އަނެއްކާވެސް ފްލެޓް ދޭނެކަމަށް ބުނެ މަކަރާ ހީލަތުން ފައިސާ ހޯދުން އިތުރުވެއްޖެ

މި ދުވަސްވަރު އަނެއްކާ ވެސް ފްލެޓް ދޭނެ ކަމަށް ބުނެ ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާ ކަމަށާއި މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ގެއްލިފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ބުނެފިއެވެ. ބީއެމްއެލްއިން ބުނީ އެކި ނަންނަމުގައި މީހުން ގުޅާ، ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ އެ ބޭންކުން ތަކުރާރުކޮށް އާއްމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށް، އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް އެދެމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މިހަފުތާގައި ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ފޭސްބުކް ޕޭޖްތަކުން މުދާ ގަތުމަށް ފައިސާ ދެއްކުމުން އެ މުދަލެއް ނުދީ، ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް އިތުރު އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތް ހަދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. "މިކަން ހިނގާގޮތަށް ބަލާއިރު ފައިސާ ފޮނުވާ ފަރާތަށް އެ ޕޭޖާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުހުރޭ. އެހެންކަމުން ކާކުކަން ނޭގޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތް ނުކުރުމަށް އިލްތިމާސްކުރަން. އަދި އެކި ގޮތްގޮތަށް ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް އަދިވެސް އެބަ ހިންގާ،" އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވި ގޮތުގައި، ބޭންކަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު އެފަދަ މީހުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދައެވެ. އަދި ކަސްޓަމަރުންނަށް އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީ ވެސް ހިއްސާކުރެވިފައި އެބަހުރި ކަމަށާއި ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް މިފަދަ މައުލޫމާތެއް ދޭންނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވަނީ، އެއްވެސް ފަރާތަކާ މިފަދަ މައުލޫމާތެއް ހިއްސާ ނުކުރުމަށް ވެސް އެދިފައެވެ. ބީއެމްއެލް އިން ބުނީ، ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ ކަމަށް މި ފަހުން ވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބޭކަމުގެ ޝަކުވާވެސް ހުށަހަޅާ ކަމަށް ބުންޏެވެ. މި ގޮތަށް ފައިސާ ހޯދާ ފަރާތްތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން އެއްވެސް މައުލޫމާތެއް އެހެން މީހުންނާ ހިއްސާ ނުކުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ