ކުދިންގެ ހުނަރު އިތުރުކުރެވޭނީ ކޮންމެ ދުވަހެއްގެ ހަރަކާތްތަކުން ކުދިންގެ ހުނަރު އިތުރުކުރެވޭނީ ކޮންމެ ދުވަހެއްގެ ހަރަކާތްތަކުން

ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކީ ވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް އޭނާގެ ކިބައިގައިވާ ކުއްޖެކެވެ. އަދި ކުދިންގެ ކިބައިގައި ހުނަރުތައް ހުންނަ މިންވަރާއި އެ ހުނަރުތައް ތަރައްގީ ކުރެވޭ މިންވަރު ވެސް އެއް ކުއްޖަކު އަނެއް ކުއްޖަކާ ތަފާތެވެ. އެހެން ނަމަވެސް، އެ ކުދިންގެ ކިބައިގައި އެ ހުނަރުތައް ތަރައްގީކޮށްދެވޭތޯ ބެލުމަކީ ބެލެނިވެރިން ކުރަންޖެހޭ ކަމެކެވެ.
އުމުރުން ދެ އަހަރުން ބައިން ފެށިގެން ތިން އަހަރާ ދެމެދު ކުޑަކުދިން އެންމެ ބޮޑަށް މަސައްކަތް ކުރާނީ މިނިވަންވުމަށެވެ. މަންމަމެން ބައްޕަމެން ކޮށްދެމުން އައި ކަންތައް އަމިއްލައަށް ކުރަން ބޭނުންވާނެއެވެ. އަދި ވަށައިގެންވާ މާހައުލުގެ ތެރެއިން ފެންނަމުން އަންނަ ކަންކަމާއި ތަކެތި އަޖުމަބަލައި ތަޖުރިބާކުރަން ބޭނުންވާނެއެވެ.
މި އުމުރުފުރާގައި އެކުދިން ވާހަކަ ދެއްކުން އިތުރުވާނެއެވެ. ހުރިހާ ކަމަކާ ސުވާލު ކުރާނެއެވެ. އެކުދިންނަށް އަލަށް ފެންނަ ކަންކަމާ ގުޅިގެން، ކީއްވެގެން، ކާކު، ކީއްކުރަން، މިފަދަ އެތައް ސުވާލެއް މަންމަމެންނާ ކުރިމަތިކުރާނެ އެވެ. އެ ކުދިން އެ ކަންކަން ދެނެގަންނަން ބޭނުންވާ ވަރަކަށް އެ ސުވާލުތައް ތަކުރާރު ވެސް ކުރާނެއެވެ.
ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ޖެރީކޯ މެޑަލް ވިދާޅުވާ ގޮތުގައި ތިން އަހަރުން ފެށިގެން ތުއްތު ކުދިން ކުރިމަތިލަނީ، ހުރިހާ ދާއިރާއަކުން ވެސް ހެދި ބޮޑުވުމާއި ކުރިއެރުމުގެ މަރުހަލާއަކާއެވެ. އެހެންކަމުން، މި އުމުރުފުރާގައި އެ ކުދިންގެ ކިބައިން ފެންނަ ތަފާތު ހުނަރުތައް ދެނެގަތުމަށް މައިންބަފައިން ސަމާލުކަން ދޭންވާނެއެވެ.
މި އުމުރުފުރާގައި ކުދިން ތަންތަނަށް އަރައި ފުމެ ދުވެ އުޅުމަކީ އެ ކުދިން ބަސްނޭހުން ކަމުގައި ނުދެކޭށެވެ. އޭގެ ބަދަލުގައި އެއިން ކޮންމެ ހަރަކާތަކުން އެ އިޝާރާތް ކުރަނީ އެކުދިންގެ ކިބައިގައިވާ ކޮންމެވެސް ހުނަރަކަށެވެ. އެ ކުދިންގެ އެ ހަރަކާތްތެރިކަމަކީ އެ ހުނަރުތަކާ އެކުގައި އެކުދިންގެ ކިބައިގައިވާ ހަކަތައާއި ޖޯޝާއި ފޯރިއެވެ.
އެ ކުދިން ބޭނުންވާ ކަންތައް ނުވަތަ ތަރައްގީ ކުރަން ބޭނުންވާ ހުނަރުތައް، މައިންބަފައިންގެ ގާތުގައި ބުނެދާކަށް ނޭނގެއެވެ. އެ ކުދިން ބޭނުންވާ ކަންކަމާއި އެކުދިންގެ ކިބައިގައި ހުރި ހުނަރުތައް ރަމްޒުކޮށްދެނީ އެ ކުދިންގެ ކިބައިން ފާޅުވާ ހަރަކާތްތަކުންނެވެ. އެހެންކަމުން، އެ ފުރާގައި އެކުދިން ކުޅެ ދުވެ ސަކަރާތްޖެހުން ހުއްޓުވަން އުޅުމަކީ، އެ ކުދިންގެ ކިބައިގައިވާ އެތައް ހުނަރެއް ފާޅުކުރުމުގެ ނުވަތަ ތަރައްގީ ކުރުމުގެ ދޮރު ބަންދުވެދާނެ ކަމެކެވެ.
އެހެންވީމާ، އެ ކުދިން ބަސްނާހަނީ ކަމަށް ދެކި، އެކުދިން ތަނެއްގައި މައިތިރި ކުރުމުގެ ބަދަލުގައި، އެ ކުދިން ހަރަކާތްތެރިވެ އުޅޭނެ ފައިދާހުރި ކޮންމެވެސް ކަމެއްގައި އެ ކުދިން މަޝްޣޫލު ކުރުވާށެވެ. ދުވަހުގެ ކޮންމެވެސް ވަގުތެއްގައި އެކުދިން ދުވެ ކުޅެ ފުމެ އުޅެން ފުރުސަތު ދޭށެވެ. އެ ކުދިން ފުމެ ދުވެ އުޅުމަކީ އެކުދިންގެ ޖިސްމާނީ ހެދިބޮޑުވުމަށް ނުހަނު ބޭނުންތެރިކަމެކެވެ.
ހަމައެފަދައިން އެކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީކުރުމުގައި ވެސް މައިންބަފައިން ކޮންމެ ދުވަހަކު ބައިވެރިވާންޖެހެއެވެ. އެ ކުދިންނާ ވާހަކަ ދައްކާށެވެ. މަންމަ ދައްކާ ކޮންމެ ވާހަކައަކަށް ޖަވާބު ދޭން ނުވަތަ ރައްދު ދޭން އެކުދިންނަށް ނޭނގިދާނެއެވެ. ނަމަވެސް އެ ކުދިންނާ ވާހަކަ ދެއްކުމުން، އަނގައިގެ ތެރެއިން އަޑުތައް އުފައްދާނެ ގޮތާއި، އެ އަޑުތައް އުފައްދައި ނެރުމަށްޓަކައި ދުލާއި ދެ ތުންފަތާއި އަނގައިގެ ތެރޭގައި ވައި، އެކުއެކީގައި ބޭނުންކުރާނެ ގޮތް އެ ކުދިންނަށް ފަހުމުވާން ފަށާނެއެވެ.
ހިފި ނުހުރެވި ސަކަރާތް ޖަހައި، ދުވެ ކުޅެ ފުމެ އުޅޭ ނަމަ، އެއީ އެ ކުއްޖާގެ ކިބައިގައިވާ މުހިންމު ހުނަރުތަކެއްގެ އަލާމާތެއްކަން ދެނެގަންނާށެވެ. ކަންކަމުގައި އިސްނެގުމާއި، ޖެހިލުން ކުޑަވުމާއި، އަމިއްލަ ނަފްސުގެ އިތުބާރު އެ ކުދިންގެ ކިބައިގައިވާ ކަން ގަބޫލުކުރާށެވެ.
ކުއްޖެއްގެ ކިބައިން އެފަދަ ހަރަކާތްތެރިކަމެއް ފެންނަ ނަމަ، އެކަމުގެ ފައިދާ އެންމެ ބޮޑަކަށް ނެގުމަކީ މައިންބަފައިން ކުރަންޖެހޭނެ ކަމެކެވެ. އެ ހަރަކާތްތެރިކަމުގެ ފަހަތުގައިވާ ހަކަތަ އާއި ޖޯޝާއި ފޯރި ނެރެވޭނެ އެހެން ކޮންމެވެސް ހަރަކާތެއް އެ ކުދިންނަށް ދައްކާށެވެ. ގޭތެރޭގައި މަންމަ ކުރާ މަސައްކަތެއްގައި އެކުދިން ބައިވެރިކުރާށެވެ. އެކުދިން ލައްވައި ކޮންމެވެސް މަސައްކަތެއް ކުރާށެވެ.
އެފަދަ ހަރަކާތްތެރި ކުދިން ބަސް ނާހަނީ ކަމަށް ދެކި، އެކުދިން މައިތިރިކޮށް ކުޅެ ސަކަރާތް ޖެހިޔަ ނުދީ ބޮޑުކުރުމަށް ފަހުގައި، ދެން އެ ކުދިންގެ ކިބައިން ހަރަކާތްތެރި ދިރިއުޅުމަކަށް އުންމީދު ނުކުރާށެވެ. ގޭތެރޭގެ މަސައްކަތުގައި އެކުދިންގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ކަމަށް އިންތިޒާރު ނުކުރާށެވެ.
އެ ކުދިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި މައިންބަފައިންނަކީ ވެސް ހަރަކާތްތެރި ބަޔަކަށް ވާށެވެ. ކުދިން ކުޅެން ބައިތިއްބާފައި މައިންބަފައިން ތިބޭނީ ސްމާޓް ފޯނު ހިފައިގެންނެއް ނޫނެވެ. އެކުދިންގެ ކުޅުމުގައި ބައިވެރިވާށެވެ. އެ ކުދިން ކުރާ "ބޭކާރު" (ނަމަވެސް ވަރަށް ބޭނުންތެރި) ސުވާލުތަކަށް އެ ކުދިންގެ ވިސްނުމާ އެކަށޭނަ ގޮތަކަށް ޖަވާބު ދޭށެވެ.
އެފަދަ ސުވާލަކަށް މައިންބަފައިން ދޭ ވިސްނުންތެރި ޖަވާބަކީ، އެކުދިންގެ މުޅި ތައުލީމީ ހަޔާތުގައި ވެސް ނުލިބޭ ވަރުގެ އަގުހުރި އިލްމަކަށް ވެދާނެއެވެ. ގޭތެރޭގެ ކަންތައް ކުރުމުގައި ވެސް، ކަމެއް ގޯސްކޮށް ކުރެވުމުން އެކަން ފާހަގަކުރުމުގެ ބަދަލުގައި އެކަމެއް ކުރަންވީ ރަނގަޅު ގޮތް ބުނެދީ، ރަނގަޅަށް ކުރާނެ ގޮތް ވެސް އަމަލުން ދައްކާށެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ކުދިންގެ ދިރިއުޅުމުގައި މައިންބަފައިން ބައިވެރިވާ މިންވަރަކުން އެ ކުދިންގެ ހުނަރުތައް ވެސް ތަރައްގީވެއެވެ. އެކުދިންނަށް ރަނގަޅު ގޮތް އެނގި މައިންބަފައިންނާއި ކުދިންގެ ގުޅުން ވެސް ތަރައްގީވެއެވެ. އެހެންވީމާ، ކުދިންގެ ހުނަރު ތަރައްގީކުރުމަކީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ތެރެއިން ކުރަންޖެހޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ