މިތުރާ ގަޔާވެލީ... 08
ރޫބީ ތެޅެމުން ފޮޅެމުން ލިފްޓްގެ ކައިރިއަށް ދިޔައެވެ. ގަޑިޖެހެން ދެމިނެޓަށްވީއެވެ. ގަޑިއަށް އޮފީހަށް ނުވަދެވިދާނެތީ ރޫބީ ހުރީ ނޭވާވެސް ނުލައެވެ. ލިފްޓްގެ ދޮރު ހުޅުވުނެވެ. ރޫބީ އެތެރެއަށް ދެމިގަތެވެ. ލިފްޓްގައި ހުރި އިކާން ދެބުމަ ކައިރިކޮށްލަމުން، ރޫބީގެ ފައިން ފެށިގެން މޫނަށް ނަޒަރު ހިންގައިލިއެވެ. ******** ތިންވަނަ ފަންގިފިލާއިން ރޫބީ ލިފްޓަށް އަރަންޖެހޭ އެއްވެސް ސަބަބެއް އިކާންއަކަށް ނުވިސްނުނެވެ. ލިފްޓްގެ ދޮރު ލެއްޕެންދިޔަ ވަގުތު، ޔަޒްދާން ފެނުމުން އިކާންއަށް އެއް ކަމެއް ޔަގީންވިއެވެ. ރޫބީއާއި ޔަޒްދާން އާއި ދެމެދު ކޮންމެވެސް ގުޅުމެއް އެބަ އޮތެވެ. އިކާން ސައްކުގެ ނަޒަރަކުން ރޫބީގެ މޫނަށް ބަލައިލިއެވެ. ރޫބީއަކީ ސިއްރުވެރިކަމުން ފުރިފައިވާ އަންހެންކުއްޖެކެވެ. އިކާންގެ ހަޔާތަށް އައީ، ކޮންމެވެސް މަގުސަދެއްގައެވެ. އެކަމާއި ޔަޒްދާންއާއި ގުޅުމެއް ވެދާނެއޭ އޭނާގެ ހިތް ބުންޏެވެ. ރޫބީއާއި ބައްދަލުވީއްސުރެ އެއް ކަމެއްވެސް ރަނގަޅަށް ނުދިޔުން އެއީ އެކަމުގެ ހެއްކެކެވެ. ރޫބީގެ ނަޒަރު ފޯނުގެ އިސްކްރީނުން ވަކިނުވެއެވެ. ގަޑި ހިނގަމުންދާވަރު އަވަސްހެން އޭނާއަށް ހީވަނީއެވެ. ލިފްޓްގެ ދޮރު ހުޅުވުނުއިރު، އަށެއް ޖަހައިފިއެވެ. ފަހަތުގައި ހުރީ ކާކުތޯ ބަލައިލުންވެސް ރޫބީއަށް މުހިއްމެއް ނުވިއެވެ. އިކާން ނިންމީ ރޫބީ ގަސްދުގައި އިނގޭކަމަށް ނުހެދީކަމަށެވެ. ރޫބީއަށްވުރެ ކުރިން އިކާން ލިފްޓުން ނުކުތެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާޑު ޖެއްސިއެވެ. އިކާން ނިމެންދެން މަޑުކޮށްލައިގެން ހުރި ރޫބީއަށް ކާޑު ޖެހުނުއިރު، އެއް މިނެޓު އިތުރަށް ހިނގައިފިއެވެ. ރޫބީ ތުންފިއްތައިލަމުން އިކާންއަށް ބަލައިލީ އިކާން ގަސްދުގައި ލަސްކުރީކަން އެނގުމުންނެވެ. އިކާން އެއްމިޔަކަނުން ހީލާފައި ގޮސް ކެބިންއަށް ވަނެވެ. ރޫބީއަށް ލަނޑެއް ދެވުމުން އޭނާ ހުރީ އުފަލުންނެވެ. ރޫބީ އެތެރެއަށް ވަންއިރު، އެންމެން ތިބީ ބަލަހައްޓައިގެންނެވެ. އަލަށް މީހަކު ކަމެއްކޮށްގެން އުޅޭ ފަދައިންނެވެ. ކުށްވެރިވެފައިވާ ހާލު ރޫބީ ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ. ހަމަ އިށީނުމާއިއެކު ފޯނު ރިންގްވާން ފެށިއެވެ. "އައިސްބަލަ!" ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ ނިޝްރީނެވެ. ރޫބީ ހިތާއިހިތުން އިކާންއަށް އެއްޗެހި ކިޔަމުން ނިޝްރީންގެ މޭޒު ކައިރިއަށް ދިޔައެވެ. ގަޑިޖެހުމުން ނަސޭހަތަކަށްވުރެ ބޮޑަށް ނިޝްރީން ފާޅުކުރީ ނުރުހުމެވެ. ވާހަކަ ދެއްކީ ރޫބީ ދަށްކޮށްލާ ގޮތަށެވެ. ފަނަރަ މިނެޓަށް ދެމިގެންދިޔަ ނަސޭހަތް އަޑުއަހަން ރޫބީ ހުރީ ކޮޅަށެވެ. އެނބުރި މޭޒު ކައިރިއަށް ދިޔައިރު، ރޫބީގެ މޫނުމަތި ވަނީ މިލާފައެވެ. ހެނދުނުގެ ތާޒާކަން ގެއްލުނެވެ. މޭޒު ކައިރީގައި އިނދެފައި ރޫބީ އިކާންގެ ކެބިންއަށް ބަލައިލީ އިކާން ކުށްވެރިކުރާ ފަދައިންނެވެ. ހުރިހާ ކަމެއްވެސް ވީ އިކާންގެ ސަބަބުންނެވެ. އިކާން އިނީ ރޫބީއަށް ބަލަހައްޓައިގެންނެވެ. ހީވީ އެވަގުތަށް އިންތިޒާރުކޮށްގެން އިންހެންނެވެ. ރޫބީ ތުންފިއްތާލުމުން، އިކާން ފަހުރުވެރިވެލާފައި ހީލިއެވެ. ރޫބީ ވަކީން ރުޅިގަދަވިއެވެ. އިކާންގެ މުޅި ދުވަސްވެސް އުޖާލާވިހެން ހީވިއެވެ. އެއިން ދުވަހެއްގައިވެސް އޭނާއަށް އެފަދަ އުފާވެރިކަމެއް ނުލިބެއެވެ. "ތީ އެކަމަކު ކުޑަކުދިން ކުރާ ކަހަލަ ކަންކަން" އިކާންގެ ހަރަކާތްތަކަށް ބަލަން އިން މިފްޒާލް ދެފަރާތަށް ބޯ ހޫރައިލިއެވެ. "އޭނަގެ ޑީޓެއިލް ހޯދަން ތި އެންގީ ހަމަ ޔަޒްދާންއާ މީޓްކުރީމަތަ؟ ހާދަ ހީވެޔޭ ތި ހިތުން އެކުއްޖާއަށް...." "އަހަރެން ލައިކްވާ ކަހަލަ އެއްވެސް ސިފައެއް އޭނަގެ ގަޔަކު ނެތް" މިފްޒާލްގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން އިކާން ޖަވާބުދިނެވެ. "ތިއެއްނޫނޭ... ހަވީރު ހަދާނެ ގޮތެއް ނިންމައިފިންތަ؟" އެއްޗެއް ހަނދާންވާ ފަދައިން މިފްޒާލް ބުނެލިއެވެ. "މިބުރު ނެތް އެއްވެސް ޗޮއިސްއެއް... ދެން ދާނީ... އޭނަ ރިޖެކްޓްކުރާވަރު ކުރީމަ އަނެއްކާވެސް ޓައިމްކޮޅެއް ލިބިދާނެ ކަންނޭނގެ" އިކާން ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަރެން ދެންތަ އައިޑިއާއެއް؟" މިފްޒާލްއަށް އައީ މޮޅު ހިޔާލެކެވެ. ******** ޔަޒްދާންގެ ކެބިންއަށް ވަން ނިޝްރީން ހުރީ ޖެހިލުންވެފައެވެ. ވިހި އަހަރު އެއް އޮފީހަކަށް ހިދުމަތްކުރިއިރު، އޭނާ ޔަޒްދާންގެ ކެބިންއަށް ވަން އެއީ ފުރަތަމަ ފަހަރެވެ. މޭޒުކައިރީގައި ޔަޒްދާން އިންއިރު، ޔަޒްދާންގެ ކައިރީގައި ފިރިހެނަކު ހުއްޓެވެ. ދެމީހުން ތިބީ މުހިއްމު ވާހަކައެއް ދައްކާށެވެ. ނިޝްރީން ވަނުމުން، ދެމީހުންގެ ނަޒަރު އެއްފަހަރާ ކަހަލަ ގޮތަކަށް ނިޝްރީނަށް ހުއްޓުނެވެ. "އިށީނދޭ!" ޔަޒްދާންގެ ބަރު އަޑުން އެކަނިވެސް ނިޝްރީންގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ނިޝްރީން އިށީނުމުން ޔަޒްދާން އޭނާގެ ކައިރީގައި ހުރި މީހާއަށް ލޮލުން އިޝާރާތެއް ކުރިއެވެ. ނިޝްރީނަށް ފާޑަކަށް ބަލައިލުމަށްފަހު އެމީހާ ނުކުމެގެން ދިޔައެވެ. "އަހަރެން މި ބައްދަލުކުރީ ކީއްވެކަން މިހާރު އެނގޭނެ ކަންނޭނގެ" ޔަޒްދާން ދެލޯ ހަނިކޮށްލަމުން ނިޝްރީނަށް ބަލައިލިއެވެ. "ލައްބަ...." ނިޝްރީން ހިންދިރުވައިލީ އުނދަގޫ ގޮތަކަށެވެ. "ފޯނު.." ޔަޒްދާން އަތް ދިއްކޮށްލިއެވެ. ނިޝްރީން ދެފިކުރެއްގައި އިނދެފައި އޭނާގެ ފޯނު ހުޅުވާފައި މޭޒުމަތީގައި ބޭއްވިއެވެ. ޔަޒްދާންގެ އަތުގެ ހަރަކާތްތައް އަވަހެވެ. އޭނާ ކުރަން ބޭނުންވި ކަންތައް ނިންމާފައި ނިޝްރީންގެ ކުރިމަތީގައި ފޯނު ބޭއްވިއެވެ. ފޯނުން ފެންނަމުން ދިޔައީ ސީސީޓީވީ ފުޓޭޖެކެވެ. ޔަޒްދާން އޭނާގެ އަތްދަނޑި މައްޗަށް ރޫބީ އުފުލާލައިގެން ދާ މަންޒަރު ވީޑިއޯއިން ފެންނަމުން ދިޔައެވެ. ނިޝްރީނަށް ފެންނާނޭހެން ޔަޒްދާން އެ ވީޑިއޯ ފޮހެލިއެވެ. "އިތުރު އެއްވެސް އެއްޗެއްގަ މި ވީޑިޔޯ އުޅޭނެ؟" ޔަޒްދާންގެ އަޑުގައިވީ ހަރުކަށިކަމެވެ. ނިޝްރީން ބޯ ހޫރައިލުމުންވެސް ޔަޒްދާން އެތައް އިރަކު އޭނާގެ މޫނަށް ބަލަން އިނެވެ. "އެންމެ ރަނގަޅު... މި ވީޑިއޯގެ އެއްވެސް ކަމެއް ލީކްވާ ދުވަހަކީ..." ޔަޒްދާން އެއްޗެއް ބުނަން އުޅުނެވެ. "އަޅުގަނޑުގެ ފަރާތަކުން ނުވާނެ... އިތުބާރު ކުރައްވާ!" ނިޝްރީން އަވަސް އަވަހަށް ބުނެލިއެވެ. ********* ރޫބީ އިކާންގެ ކެބިން ދޮރުގައި ޓަކި ޖަހައިލުމުން އެތެރެއަށް ވަނުމުގެ ހުއްދަ ލިބުނެވެ. ދޮރު ހުޅުވައިލިއިރު ރޫބީ ހުރީ ޝަކުވާތައް ބަންޑުންކޮށްލަން އަޒުމުކަނޑައަޅައިގެންނެވެ. އެކަމަކު، އިކާން ފެނުމުން، ހިތްވަރެއް ނުލިބުނެވެ. އިކާން ވަރަށް ފުންކޮށް ރޫބީއަށް ބަލައިލިއެވެ. ކަޅު ހެދުމަކާއި ކަޅު ޝޯލްގައި ރޫބީ ފެންނަނީ ހިތާމަވެރިކޮށެވެ. ރޫބީ އޭނާ ގެނައި ގަނޑުތައް އިކާންގެ ކުރިމަތީގައި ބެހެއްޓިއެވެ. "މި... މި..." ގަނޑުތަކަށް ނަޒަރު ހުއްޓައިލި އިކާން ސިހިފައި ހުރިހާ ގަނޑަކަށް ވަކިވަކީން ބެލިއެވެ. ރޫބީއަށް ބަލައިލިއިރު، އިކާން އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. "އެންގެވިގޮތަށް ލިޔެފަ ތިއޮތީ..." ރޫބީ ހުރީ ތުންފިއްތާލައިގެންނެވެ. އިކާން އެދުނުފަދައިން ރޫބީ ވަނީ އެއްހާސް ފަހަރު ލިޔެފައެވެ. އަތުން ލިޔުމަކީ ކިހާ އުނދަގޫ ކަމެއްކަން އިކާންއަށް އެނގެއެވެ. ރޫބީ އެހާ ބުރަ މަސައްކަތެއް ކުރުމުން އިކާންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ހަމައެހާ އަވަހަށް އެ ހަމްދަރުދީ ހިތުގައި ކަފުންކުރިއެވެ. އެއްވެސް މީހަކަށް ހަމްދަރުދީ ވާކަށް އިކާން ބޭނުމެއް ނުވެއެވެ. އެންމެންވެސް ނަގަނީ އޭގެ ފައިދާއެވެ. ދެވަނަ ފަހަރަށް ރޫބީގެ މޫނަށް ބަލައިލިއިރު އިކާންގެ ނަޒަރު ތަފާތުވެއްޖެވެ. "ދެން މިކަހަލަ ކަމެއް ތަކުރާރުވިޔަދީގެން ނުވާނެ!" އިކާން ކަރު ކެހިލާފައި އަޑަށް ހަރުކަށިކަން ގެނުވިއެވެ. "ލައްބަ!" ހިތާއިހިތުން އިކާނަށް އެއްޗެހި ކިޔަމުންދިޔަނަމަވެސް ރޫބީ ވާހަކަ ދެއްކީ އަދަބުވެރިކޮށެވެ. "އަޅުގަނޑަށް ހަވާލުކުރެވޭ ކަންކަން ނިންމަން ފަރުވާކުޑައެއް ނުކުރާނަން... އަޅުގަނޑަކީ ކޮންމެ ކަހަލަ ކަމެއްވެސް ކުރެވޭނެ މީހެއް" "މި ފައިލުތައް ނިޝްރީންގެ މޭޒަށް ލައިދީ..." އިކާން ބޭނުންވީ އަވަހަށް ރޫބީ ފޮނުވައިލާށެވެ. ފައިލުތައް ނެގިއިރު އޭގެ މަތީގައި އިކާންގެ ފޯނު އޮތްކަމެއް ރޫބީއަކަށް ނޭނގެއެވެ. ފޯނު ވެއްޓުނީ ރޫބީގެ ފައިމައްޗަށެވެ. އިކާން ހިތްހަމަނުޖެހިގެން ފޯނު ނަގަން ގުދުވި ވަގުތު ރޫބީގެ ފައިގައިވާ ބޮޑު ލަކުނު ފެނުނެވެ. އިކާންގެ ދެލޯ ބޮޑުވިއެވެ. ވިހި އަހަރު ކުރީގެ ހާދިސާގެ މަތިން ހަނދާންވިއެވެ. އެދުވަހު އިކާންގެ ފުރާނަ ސަލާމަތްކޮށްދިނީ ރޫބީ ހެއްޔެވެ؟ "ސޮރީ!" ފޯނު ނަގައި މޭޒުމަތީގައި ބާއްވައިލަމުން ރޫބީ ބުނެލިއެވެ. ރޫބީ ދިޔުމުންވެސް އިކާންއަށް އިނދެވުނީ ރޫބީއަށް ބަލާށެވެ. އޭނާގެ ނަޒަރު ތަފާތުވިއެވެ. އެތައް ދުވަހެއް ވަންދެން އިކާން އިންތިޒާރު ކުރި ކުއްޖަކީ ރޫބީ ހެއްޔެވެ؟ އެކަމަކު، އެކުއްޖާގެ ނަމަކީ އައިޝާއެވެ. އެދުވަހު އަންހެނަކު އެކުއްޖާއަށް އައިޝާއޭ ކިޔާފައި ގޮވި އަޑު އިކާންއަށް ރަނގަޅަށް އިވުނެވެ. އިކާން ފުންމައިގެން ތެދުވިއެވެ. ފައިލު ހަރުގަނޑުގެ ކައިރިއަށް ގޮސްފައި އޭގެ ތެރޭގައި ހުރި ފައިލުތައް ނަގައި ބިންމައްޗަށް އަޅަން ފެށިއެވެ. ހުރިހާ ފައިލެއްގެ ތެރެއިން އިކާން ބޭނުންވި ފައިލު ފެނުމުން އަވަހަށް ހުޅުވައިލިއެވެ. "އައިޝަތު ރޫބީ... އައިޝާ!" އިކާންގެ ތުންފަތަށް ވެރިވި ހިނިތުންވުމާއިއެކު، މޭޒު ކައިރީގައި އިން ރޫބީއަށް ބަލައިލިއެވެ. "ފައިނަލީ... ފައުންޑް ޔޫ..." ގަލަން އަނގަޔަށް ލައިގެން އިނދެފައި ރޫބީއަށް އިކާންގެ މޭޒާއި ދިމާއަށް ބަލައިލެވުނެވެ. އޭރު އިކާން ހުރީ ރޫބީއަށް ބަލާށެވެ. ހިނިތުންވެލައިގެން ހުރީ ތަފާތު ގޮތަކަށެވެ. މޫނުން ފެންނަން ހުރީ، ކުރިން އެމޫނުން ފެނުނު އަސަރެއް ނޫނެވެ. "ވަޓް ވަޓް ވަޓ..." ރޫބީއަށް އަވަސް އަވަހަށް އެސްފިޔަ ޖަހައިލެވުނެވެ. ކުއްލިއަކަށް އިކާންއަށް ވީ ކިހިނެއް ހެއްޔެވެ؟ އޭނާ ބަލަން ހުރީ ލޯބިވެރިޔަކާއި ދިމާއަށް ބަލާ ފަދައިންނެވެ. ރޫބީ ނިންމީ އިކާން ޖެއްސުމެއް ކުރަނީ ކަމުގައެވެ. އިކާން މާވަރަކަށް ބަލަން ފެށުމުން ރޫބީ ކުޑަކޮށް ގޮނޑި އަނބުރައިލިއެވެ. ******** ރެސްޓޯރެންޓް ކުރިމައްޗަށް ސައިކަލު މަޑުކޮށްލުމުންވެސް ރޫބީ އިނީ ފައިބަން ބޭނުން ނުވެފައެވެ. މިއަދަށްފަހު ރޫބީގެ ދިރިއުޅުން ބަދަލުވާނެއެވެ. ދިމާވަނީ ކޮންމެ ކަހަލަ މީހަކާއި ކަމުގައިވިޔަސް، ރޫބީއަކީ ޒިންމާއަށް ފަސްޖެހޭ ކުއްޖެއް ނޫނެވެ. އާއިލީގޮތުން ނިންމާ ނިންމުންތަކަށް ރޫބީ އިހުތިރާމު ކުރެއެވެ. އެކަމުގެ ފައިދާ އެހެން މީހަކު ނަގާފާނެކަމަށް ރޫބީ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. "އެއްކޮށް ދާންވީތަ؟" ނަޖާތު އަހައިލިއެވެ. "ނޫން އޯކޭވާނެ. ނަޖާ ތިއުޅެނީ ޑިއުޓީ ގަޑި ޖެހޭތީއެއްނު... ދޭ... ނިންމާލާފަ ޓެކްސީއެއްގަ ގެއަށް ގޮސްދާނަން..." ހިތާއި ދެކޮޅަށް ރޫބީ ސައިކަލުން ފޭބިއެވެ. "ސޮރީ ރޫބީ... އަހަންނަށް މިނޫންގޮތެއް ނެތް... އަހަރެންގެ ދިރިއުޅުން ސަލާމަތްކޮށްދޭން ތިނޫން މީހަކު ނެތް..." ރޫބީއާއި ދިމާއަށް ބަލައިލި ނަޖާތު ވާހަކަ ދެއްކީ އަމިއްލަ ހިތާއެވެ. ރެސްޓޯރެންޓްގެ ތެރެއަށް ވަން ރޫބީ އެކި ދިމަދިމާއަށް ބަލައިލީ ރަތްކުލައިގެ ޓީޝާޓަކާއި ޖީންސެއްގައި އިން މީހަކު ފެނޭތޯއެވެ. ކައިވެނި ހަމަޖެހުނު މީހެއްގެ ތަސްވީރު ނުފެނުނަސް، އެމީހަކު ލައިގެން ހުންނާނެ އަންނައުނުގެ ތަފްސީލް އޮތީ ރޫބީއަށް ލިބިފައެވެ. ރެސްޓޯރެންޓްގައި މާގިނަ މީހުން ނެތް ވަގުތެއްކަމުން ރޫބީއަށް އެމީހަކު ފެންނާކަށް ގިނައިރެއް ނުނެގިއެވެ. އެމީހަކު އިނީ ރޫބީއަށް ފުރަގަސްދީގެންނެވެ. ރޫބީ ލަސްފިޔަވަޅުތަކެއްގައި ގޮސް އެމީހެއްގެ ކުރިމަތީގައި ހުއްޓިލިއެވެ. ކުރިމަތީގައި އިނީ ފަންސާހަކަށް އަހަރުގެ ފިރިހެނެކެވެ. ރޫބީ ހިތްހަމަޖެހޭ އެއްވެސް ސިފައެއް އޭނާގެ ގަޔަކު ނެތެވެ. ރޫބީ ފެނުމުން އެމީހާ ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ކޮޅަށް ތެދުވިއެވެ. ސަލާމަށް އަތް ދިއްކޮށްލިއެވެ. އެމީހެއްގެ އަތުގައި ނުހިފައި ރޫބީ ސަލާން ބަލައިގަތެވެ. "މިހާ ރީތި ކުއްޖެއްކަން އެނގުނުނަމަ، ދޮރުކައިރީ އިންތިޒާރުގަ ހުންނާނީ..." ހުރިހާ ދަތެއް ފެންނަވަރަށް ހީލަމުން އެމީހާ ބުނެލިއެވެ. ރޫބީމެން ތިބި މޭޒާއި ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައި މިފްޒާލް އިނެވެ. ދެލޯ ބޮޑުކޮށްލައިގެން އިން މިފްޒާލްއަށް ހޭވެރިކަންވީ ފޯނު ރިންގްވާން ފެށި އަޑު އިވުމުންނެވެ. "ކޮބާ؟ އެކުއްޖާ އައިއްސިތަ؟" ފޯނުގެ އަނެއްކޮޅުން އިވުނީ އިކާންގެ އަޑެވެ. "ޝިޓް ޝިޓް ޝިޓް... ވަރަށް ގޯސްވެއްޖެ!" މިފްޒާލަށް ބުނެވުނެވެ. "އަވަހަށް އާދެބަލަ!" އެތެރެއަށް ވަދެގެން އައި އިކާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ރޫބީއެވެ. ސުވާލު އުފެދިފައި ހުރެ އިކާން ގޮސް މިފްޒާލްގެ ކައިރީގައި އިށީނެވެ. "ކީއްވެ ރޫބީ އެތާ އޭނީ؟" ޝަކުވާގެ ރާގަކަށް އިކާންއަށް އަހައިލެވުނެވެ. "އާނއެކޭ... އަހަރެންވެސް މީނީ އަޖައިބުވެފަ... މިއޮއް ބޮޑު މާލެއިންވެސް އެނޫން ކުއްޖެއް އައިނަމަ..." މިފްޒާލް ދެފަރާތަށް ބޯ ހޫރައިލިއެވެ. "ނައީމު އެކަންޏޭ އަތުޖެހުނީ... އެއްބަސްވެގެން އައި ގޮތަކަށް ނޫން ނައީމުގެ އަމަލުތައް އެހުރީ... އަހަރެން ކުރަން ބުނި އެއްވެސް ކަމެއް ނުކުރޭ! ކައިވެނީގެ ވާހަކަ އެދައްކަނީ... ރޫބީ ކަހަލަ ކުއްޖަކު އޭނައަކާ ނީންނާނެ! ހާސްވާނެކަމެއް ނެތް..." "ހިނގާބަލަ ތަންކޮޅެއް ކައިރި މޭޒަކަށް..." އިކާން ހާސްވެގެން ތެދުވިއެވެ. "އަހަންނާ އިންނަން އެއްބަސްތަ؟" ނައީމު އަހައިލިއެވެ. "އާއިލާއިން ރުހޭ ގޮތަކަށް ކަންތައް ކުރަން އަހަރެން މިހުރީ ތައްޔާރަށް.." އިކާން ގޮނޑީގައި އިށީންނަން އުޅެނިކޮށް ރޫބީ ބުނި އެއްޗެއް އަޑު އިވިފައި ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. "އޭނަ މޮޔަތަ؟ ކާކުތަ އެހާ ޅައުމުރުގަ އެ އޭޖް މީހަކާ އިންނާނީ؟ އެއީ، އެއީ، އޭނަ އިންނަން ހަމަޖެހުނު މީހާއެއްވެސް ނޫނޭ... އަހަރެމެން ދެމީހުންގެ ކައިވެންޏެއްނު ހަމަޖެހުނީ..." އިކާން ހިތްހަމަނުޖެހިގެން ގޮނޑީގައި އިނދެވޭ ވަރެއްވެސް ނުވިއެވެ. "އަހަރެން ބޭނުން ވަރަށް އަވަހަށް ކައިވެނި ކުރަން... ލޯބިވެރިންގެ ދުވަހު ކައިވެނި ކުރަންވީނު..." ނައީމު އުޅުނީ ރޫބީގެ އަތުގައި ހިފާލާށެވެ. އިކާންގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އިކާން ދިޔަ ބާރުމިނުގައި ރޫބީގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ