ހަނިމާދޫ އެއާޕޯޓު ނިންމުނީ އިންޑިއާގެ އެހީ ލިބުމުން، އުތުރަށް ބޮޑު ބަދަލެއް ގެނެސްދޭނެ: އެމްޑީޕީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ކުރެވުނީ އިންޑިއާގެ އެހީ ލިބުމުން ކަމަށާއި، އެ އެއާޕޯޓާއެކު އުތުރުގެ އިގުތިސާދަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވައިދެއްވައިފައެވެ. އެ އެއާޕޯޓު ހުޅުވުމުގައި، މިއަދު ރާއްޖެ ވަޑައިގެންނެވި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ ބައިވެރިވެވަޑައިގަތެވެ. ހަނިމާދޫ އެއާޕޯޓު ޒަމާނީ ކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުން: އެއާޕޯޓު ހުޅުވުމުގައި، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ ބައިވެރިވެވަޑައިގަތް --- ފޮޓޯ/ ރައީސް އޮފީސް ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގި އެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. އަދި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅެވެ. އެ އެއާޕޯޓް ހުޅުވުމާ ގުޅިގެން އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އުތުރުގެ ގިނަ ބަޔަކު އުއްމީދާ ގުޅިފައިވާ ހަނިމަދޫ އިންޓަނޭޝަލް އެއާޕޯޓު ވާނީ އެ ސަރަހައްދުގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ވަސީލަތަކަށް ކަމަށެވެ. https://x.com/MDPSecretariat/status/1987571774347952198 އެ ޕާޓީން ބުނި ގޮތުގައި، އިންޑިއާ ސަރުކާރުގެ އެހީއާ ނުލައި އެ މަޝްރޫއު ކާމިޔާބުނުވީހެވެ. އަދި އެ އެއާޕޯޓަކީ ރާއްޖެ ލާމަރުކަޒު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ދައުރެއް އަދާކުރާނެ އެއާޕޯޓެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ، އެ އެއާޕޯޓްގެ ތަރައްގީއާ ލާމަރުކަޒީ މަސައްކަތްތަކާ ގުޅިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި އެ މަޝްރޫއުގެ ފައިދާ އެތައް ޖީލަކަށް ލިބޭނެ ކަމަށް، ނިމިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ. https://x.com/faya_i/status/1987561522084843812 އުތުރަށް ހަގީގީ ތަރައްގީ ލިބޭނީ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަ ގޮތުގައި ބޭނުންކުރެވުމުން ކަމަށް އެ ސަރަހައްދުގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރަމުން އައީ އިންޑިއާގެ ޓްރިވެންޑްރަމްއަށް އެކަންޏެވެ. https://sun.mv/213678 އުތުރުގައި ފަތުރުވެރިކަން ތަރައްގީ ކުރެވެން އޮތް ނަމަވެސް، ފަތުރުވެރިން އެ ސަރަހައްދަށް ދާން ޖެހެނީ މާލެ އައުމަށް ފަހު އިތުރު ފްލައިޓެއް ނަގައިގެންކަމުން، ޚަރަދު ބޮޑުވާތީ އެ ދާއިރާ އޮތީ ކުރިނޭރުވިފައެވެ. އަދި އެ ސަރަހައްދުގައި ކުޅުދުއްފުއްޓާއި އިހަވަންދޫ ފަދަ ވިޔަފާރި ހަބްތައް އޮންނައިރު، ވިޔަފާރިވެރިން މާލެ އައިސް ބޭރަށް ދަތުރުކުރަން ޖެހޭތީ އެ ދަތިކަން ވެސް އޮތެވެ. ޒަމާނީ އެއާޕޯޓާއެކު، ހަނިމާދޫގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރެވިއްޖެ ނަމަ ފަތުރުވެރިކަމުންނާއި ވިޔަފާރިން ވެސް މަންފާ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބޮޑުތިލަދުންމަތީގެ ރައްޔިތުން އުއްމީދުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ