މަމްދާނީ ނިއު ޔޯކް މޭޔަރަކަށް ނުހޮވަން ޓްރަމްޕް ގޮވާލައްވައިފި

ކުރީ ސަފުގައި ވާދަ ކުރައްވާ، ވާތު ފިޔައިގެ ލީޑަރު ޒޮހްރާން މަމްދާނީ އިންތިހާބު ނުކުރުމަށް ގޮވާލައްވައި އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެންޑްރޫ ކޫމޯއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދު ކުރައްވައިފި އެވެ.
"އެންޑްރޫ ކޫމޯ ދެކެ ގަޔާވިއަސް ނުވަތަ ނުވިއަސް އެ ނޫން ގޮތެއް ނެތް. އޭނާއަށް ވޯޓު ދޭން ޖެހޭ. އޭނާ ރަނގަޅު ޖޮބެއް އަދާކުރާނެ. އޭނާއަށް އެކަން ކުރެވިދާނެ. އެކަމަކު މަމްދާނީއަކަށް ނުވާނެ،" ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ މަމްދާނީ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އޭނާގެ އުފަން ރަށް ނިއު ޔޯކަށް ދައުލަތުން ފައިސާ ދޭން ފަސްޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"ރައީސްގެ ހައިސިއްޔަތުން ނިއު ޔޯކަށް ބޮޑު އަދަދެއް ހަރަދު ކުރަން އުނދަގޫވާނެ. އެހެނީ ނިއު ޔޯކް ހިންގަނީ ކޮމިއުނިސްޓެއް ނަމަ، އެ ފޮނުވާ ހުރިހާ ފައިސާއެއް އޭނާ ބޭކާރު ކުރާނެ،" ޓަރްމްޕް ވިދާޅުވި އެވެ.
ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި، ޑިމޮކްރެޓިކް ކެންޑިޑޭޓް މަމްދާނީ އުޅެނީ ކޫމޯއަށް ވުރެ ކުރީގަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި މަމްދާނީ ކާމިޔާބު ކުރެއްވުމުން ކޫމޯ އިންތިހާބުގައި ވާދަ ކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ އުޅުއްވަނީ ވަރަށް ފަހަތުގަ އެވެ.
ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޓްރަމްޕް ވިދާޅުވީ ސްލިވާއަށް ދޭ ވޯޓަކީ އެއީ މަމްދާނީއަށްދޭ ވޯޓެއް ކަމަށެވެ. 
ޓްރަމްޕް ވިދާޅުވީ މަމްދާނީ އިންތިހާބު ވެއްޖެ ނަމަ، ދައުލަތުގެ ފައިސާ އިން ވަރަށް މަދު މިންވަރެއް މެނުވީ ނިއު ޔޯކަށް ދެއްވަން އޭނާއަށް ދަތިފުޅުވާނެ ކަމަށެވެ. 
ޓްރަމްޕްގެ ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ ޑިމޮކްރަޓުންގެ ބާރުގެ ދަށުގައި އޮންނަ މަޝްރޫއުތަކަށްދޭ އެހީ ކުޑަކުރުމަށެވެ.
ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ ޑިމޮކްރަޓުންގެ ބާރުގެ ދަށުގައި ހުންނަ ތަންތަނަށް ދައުލަތުގެ ހިލޭ އެހީ އާއި މަޝްރޫއުތަކަށްދޭ ފައިސާ މަދު ކުރުމުންނެވެ. ނިއު ޔޯކް ސިޓީއަށް މި އަހަރު ދައުލަތުގެ ބަޖެޓުން 7.4 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
އެމެރިކާގެ ނިއު ޔޯކްގެ ކުއީންސްގައި ބޮޑުވި ޓްރަމްޕަކީ އަދިވެސް އެ ސިޓީގެ ރިއަލް އެސްޓޭޓް ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.
"އަޅުގަނޑަކީ އެއްވެސް ގޮތަކަށް ކޫމޯގެ ސަޕޯޓަރެއް ނޫން. ނަމަވެސް މި ތަނުގައި ނަގަން ޖެހިފައި މި އޮތީ، ނުބައި ޑިމޮކްރެޓަކު ނޫނީ ކޮމިނިސްޓަކު ހޮވުން. އަޅުގަނޑު އިހުތިޔާރު ކުރާނީ ނުބައި ޑިމޮކްރެޓޭޓް،" ޓްރަމްޕް ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މަމްދާނީގެ އަމާޒަކީ ދުނިޔޭގެ މާލީ މަރުކަޒެއް ގާއިމް ކުރެއްވުމެވެ. ނަމަވެސް އޭނާ ވަނީ ކޮމިއުނިސްޓެއް ކަމަށް އިންކާރުކުރައްވައިފަ އެވެ. ޓީވީ އިންޓަވިއުއެއްގައި އޭނާ ޖޯކެއް ގޮތަށް ވިދާޅުވީ އޭނާއަކީ "ސްކެންޑިނޭވިއާގެ ސިޔާސީ ބޭފުޅެއް ކަހަލަ" ބޭފުޅެއް ކަމަށެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މަމްދާނީ އެވެ. ނިއު ޔޯކް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލިހުގެ 34 އަހަރުގެ މެމްބަރު ނިއު ޔޯކްގެ ކުރީގެ ގަވަރުނަރު ސިފަ ކުރެއްވީ ޓްރަމްޕްގެ ޕަޕަޓެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ