އެކައުންޓުގައި ފައިސާ ރޯލު ވާތީ ކަމަށް ބުނެ ޒަކާތް ނުލިބޭކަމުގެ ޝަކުވާ ކުރި އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރުމަށްފަހު، އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އެ ޕޯސްޓު އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ޑިލީޓުކުރައްވައިފި އެވެ.
ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދިއްތަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެކަނިވެރި މަޔަކު ވަނީ އޭނާގެ އުދާސްތައް ބޭރުކޮށްލައިފަ އެވެ.
އުމުރުން 37 އަހަރުގެ އައިޝާ ނަމަކަށް ކިޔާ އެ މީހާ ބުނީ އޭނާގެ ފަސް ދަރިން ތިބޭ ކަމަށާއި އޭގެތެރެއިން އެންމެ ހަގު ކުއްޖާ އުފަންވިއިރު ވެސް ލޮލަށް ނުފެންނަ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ގޮސް 2023 ވަނަ އަހަރު އެ ކުއްޖާގެ ލޮލަށް ފަރުވާ ކުރުމަށްފަހު ރާއްޖެއަށް އައުމުން، ދެންތިބި ހަތަރުކުދިންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ އެ ކުދިންގެ ބައްޕައާ ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ކުދިންގެ ބައްޕައަކީ ބޮޑު ކުށްވެރިއެއް ކަަމަށް އައިޝާ ބުންޏެވެ.
އަދި، އޭގެފަހުން އެ ހަތަރު ކުދިން މިހާރު އޭނާއާ ހަވާލުކޮށްފައިވާ ކަމަށާއި އެ ހުރިހާ ކަމެއްގެ ތެރޭގައި އޭނާ އުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ނަމަވެސް، މިއަދާ ހަމައަށް ވެސް އޭނާއަށް ޒަކާތުގެ އެހީ ނުލިބޭ ކަމަށް އައިޝާ ބުންޏެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާގެ އެކައުންޓުގައި ފައިސާ ރޯލު ކުރުން ކަމަށް އައިޝާ ބުންޏެވެ.
"މިހާރު ވެސް އަޅުގަނޑުމެން މި ތިބެނީ، ގާތްގަނޑަކަށް ހަތް ވަރަކަށް ދުވަސްވީ ފެނާ ނުލައި މި އުޅެނީ ހުރިހާ ކުދިން ގޮވައިގެން، ހުރިހާ ކުދިން މިހާރު ވެސް އެ ދަނީ މިސްކިތަށް ބީޗަށް ފާހާނާ ކުރަން، އެކަމަކު އިސްލާމިކް މިނިސްޓްރީއަށް ޒަކާތުގައި ޖެހުނީމާ މި ބުނަނީ ހައްގެއް ނޫނޭ، އެކައުންޓު ރޯލްވެފައޭ މި ބުނަނީ، ކޮބައިތޯ އެކަނިވެރި މައިންގެ އިހުސާސްތަކަކީ؟" އައިޝާ ބުންޏެވެ.
އޭނާގެ އެ ވާހަކަތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބި އެ ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވާން ފެށުމުން، ރާއްޖެޓީވީ އެކްސްޓްރާގެ ފޭސްބުކް ޕޭޖުގައި އެ ހަބަރު ޝާއިއުކޮށްފައިވާ ޕޯސްޓެއް ޝެއާ ކުރުމަށްފަހު ޝަހީމް ވަނީ އެ އަންހެން މީހާގެ ޒާތީ މައުލޫމާތު ހާމަކޮށްފަ އެވެ.
އެގޮތުން އެ މީހާއަށް މިދިޔަ އަހަރު ޒަކާތު ހައުސްއިން ދިން ފައިސާގެ އަދަދާއި އެކަނިވެރި މަޔަކަށް ވީތީ އޭނާއަށް ކޮންމެ މަހަކު ދައުލަތުން ލިބޭ އެހީ އާއި އޭނާގެ މުސާރައާއެކު ލިބޭ ޖުމުލަ ފައިސާގެ އަދަދު ވެސް ޝަހީމް ހާމަކުރައްވާފައިވެ އެވެ. އަދި އެ އަންހެން މީހާގެ އަތުގައި އެއްކޮށްފައި ހުރި ފައިސާގެ އަދަދު ވެސް ޝަހީމް ހާމަކުރެއްވި އެވެ.
ޝަހީމް ކުރެއްވި އެ ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. އެގޮތުން ފާޑުކީ ބައެއް މީހުން ވަނީ ޝަހީމް ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެއީ މިނިސްޓަރެއްގެ ފެންވަރުގައި ހުންނަ މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ޝަހީމްގެ ޕޯސްޓަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އޭނާ މިހާރު ވަނީ އެ ޕޯސްޓު ޑިލީޓުކޮށްފަ އެވެ.
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރުމަށްފަހު ފާޑުކިޔުން އަމާޒުވުމުން ޑިލީޓުކޮށްފި އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރުމަށްފަހު ފާޑުކިޔުން އަމާޒުވުމުން ޑިލީޓުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ