ ވަސީލަތްތައް މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި އެއޮތީ ގާއިމުކޮށްފައެވެ. 
ކަންކަން ފަހުމްވާނީ ތެދު ނިޔަތުގައި ޝުކުވެރި ވާނަމަތާއެވެ. މި ސިލްސިލާގެ މިބައިގާ މަތިމަތިން ބަލައި މިލެވުނީ ދާދި ކުޑަ މިންވަރަކަށް ޖުމްލަ ގޮތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ