ޢަލީ އިޙްޞާން ފިރާޤް
سليمان عليه السّلام
އެކަލޭގެފާނަކީ ނަބިއްޔެއްގެ ދަރިކަލުން ނަބިއްޔެކެވެ. ރަސްކަލެއްގެ ދަރިކަލުން ރަސްކަލެކެވެ. އަރަހުށި މާތްﷲ سبحانه وتعالى، އެކަލޭގެފާނަށްވަނީ ދުވަހަކުވެސް އެއްވެސް އިންސާނަކަށް ނުދެއްވާ ވަރުގެ ގަދަފަދަ ރަސްކަމެއް ދެއްވައިފައެވެ. އެންމެ ވަރުގަދަ އެންމެ ފުރިހަމަ ރަސްކަންދެއްވައިފައެވެ. އެކަލޭގެފާނުގެ ލަޝްކަރުގައި އިންސީންނާއި، ޖިންނީންނާއި، ދޫނިސޫފާސޫތްޕާއި، ވަލުޖަނަވާރު ޝާމިލުވެގެންވެއެވެ. އާދެ އެކަލޭގެފާނަކީ، މާތްﷲ ގެ ނަބިއްޔާ سليمان عليه السّلام އެވެ.
ނަންފުޅާއި ނަސަބުފުޅު:
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން އެކަލޭގެފާނަކީ، މާތްﷲ ގެ ނަބިއްޔާ داود عليه السّلام ގެ ދަރިކަލެކެވެ. އެކަލޭގެފާނުގެ ނަސަބުގެ [ކެވެލިފަތި] ސަލާމްލެއްވި އިބްރާހީމުގެފާނާ ގުޅިފައިވެއެވެ. علاّمة إبن كثير رحمه اللّـه، الحافظ ابن عساكر އާ ޙަވާލާދެއްވައި ލިޔުއްވާގޮތުގައި، سليمان عليه السّلام ގެ ނަސަބުފުޅުގެ ސިލްސިލާއަކީ، سليمان بن داود بن إيشا بن عويد بن عابر بن سلمون بن نحشون بن عمينا داب بن ارم بن حصرون بن فارص بن يهوذا بن يعقوب بن إسحاق بن إبراهيم އެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 323}
ސުލައިމާނުގެފާނުގެ ނަބީކަމާއި ރަސްކަން
داود عليه السّلام ފުރައުއްތަވެވަޑައިގެންނެވުމުން، ނަބީކަމާއި ރަސްކަން ލިބިވަޑައިގެންނެވީ سليمان عليه السّلام އަށެވެ. މިކަން ބަޔާން ކުރައްވައި ސޫރަތުއް ނަމްލުގެ 16 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَوَرِثَ سُلَيْمَانُ دَاوُودَ ۖ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ ۖ إِنَّ هَـٰذَا لَهُوَ الْفَضْلُ الْمُبِينُ ﴿١٦﴾
މާނައީ: [އަދި داود ގެފާނުގެ ކިބައިން (ނަބީކަމާއި ވެރިކަން) ވާރުތަވީ، سليمان ގެފާނަށެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެމެންނަށް ދޫނިސޫފާސޫފީގެ ބަހުރުވަ އުނގަންނައިދެއްވިއެވެ. އަދި އަހުރެމެންނަށް ހުރިހާކަމެއް ލިބިފައިވެއެވެ. ހަމަކަށަވަރުން، މިކަންތަކަކީ، ފާޅުވެ އެނގިގެންވާ فضل ވަންތަ ކަމެއްކަން ކަށަވަރެވެ].
علاّمة إبن كثير رحمه اللّـه، އަލްބިދާޔާ ވައްނިހާޔާގައި، ލިޔުއްވައިފައިވެއެވެ. މިދެންނެވި އާޔަތުގައިވާ ވާރުތަވުމަކީ ނަބީކަމާއި ރަސްކަން ވާރުތަވެވަޑައިގެންނެވި ވާހަކައެވެ. މުދާ ވާރުތަވެވަޑައިގެންނެވި ވާހަކައެއް ނޫނެވެ. އެހެނީ މިއުންމަތުގެ މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. [އަހަރެމެން ނަބީބޭކަލުންގެ ޖަމާޢަތުގެ ބޭކަލުންނަކީ މުދާ ވާރުތަކުރާނެ ބައެއްނޫނެވެ. ނަބީބޭކަލުން ދޫކޮށްފައިދާ ތަކެއްޗަކީ ޞަދަޤާތެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 324}
މިދެންނެވި ނަމްލު ސޫރަތުގެ 16 ވަނަ އާޔަތުން ދޭހަވާފަދައިން، މާތްﷲ سبحانه وتعالى ، سليمان عليه السّلام އަށް ވަނީ ދޫނިސޫފާސޫފީގެ ބަހުރުވަ އުނގައްނަވައިދެއްވައިފައެވެ. އިންސާނީ ރަސްކަމެއްގައި ބޭނުންވާނެ ހުރިހާ ވަޞީލަތްތަކެއް ދެއްވައިފައެވެ.
الحافظ أبو بكر البيهقي ބަޔާން ކުރައްވައިފައިވެއެވެ. އަބޫ މާލިކު ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ފިރިހެން ދޫންޏެއް، އަންހެން ދޫންޏެއްގެ ވަށައިގެން އެނބުރި އެނބުރިފައި އުޅޭތަން سليمان عليه السّلام އަށް ފެނިވަޑައިގެންފިއެވެ. ދެން އެކަލޭގެފާނުގެ އަޞްޙާބުންނަށް ވިދާޅުވިއެވެ. [އެ ދޫނި އެކިޔަނީ ކީކޭކަން އެނގޭ ހެއްޔެވެ؟] އެކަލޭގެފާނުގެ އަޞްޙާބުން ދެންނެވިއެވެ. [ އޭ މާތްﷲ ގެ ނަބިއްޔާއެވެ. އެ ސޮރު އެކިޔަނީ ކީކޭ ހެއްޔެވެ؟] سليمان عليه السّلام ވިދާޅުވިއެވެ. [އެ ފިރިހެން ދޫނި، އަންހެން ދޫނި ކައިރީގައި ބުނެއެވެ. ތިބާ އަހަރެންނާ ކާވެނި ކުރަންވީ ނޫންހެއްޔެވެ؟. އޭރުން ދިމިޝްޤުގެ ކޮޓަރިތަކުގެ ތެރެއިން ތިބާ ބޭނުން ކޮންމެ ކޮޓަރިއެއްގައި ތިބާއާއެކު އުޅޭނަމެވެ.]
سليمان عليه السّلام ވިދާޅުވިއެވެ. [ދިމިޝްޤުގެ ކޮޓަރިތައް ބިނާކޮށްފައިވަނީ، ހިލައިންނެވެ. އެތަނުގައި ވަޒަންވެރިވެގެން އުޅޭކަށް އެއްވެސް މީހަކަށް ކުޅަދާނައެއް ނުވާނެއެވެ. ނަމަވެސް ވާހަކަ ދެއްކުމުގައި އެ ދޫނި ދޮގު ހެދީއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 324-325}
ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 1
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ