އުތުރުގެ ތަރައްގީއާ ގުޅިފައިވާ، ބޮޑެތި ފްލައިޓް ޖެއްސޭ ހަނިމާދޫ ޒަމާނީ އެއާޕޯޓު ހުޅުވައިފި
އުތުރުގެ ތަރައްގީއާ ގުޅިފައިވާ، ބޮޑެތި ފްލައިޓު ޖެއްސޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިރޭ ހުޅުވައިފިއެވެ. ޚާއްސަ ރަސްމިއްޔާތެއްގައި އެ އެއާޕޯޓު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު، ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ. މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ހަނިމާދުއަށް ވަޑައިގެންނެވީ، A320ގެ މަރުކާގެ މަތިންދާ ބޯޓެއްގައެވެ. އެއީ، މިހާތަނަށް އެ އެއާޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ. ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ---- ފޮޓޯ/ ރައީސް އޮފީސް މިރޭ އެއާޕޯޓު ހުޅުވުމަށް ތިން މިނެޓަށް ހަވާ އަރުވާފައިވާއިރު، އެކަމުގެ އުފަލުގައި އަތޮޅުގެ އެކި ރަށްތަކުން ވަނީ ކޭންތައް ގެނެސްފައެވެ. މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ. މިރޭ ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ. އެގޮތުން، މި އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގައެވެ. ހަނިމާދޫ އެއާޕޯޓު ބަހައްޓާފައި ހުރި ދިވެހި ކުރެހުމެއް ---- ފޮޓޯ/ އޭވިއޭޓާސް މޯލްޑިވް އެ އެއާޕޯޓުގެ 2،465 މީޓަރު ދިގު ރަންވޭއަކީ ނެރޯ ބޮޑީގެ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓު ޖެއްސޭވަރުގެ ރަންވޭއެކެވެ. އަދި، ފިއުލް ފާމަކާއި ކާގޯ ޓާމިނަލްއެއް ވަނީ ތަރައްގީކޮށްފައެވެ. އޭގެ އިތުރުން، މި އެއާޕޯޓުގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ ކުރެހުންތައް ވަނީ ހިމަނާފައެވެ. އެއާޕޯޓު ހުޅުވުމަށް ފަހު ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވަނީ އެއާޕޯޓު ބައްލަވާލައްވާފައެވެ. https://sun.mv/213664 ހަނިމާދޫ އެއާޕޯޓު ޒަމާނީ ކުރުމުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގި މި މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. މި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ. ޓޫރިސްޓުން މާލެއިން ފުރައިގެން ހަނިމާދުއަށާއި އެހެން ރަށްތަކަށް ފްލައިޓުގައި ދަތުރުކުރާނަމަ، އެ ޓިކެޓަށް ކުރަންޖެހޭ ހޭދައިން މާލެ ކައިރީ ގެސްޓްހައުސެއްގައި ހަފުތާއެއްހައި ދުވަހު ހުރެވޭނެއެވެ. އުތުރުގެ ރިޒޯޓުތަކާއި ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑު ދަށްވާ ސަބަބަކީ މިއެވެ. އެހެންކަމުން، ހަނިމާދޫގައި ތަރައްގީކުރި މި އެއާޕޯޓުގެ ސަބަބުން އުތުރުގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އުތުރުގައި ކުޅުދުއްފުއްޓާއި އިހަވަންދޫ ފަދަ ވިޔަފާރި ހަބްތައް އޮންނައިރު، ވައިގެ ދަތުރުފަތުރު ފުޅާވުމުން ބޭރުން މުދާ ގެންނަ ވިޔަފާރިވެރިންނަށް ވެސް އެތައް ފައިދާއެއް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ