ޕޭޕެލުން ފައިސާ ލިބުމުގެ ހުއްދަ އުރީދުއަށް ދީފި

ޕޭޕާލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބުމުގެ ހުއްދަ ރަސްމީކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫ ފިންޓެކްއަށް ދީފިއެވެ.އެމްއެމްއޭގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ފިންޓެކް މޯލްޑިވްސްއާ ފައިސާ ލިބުމުގެ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އެ ލައިސަންސާ ހަވާލުވެވަޑައިގަތީ އުރީދޫ މޯލްޑިވްސްގެ ޗެއާވޮމަން އަދި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެންބަރު ފާތިމާ އަލް ކުވާރީއާއި އުރީދޫ މޯލްޑިވްސް އަދި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.އުރީދޫން ބުނީ، ޕޭޕެލް މެދުވެރިކޮށް ފައިސާ ލިބުމުގެ ހުއްދަ ލިބުމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާކުރުމަށް އުރީދޫގެ އެމް-ފައިސާއިން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށެވެ.ހަމަ އެހެންމެ މި ހުއްދަ ލިބުމުގެ ސަބަބުން އާންމުންނާއި ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކާއި އާމްދަނީއާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕެލް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިތުރުން، އެމް-ފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.އުރީދޫން އިއްޔެ ބުނީ، ޕޭޕެލްގެ ޚިދުމަތް، އެ ކުންފުންޏާ ގުޅިގެން އަންނަ އަހަރު ރާއްޖެއަށް ތައާރަފު ކުރެވޭނެ ކަމަށާއި މިހާރު ކުރަމުން އަންނަނީ އެ ކުންފުންޏާއެކު ހަދާ ޕާޓްނާޝިޕްގެ ތަފުސީލް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ.މި ސްމިއްޔާތުގައި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އެ ލައިސަންސްގެ ސަބަބުން އެމްއެމްއޭ އިން ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އުރީދޫން ދޭ އަހއްމިއްޔަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި ބިލު ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފާގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ފަދަ ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫން ދަނީ އިތުރު ދައުރެއް އަދާކުރަމުން ކަމަށެވެ. އަދި އެ ހިދުމަތްތަކުގެ ސަބަބުން ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީތެރިވެދޭ ހިދުމަތެއް ކަމަށް އުރީދޫ ފިންޓެކްގެ ސީއީއޯ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ