މަސައްކަތްކުރާ އުމުރުގެ އާބާދީގައި ނަފުސާނީ ބަލިތައް އިތުރުވުމުގެ ކަންބޮޑުވުން ނާޒިމް ފާޅުކުރައްވައިފި

ރާއްޖޭގައި މަސައްކަތް ކުރާ އުމުރުގެ އާބާދީގައި ނަފުސާނީ ބަލިތައް އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ފާޅުކުރައްވައިފައެވެ. ނާޒިމް އެހެން ވިދާޅުވީ، އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމާ ގުޅޭ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތް ކަވަރޭޖް (ޔޫއެޗްސީ) ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި އިއްޔެ ދެއްކެވި ވާހަކަފުޅުގައެވެ. ނާޒިމް ވިދާޅުވީ، ރާއްޖޭގެ ޔޫއެޗްސީއަކީ ހަމައެކަނި ސިޔާސަތެއްގެ ގޮތުގައި ދެކެވޭ ވާހަކައެއް ނޫންކަމަށާއި އެއީ އަޚުލާގީ އަދި އިޖުތިމާޢީ ވައުދެއް ކަމަށެވެ. އަދި އެއީ ހަމަހަމަކަން އެކުލެވޭ، ހަރުދަނާ ސިއްހީ ނިޒާމުތަކެއްގެ ބިންގާކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ރާއްޖޭއަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ މައްސަލަ ކަމަށެވެ. އެގޮތުން ރާއްޖެގައި މަރުވާ މީހުންނާއި، ބަލިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހިފައިވާ މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސިއްހީ ޚިދުމަތްތަކަށް އޮތް ޑިމާންޑު ބޮޑުވަމުން އަންނައިރު، އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތަކުގެ ދެމެހެއްޓެނިވި ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ތަފާތުތައް މިހާރު ފެންނަމުންދޭ. އެއީ އަޅުގަނޑުމެންގެ ކާނާގެ ނިޒާމުތަކަށާއި، އާމްދަނީ ހޯދާ ގޮތްތަކާއި، ނަފުސާނީ ދުޅަހެޔޮކަމާއި، ސިއްހީ އުމްރާނީ ވަސީލަތްތަކުގެ ވިލުންތެރިކަމަށް ވެސް އަސަރުކުރުވާ ކަމެއް. ޚާއްސަކޮށް ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ އާބާދީގެ ތެރޭގައި ނަފުސާނީ އެހީ ބޭނުންވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވޭހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް މީގެ އިތުރުން، ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ދަށްވެ، އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ. ނަމަވެސް، ގައުމީ ސިއްހީ ރައްކާތެރިކަމުގެ ނިޒާމުުގެ ތެރެއިން އާސަންދައާއި، އެފަދަ ޚިދުމަތްތަކުގެ ސަބަބުން، ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންޑެކްސް 70 އިންސައްތައާ ހަމައަށް އަރައިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނާޒިމް ވަނީ، ރާއްޖޭގެ ރަށްތައް އުފެދި، ބެހިފައިވާ ގޮތުން، ރަށްރަށަށް ސިއްހީ ޚިދުމަތްތެރިން ފޯރުކޮށްދިނުމަށާއި ޚިދުމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވައިފައެވެ. އަދި، ބޭރުގެ ސިއްހީ މަސައްކަތްތެރިންނަށް ބަރޯސާވެފައިވުމަކީ މި ނިޒާމުގެ ހުރި ނާޒުކު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޔޫއެޗްސީ ފޯރަމް: ނާޒިމްގެ ވާހަކައިގައި ވަނީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައި -- ފޮޓޯ/ ހެލްތު މިނިސްޓްރީ އޭނާ ވިދާޅުވީ، އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލައި، ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދަން، 2026އިން 2030އަށް މަގު ޗާޓެއް އެކުލަވައިލަން ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި ނަފުސާނީ ބަލިތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވީ ނަމަވެސް، އެކަމާ ގުޅޭ ރަސްމީ ގައުމީ ދިރާސާއެއް ފަހުގެ ތާރީޚެއްގައި ކޮށްފައިނުވެއެވެ. އެހެންނަމަވެސް، އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުން އިތުރުވަމުން އަންނަކަން އިދާރާތަކުން ފާހަގަކުރެއެވެ. https://sun.mv/214066 ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުން ވަނީ، ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް ފެބްރުއަރީ 21، 2024ގައި ގާއިމުކޮށްފައެވެ. އެ ހެލްޕްލައިންގެ ގޮތުގައި ގުޅާ ނަންބަރަކީ 1677އެވެ. މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އަންނަ ޖަނަވަރީ އެކަކުން ފެށިގެން, ނަފުސާނީ ބަލިތަކުގެ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖައްސާނެ ކަމަށް އިއުލާންކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ