އެޗްޑީސީ އާއި މިނިސްޓްރީން ބަނދަރު ބެލެހެއްޓުން ގާނޫނާ ހިލާފު: އާޒިމް އެޗްޑީސީ އާއި މިނިސްޓްރީން ބަނދަރު ބެލެހެއްޓުން ގާނޫނާ ހިލާފު: އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓު މިނިސްޓްރީން ބެލެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް މާލޭގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގެ ބަނދަރުތައް ބޭނުން ކުރުމުގައި މަސްވެރިންނަށް ވެސް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. ނަމަވެސް އެކަން ހައްލު ކުރުމަށްޓަކައި މަސައްްކަތް ކުރާއިރު، އެ ތަންތަން ކޮންޓްރޯލް ކުރަނީ އެޗްޑީސީ އާއި މިނިސްޓްރީން ކަމަށެވެ.
"ލަމަރުކަޒީ ގާނޫނު ބުނާގޮތުން ވެއްޖެއްޔާމުން ހުރިހާ ބަނދަރުތަކެއް ހުންނަޖެހޭނީ އަޅުގަނޑުމެންގެ [ކައުންސިލްގެ] އަތުގައި އިންޓަނޭޝަނަލް ބަނދަރު ނޫނިއްޔާ، އެއީ ސީދާ ގާނޫނާ ހިލާފަށް އެޗްޑީސީން ވެސް ކުރާ ކަމެއް، ގާނޫނާ ހިލާފަށް ޓްރާސްޕޯޓު މިނިސްޓްރީން ވެސް ކުރާކަމެއް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މި ފަހުން މަސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން މާލޭގެ ފަޅަށް މަސްދޯނިފަހަރު ވަންނަން ހުރަސް އެޅުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، މާލޭގެ ފަޅަށް ވަދެވޭނެ އުޅަނދުފަހަރާއި ނުވަދެވޭނެ އުޅަނދުފަހަރު ކަނޑައެޅުމުގެ ބާރު ވެސް އޮތީ މާލެ ސިޓީ ކައުންސިލަށް ކަމަށް އާޒިމް ވިދާޅުވި އެވެ.
ޑޮމެސްޓިކް ބަނދަރުތައް ބެލެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި އޮންނަނީ ކައުންސިލްތަކަށް ކަމަށްވިޔަސް، މި ސަރުކާރަކީ ގާނޫނަށް ތަބާވާ ސަރުކާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރަކީ އެއްގޮތަކަށް ވެސް ގާނޫނަކަށް ތަބާވާ ސަރުކާރެއް ނޫން، އެ މީހުންނަށް ހިތަށް އަރަނީ އެ މީހުންނޭ ގާނޫނަކީ، މަޖިލީހުން ހަދާފައި ހުންނަ ގާނޫނުތަކަކީ އެއީ އެ މީހުންނާ ބެހޭ އެއްޗެއް ނޫނޭ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްވެރިންނަށް ވެސް މާލޭ ފަޅަށް ވަނުމުގެ ހައްގު އޮންނާނެ ކަމަށާއި އެ މީހުންގެ އުޅަނދުފަހަރު މާލެ ފަޅަށް ވެއްދުން މަނާ ނުކުރެވޭނެ ކަމަށެވެ. މަނާކުރި ނަމަވެސް، ކުރެވޭނީ މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ