މާރާމާރީ ހިންގައިގެން އިތުރު ފުލުހަކު ހައްޔަރުކޮށްފި، ބަންދަށް ޖެހީ ދެ ދުވަސް

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި، މާރާމާރީ ހިންގުމުގެ ތުހުމަތުގައި އަނެއްކާވެސް ފުލުހަކު ހައްޔަރުކޮށް މިއަދު ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފިއެވެ. މިދިޔަ ހުކުރު ދުވަހު ވެސް ފުލުހަކު މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރިއެވެ. އެއީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ)އެވެ. އޭނާއަކީ ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރުމުގެ އިތުރުން ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ. އޭނާގެ މައްޗަށް ކުރީ، ސެލޫނަކަށް ވަދެ، އެ ތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެ ތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސް އެޅުމުގެ ތުހުމަތެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. https://sun.mv/214958 މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ ފުލުހަކީ، މ. ކޮޅުފުށްޓަށް ނިސްބަތްވާ، 22 އަހަރުގެ މުހައްމަދު މައުސޫމެވެ. އެ ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓަކުން ހިފެހެއްޓުމުން، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި، މާރާމާރީ ހިންގުމުންނެވެ. އެ މައްސަލައިގައި ކޯޓުން ވަނީ މައުސޫމަކީ ފުލުހެއް ކަމަށްވެފައި، އޭނާއަކީ ގާނޫނު ނެގެހެއްޓުމުގައި މަތީ ދަރަޖައަކަށް ޒިންމާ އޮތް މީހެއްކަން ފާހަގަކޮށްފައެވެ. ކޯޓުން ނިންމީ، އޭނާ ދެ ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށެވެ. https://sun.mv/214997 މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބަންދުކުރި ފުލުސް މީހާގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާއަކީ ކުރިން ވެސް އެ ސެލޫނަށް ދާ މީހެއް ކަމަށެވެ. އަދި މާރާމާރީ ހިންގި ދުވަހު އޭނާ ހުރީ "ހަމައިގައި ނޫން" ކަމަށާއި އެއީ ގިނަ ދުވަސްތަކެއް ވަންދެން ނުނިދާ ހުރުމުން ކަމަށް އޭނާ ބުނެފައިވެއެވެ. އެ މައްސަލައިގައި ފުލުހުން ބުނީ، އޭނާ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ