ހަނިމާދޫ އެއާޕޯޓު ވާނީ ތަރައްގީގެ ނާރެހަކަށް، އުތުރަށް ގިނަ ކުރިއެރުންތައް ލިބޭނެ: ސައީދު

ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިރޭ ހުޅުވި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވާނީ އުތުރުގެ ތަރައްގީގެ ނާރެހަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ. ހަނިމާދޫ އެއާޕޯޓު މިރޭ ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ. އެ ރަސްމިއްޔާތަށް ފަހު، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް، ހުޅުވައިފައިވަނީ ވަރަށް އަގުބޮޑު ޓާމިނަލްއަކާއެކު ކަމަށެވެ. އެ މަޝްރޫއު ހިންގައިފައިވަނީ، ރައީސްގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން އުތުރަށް ތަރައްގީ ގެނައުމުގެ މަސައްކަތުގެ ތެރެއިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި އެޅުނު ފިޔަވަޅަކީ، ހުޅުވިގެން މިދިޔަ އެއާޕޯޓު ވެގެންދާނީ އުތުރުގެ ވަރަށް ބޮޑު ތަރައްގީގެ ނާރެހަކަށްއިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއޭސީއެލް އެ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ، ބޮޑުތިލަދުންމަތީގައި އިންވެސްޓުކުރުމަށް ބާރުއަޅުއްވައިފައިކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ތަފާތު ލުއިތައް ފޯރުކޮށްދީގެން އެކަމަށް މަސައްކަތްތަކެއް އެ މަނިކުފާނު މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. "އެހެންވީމަ އިރާދަކުރެއްވިއްޔާ އުތުރު، ޚާއްސަކޮށް ހަނިމާދޫ ސަރަހައްދު ވެގެންދާނީ މުސްތަގުބަލުގައި ވަރަށް ބޮޑަށް ކުރިއެރުންތައް ލިބިގެންދާނެ ސަރަހައްދަކަށް،" އޭނާ ވިދާޅުވިއެވެ. ބޮޑެތި ބޯޓު ޖެއްސޭ ވަރުގެ ދިގު ރަންވޭއަކާ އެކީގައި ހަނިމާދޫ އެއާޕޯޓު ހުޅުވީ ކުލަގަދަ ރަސްމިއްޔާތަކުންނެވެ. ރަައީސް ވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި ވިޔަފާރިވެރިންނަށް ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެ، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ވެސް ބޮޑުތިލަދުންމަތީގައި އިންވެސްޓު ކުރުމަށް ގޮވާލައްވާފައެވެ. https://sun.mv/213681 ހަމައެހެންމެ، ހަނިމާދޫ އެއާޕޯޓު ޒަމާނީކުރުން ގުޅިފައިވަނީ ބޮޑުތިލަދުންމައްޗާއި މުޅި ރާއްޖޭގެ ތަރައްގީގެ މުހިންމު މަސައްކަތްތަކާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ހަނިމާދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓެއް ހުޅުވުމުން، އެ ސަރަހައްދުގެ ފަތުރުވެރިކަމަށާއި ވިޔަފާރިއަށް ވެސް ކުރިއެރުންތައް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ