ޓްރަމްޕްގެ ބިރުވެރި އިންޒާރު މިފަހަރު ނައިޖީރިޔާއަށް

ވޮޝިންޓަން (4 ނޮވެންބަރު 2025) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެނެޒުއެލާއަށް ހަމަލާދޭނެ ކަމުގެ އިންޒާރާއި ބިރުތައް ދެއްކުމަށްފަހު ނައިޖީރިއާއަށް ވެސް ހަމަލާދޭނެކަމުގެ އިންޒާރުތަކާއި ބިރުތައް ދައްކަން ފައްޓަވައިފިއެވެ. ޓްރަމްޕް ވިދާޅުވީ ނައިޖީރިޔާގައި ނަސާރާ ދީނަށް ނިސްބަތްވާ ގިނަ ބަޔަކު މަރަމުންގެންދާ ކަމަށާއި ނަސާރާއިންގެ ހިމާޔަތުގައި ނައިޖީރިއާއަށް އެމެރިކާ ސިފައިން ފޮނުވައި އެ ގައުމަށް ވަރުގަދަ ޙަމަލާތަކެއް ދޭންޖެހިދާނެ ކަމުގައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، ނައިޖީރިޔާގެ ނަސާރާއިންނަށް ޙަމަލާދީ، ނަސާރާއިންގެ ގިނަބަޔަކު މަރަމުންގެންދާތީ ނަސާރާއިންގެ ދިފާއުގައި ތެދުވުމަކީ އެމެރިކާ ކުރަންޖެހޭ ކަމެއް ކަމުގައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ނަސާރާއިން މެރުން ހުއްޓުވުމަކީ އެމެރިކާގެ ސިފައިން ނައިޖީރިޔާއަށް ފޮނުވައިގެންނާއި އެ ގައުމަށް ހަމަލާދީގެން ކުރަންޖެހޭ ކަމަކަށް ވިޔަސް އެކަން އެމެރިކާ ކުރާނެއެވެ. ރިޕޯޓްތައް ބުނާގޮތުން ނައިޖީރިޔާގައި ހިނގަމުންދަނީ ގަބީލީ ތަޅާފޮޅުމެކެވެ. ތަޅާފޮޅުން ހިނގަމުންދަނީ އެ ގައުމުގެ މެދުތެރޭ ސަރަހައްދެއްކަމަށްވާ ބްލާތީގެ ރަށްފުށުގެ ސަރަހައްދުތަކުގައި ދަނޑުވެރިކަންކުރާ ނަސާރާ ގަބީލާތަކަކާއި ގެރިބަކަރިން އާމްދަނީ ހޯދާ މުސްލިމް ގަބީލާތަކެއްގެ މެދުގައެވެ. މައްސަލަ ޖެހިގެންއުޅެނީ ދަނޑުބިމާއި ގެރިބަކަރީގެ އާންދަނީގެ މައްސަލާގައެވެ. މި ތަޅާފޮޅުންތަކުގައި މުސްލިމުންގެ ހަމަލާތަކުގައި ނަސާރާއިންގެ އެތައް ސަތޭކަ ބަޔަކު މަރާލާފައިވާއިރު ނަސާރާއިންގެ ހަމަލާތަކުގައި މުސްލިމުންގެ އެތައް ސަތޭކަ ބަޔަކު ވެސް ވަނީ މަރާލާފައެވެ. ނަމަވެސް ހުޅަނގުގެ މީޑިއާ ތަކުން ވަކި ކޮޅަކަށްޖެހި ޚަބަރުތައް ގެނަސްދެނީ ނަސާރާއިންގެ ކޮޅަށް ބުރަވެއެވެ. މުސްލިމުން ހަމަލާދީ ނަސާރާއިން ގިނަ އަދަދަކަށް މަރާވާހަކައެވެ. ނަސާރާއިންގެ ހަމަލާތަކުގައި މުސްލިމުން މަރާ ކަމުގެ ޚަބަރުތައް ފޮކްސް ނިއުސް ފަދަ ހުޅަނގުގެ މީޑިއާތަކުން ގެނެސް ދެނީ ވަރަށް މަދުންނެވެ. ޓްރަމްޕްއަކީ ފޮކްސް ނިއުސް ވަރަށް ގިނައިން ބައްލަވައި އަދި އަޑުއައްސަވާ ބޭފުޅެކެވެ. ނައިޖީރިޔާގެ މަސްއޫލުވެރިންވަނީ އެ ގައުމަށް ސިފައިން ފޮނުވައި އިސްވެ ހަމަލާދީ ނަސާރާއިން މެރުން ހުއްޓުވާނެކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވުމުން އެކަމާމެދު ކަންބޮޑުވެ ސިހިފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ނައިޖީރިޔާގެ ރައީސް ތިނޫބޫ އާ ހަވާލާދީ އެ ގައުމުގެ މީޑީއާ ބުނާގޮތުން މައްސަލައަކީ ނައިޖީރިޔާގެ އެތެރޭގެ ބައެއްގެ މެދުގައި ހިނގާ އަރާރުމެކެވެ. އެކަން ހުއްޓުވުމަށް ނައިޖީރިޔާ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި މައްސަލާގެ ހަގީގަތް ޓްރަމްޕަށް ސާފުކޮށް ދިނުމަށްޓަކައި އެމެރިކާ ސަރުކާރާ ވާހަކަދައްކަން ނައިޖީރިޔާ އޮތީ ތައްޔާރަށް ކަމަށް ވެސް ނައިޖީރިޔާގެ ރައީސް ތިނޫބޫ އާ ހަވާލާދީ އެ ގައުމުގެ ރަސްމީ މީޑިއާ ބުނެއެވެ. އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާ ޕެންޓަގަން ބުނާގޮތުން ނައިޖީރިއާއަށް އަސްކަރީ ގޮތުން އަރައިގަންނަން ޖެހިދާނެކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އެވުޒާރާ ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިގޮތުން އެފްރިކާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ޚާއްސަކޮށްގެން އެމެރިކާ އުފައްދާފައިވާ ކޮމާންޑް އެފްރިކޯމް އިންވަނީ އެކޮމާންޑަށް ނިސްބަތްވާ ސިފައިންނަށް ތައްޔާރީ ހާލަތުގައި ތިބުމަށް އަންގާފައެވެ. ނައިޖީރިޔާ އަކީ 220 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ އެފްރިކާގެ ހުޅަނގުގައިވާ ގައުމެކެވެ. ދީންތަކާއި މަޒުހަބުތަކާއި ބައިމަދު އެތްނިކް ގްރޫޕްތައް ވަރަށް އެގައުމުގައި ވަރަށްގިނައެވެ. ނައިޖީރިޔާގައި 250 އަށް ވުރެގިނަ ނަސްލުތައް ދިރިއުޅެއެވެ. މީގެތެރޭގައި ގިނައީ ބައިމަދު ޖަމާއަތްތައް ނުވަތަ މައިނޯރިޓީ އެތްނިކް ގްރޫޕްތަކެވެ. ނައިޖީރިޔާގައި ގިނައީ މުސްލިމުންނެވެ. އަޣްލަބިއްޔަތު އޮންނަނީ މުސްލިމުންނަށެވެ. ދެވަނަ އަށް އެންމެގިނައީ ނަސާރާއިންނެވެ. ގަބީލީ މައްސަލަތަކާއި އެނޫންވެސް މައްސަލަތަކުގައި ގަބީލާތަކުގެ މެދުގައި ހިނގާ އަރާރުންތައް އަބަދުވެސް ނައިޖީރިޔާގައި ހިނގަމުންދެއެވެ. ޓްރަމްޕް ވަނީ ނައިޖީރިޔާގައި ނަސާރާއިން މަރާކަމަށް ފެތުރޭ ޚަބަރުތަކާ ގުޅިގެން ނައިޖީރިޔާއަކީ ދީނީ މިނިވަންކަންނެތް ގައުމެއްކަމަށް ވިދާޅުވެ އެކަމަށް ފިޔަވަޅު އަޅަންޖެހޭ ލިސްޓުގައި ނައިޖީރިޔާ ހިމަނައިފައެވެ. އެއަށްފަހު އެގައުމަށް ހަމަލާދޭނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. ނަމަވެސް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ނައިޖީރިޔާއަށް ބޮންއެޅުން ނޫނީ އެގައުމަށް އިސްވެ ހަމަލާދިނުމުގެ ޕްލޭނެއް އެމެރިކާ އަދި ނުގެންގުޅެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތައް ބުނާގޮތުން ނައިޖީރިޔާގައި ހަމައެކަނި ނަސާރާއިންނަށް ހަމަލާދީ އެމީހުން މެރުމުގެ އަމަލުތަކެއް ހިނގަމުންދާކަމުގެ ހެއްކެތްނެތެވެ. ނަމަވެސް ނަސްލީ އަދި ދީނީ ތަޅާފޮޅުންތަކެއް ކުރިޔަށް އެބަދެއެވެ. އެ ތަޅާފޮޅުންތަކުގައި ނަސާރާއިންގެ އިތުރުން މުސްލިމުންވެސް މަރުވަމުންދެއެވެ. ޓްރަމްޕް ގެންދަވަނީ ލެޓިން އެމެރިކާގެ ގައުމެއްކަމަށްވާ ވެނެޒުއެލާ ކައިރިއަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން އެގައުމަށްވެސް ބިރުދައްކައި ބުލީ ކުރަމުންނެވެ. ޓްރަމްޕް، ވެނެޒުއެލާ އަށް ބިރުދައްކަނީ އެމެރިކާއަށް ޑްރަގް އެތެރެކުރާ ފަރާތްތައް ހުއްޓުވަން އެގައުމުން މަސައްކަތް ނުކޮށް އެފަރާތްތަކަށް ވެނެޒުއެލާ ސަރުކާރުން އެއްބާރުލުންދޭކަމަށް ބުނެ ތުހުމަތު ތަކެއް ކުރުމަށްފަހުއެވެ. ވެނެޒުއެލާ އިން މިތުހުމަތު ތަކަށް އިންކާރު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ