އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް
ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ބާސެލޯނާގެ ސްޕޮޓިފައި ނޯ ކޭމްޕް ގައި ސާޅީސް ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މިމެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 15 މެޗުން ލިބުނު 37 ޕޮއިންޓާއެކު އެވެ. އެއް މެޗު މަދުން ކުޅެގެން ތާވަލުގެ ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 33 ޕޮއިންޓާއެކު އެވެ. އެތުލެޓިކޯ މެޑްރިޑު އޮތީ 15 މެޗުން 31 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އެތުލެޓިކޯ މެޑްރިޑުންނެވެ. މެޗުގެ 19 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް ބައޭނާ އެވެ. ނަމަވެސް މި ލަނޑުޖެހިތާ ހަތް މިނިޓުފަހުން ބާސެލޯނާގެ ކެޕްޓަން ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ބާސެލޯނާއިން މެޗުގައި ލީޑުނެގީ 65 ވަނަ މިނިޓުގައެވެ. މިއީ ޑެނީ އޮލްމޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. އެޓީމުގެ ތިންވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފެރާން ޓޮރޭޒް އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ