ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ފަހު ވަގުތު ގޯލު ޖަހައި، 1-1 އިން އެއްވަރުކޮށް ޓީސީ ސްޕޯޓްސް ކްލަބުން ބުރު ސްޕޯޓްސް ކްލަބް ކައިރިން ޕޮއިންޓެއް ހޯދައިފި އެވެ.
މި މެޗަށް ފަހު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ކުޅޭ މެޗަށް އަންނަ އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލާނެ އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. ކޮންމެ ޓީމެއް ވެސް ހަތް މެޗު ކުޅެފައިވާއިރު، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 16 ޕޮއިންޓް ލިބިފައިވެ އެެވެ.
ލީގުގެ ހަތަރު ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު، ކްލަބް އީގަލްސް އެވެ. ފަސް ވަނައިގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލި ބުރު އޮތީ ހަ ވަނައިގައި އަށް ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަށް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި ނުވަ ވަނައިގައި އޮތް ޓީސީ އަދި ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ބުރުގެ ޑިއާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ގޯލު ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ބުރުން ލީޑުނެގީ މެޗުގެ 74 ވަަނަ މިނިޓްގަ އެވެ. މިއީ ކައުންޓަ އެޓޭކެއްގައި ބުރުން ކުރިއަށް ޖެހިގެން ކުޅެނިކޮށް، ޓީސީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ހޯދައި، ބުރުގެ ބްރެޒިލް ފޯވާޑް، ހުޑްސަން ޑިއާޒް ޖެހި ގޯލެކެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ އެޓޭކަށް ޖެހިގެން ކުޅެމުންދިޔަ ޓީސީން ލަނޑު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ނަގައިިދިން ހުރަހެއްގައި ވެއްޓިގެންފައި، އަބްދުލްވާހިދު އިބްރާހިމް (ވާޑު) ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެޓޭކަށް އަރައި ހުރި، މުހައްމަދު ދާނިޝް އިބްރާހިމް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ މި މަހު 22 ވަނަ ދުވަހު، މާޒިޔާ އާއި ވިކްޓަރީ ކުޅޭ މެޗުންނެވެ.
ދިވެހި ޕްރިމިއާ ލީގު: ބުރު އަތުން ޓީސީ އިން ޕޮއިންޓެއް ހޯދައިފި ދިވެހި ޕްރިމިއާ ލީގު: ބުރު އަތުން ޓީސީ އިން ޕޮއިންޓެއް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ