އެމްޑީޕީން ގެނައި ހަނިމާދޫ އެއާޕޯޓު: މުއިއްޒު ވިދާޅުވީ އެއާޕޯޓާއެކު ހުޅުވޭނީ އުތުރުގެ ތަރައްގީގެ ދޮރާށި ކަމަށް އެމްޑީޕީން ގެނައި ހަނިމާދޫ އެއާޕޯޓު: މުއިއްޒު ވިދާޅުވީ އެއާޕޯޓާއެކު ހުޅުވޭނީ އުތުރުގެ ތަރައްގީގެ ދޮރާށި ކަމަށް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަކީ ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ތަރައްގީގެ ދޮރާށި ކަމަށް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުތުރަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު އެމްޑީޕީން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މިއަދު ހުޅުވިގެންދިޔައީ އުމްރާނީ ބިނާއަކަށް ވުރެ ބޮޑަށް މުޅި ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ތަރައްގީގެ ދޮރާށި ކަމަށެވެ.
"އާދެ މިއަދު ހުޅުވިގެން މިދަނީ އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗާއެއް ނޫން. މި އަތޮޅާއި މި ސަރަހައްދުގެ، ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތަރައްގީގެ ދޮރާށި،" މުއިއްޒު ވިދާޅުވި އެވެ.
އުތުރުގެ އިންޓަގްރޭޑެޓް ޑިވެލޮޕްމަންޓް ސިޔާސަތު ހަގީގަތަކަށް ހެދުމަށްޓަކައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އެންމެ މުހިންމު އެއް ވަސީލަތް ކަަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިއަދު ހާސިލުވެގެންދަނީ ރާއްޖޭގެ އެންމެ އުތުރުގެ ދެމެހެއްޓިނިވި ތަރައްގީ ހާސިލުކުރުމުގެ އެންމެ މުހިންމު އެއް ކާމިޔާބީ ކަމަށާއި އޭގެ ސަބަބުން އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
"މިއަދު މިހުޅުވޭ ދޮރާށިން މި އަތޮޅާއި މި ސަރަހައްދުގެ ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ދެން ހަމަ ޖުމްލަކޮށް އިގްތިސޯދީ ކުރިއެރުމާއި އިޖުތިމާއީ ކުރިއެރުމާއި ޖުމްލަކޮށް ތަރައްގީގެ ކުރިއެރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރުމުގެ މަގުފަހިވެގެން މިދަނީ،" މުއިއްޒު ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިރޭ ހުޅުވީ އެ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް އެވެ. އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެ އިންޑިއާގެ ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދު ބައިވެރިވެވަޑައިގެންނެވި އެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފުރިހަމައަށް ނުނިންމައި މި ހުޅުވީ، މި ނޮވެމްބަރު މަހު އެއާޕޯޓު ހުޅޫވާނެ ކަމަށް ވިދާޅުވެފައި އޮތުމުންނެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ވެސް މި އެއާޕޯޓު ހުޅުވާނެ ކަމަށް މުއިއްޒުގެ ސަރުކާރުން ބުނެފައިވެ އެވެ.
އެއާޕޯޓު ހުޅިވި ނަމަވެސް، އެތަނުގެ މަސައްކަތް ފުރިހަމައަށް ނިންމޭނީ ކުރިން ވެސް ޕްލޭންގައި އޮތް ގޮތަށް އަންނަ އަހަރުގެ މާޗު ހިސާބުގައި ކަމަށް، އެ މައުލޫމާތު އެނގޭ ބައެެއް މީހުން އަދަދު ނޫހަށް ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.
އެ އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ