ޗެލެންޖަކީ މަދު މުވައްޒަފުންނާއެކު މެނުއަލް މަސައްކަތްތަކެއް ކުރަން ޖެހުން، ޑިޖިޓަލް ކުރެވުމުން ޚިދުމަތްތައް އަވަސްވާނެ: ހީނާ

އެންމެ ބޮޑު ޗެލެންޖަކީ މަދު މުވައްޒަފުންނާއި ވަސީލަތްތަކާއެކު މެނުއަލް މަސައްކަތްތަކެއް ކުރަންޖެހުން ކަމަށާއި، އެއްކޮށް ޑިޖިޓަލް ކުރެވުމުން ޚިދުމަތް ދިނުން އަވަސްވާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ މިހާރު އެންމެ ބޮޑަށް އިސްކަންދެނީ އެންސްޕާ އަދި ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު ކަމަށްވާ އާސަންދައިގެ ޚިދުމަތްތައް ވެސް ވީހާވެސް ބޮޑަކަށް ހަރުދަނާކޮށް، ޚިދުމަތް ދިނުން އަވަސްކުރުމަށް ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު އެ ދެ މުއައްސަސާގެ ހާލަތު ހުރީ އެންމެ އެދެވޭ ގޮތުގައި ނޫންކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ އެންމެ ރަނގަޅަށް މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ މާހައުލު ވެސް ނެތް ކަމަށެވެ. ވަރަށް މެނުއަލް މަސައްކަތްތަކެއް ހަގީގަތުގައި ކުރަން މިޖެހެނީ. ކޮންމެ ދުވަހަކީ ވެސް ވަރަށް ގިނަ ބަލިމީހުން އަޅުގަނޑުމެންގެ އެހީއަށް އެދެމުންދާ ދުވަހެއް. ކޮންމެ މަހެއްގެ ތެރޭގައި އަޅުގަނޑުމެންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ވެސް ގިނަ އަދަދެއްގެ ބަޔަކު އަޅުގަނޑުމެންގެ އެހީތަކަށް އެދެމުންދާކަން ފާހަގަކުރެވޭ، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އެހެންކަމުން މަދު މުވައްޒަފުންނާއި، މަދު ވަސީލަތްތަކާ އެކު އެންމެ ބޮޑު ޗެލެންޖަކަށްވަނީ ރައްޔިތުން އެ ބޭނުންވާ ފެންވަރުގެ ޚިދުމަތްތަކެއް ދިނުންކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ފެންވަރުގެ ޚިދުމަތްތައް ދިނުމަށްޓަކައި، އެކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ އަަހަރުން ފެށިގެން މަސައްކަތްކުރަމުން ދިޔައީ އެންސްޕާގެ ޚިދުމަތްތައް ވެސް ޑިޖިޓަލް ކުރުމަށް ކަމަށް ހީނާ ވިދާޅުވިއެވެ. އެ މަސައްކަތް ފަށައި، މިހާރު ގިނަ ޕްރޮގްރާމްތަކެއް ލައިވްކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށް ހީނާ ވިދާޅުވިއެވެ. https://sun.mv/213960 މި މަހުގެ 15 ވަނަ ދުވަހު އެންސްޕާގެ ބައެއް ޚިދުމަތްތައް ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް "ވަންގަވް"އަށް ވަނީ ބަދަލު ވެސް ކޮށްފައެވެ. އެހެންކަމުން ވަންގަވް މެދުވެރިކޮށް އެންސްޕާއިން ފަސް ޚިދުމަތެއް މިހާރު ލިބޭނެއެވެ. އެގޮތުން ވަންގަވްއިން މިހާރު ލިބޭނީ: ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ފަގީރު ހާލުގައި އުޅޭ އެހެން މީހުންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދެމުންދާ އެހީ ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީއަށް ދޭ އެހީ ބޭނުންވަނީ އެހީއަށް އެދޭ ކޮންމެ މީހަކަށް ވެސް ވީހާވެސް އަވަހަކަށް އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް އެމީހެއްގެ ކޭސްއާ ގުޅޭ މައުލޫމާތު އެންމެ އަވަހަކަށް ލިބޭނެ ނިޒާމެއް ފޯރުކޮށްދިނުންކަން ހީނާ ފާހަގަކުރެއްވިއެވެ. އަޅުގަނޑުމެންގެ މުވައްޒަފުން ވެސް ކުރަންޖެހޭ މަސައްކަތްތައް ވެސް ހަގީގަތުގައި ވަރަށް ބޮޑު. މެނުއަލް މަސައްކަތްތަކަކީ ވަރަށް ގިނަ ވަގުތު ހޭދަވާ މަސައްކަތެއް. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޗެލެންޖެއް އެއީ. އެހާ ގިނަ އަދަދެއްގެ މީހުންނަށް ދޭ ޚިދުމަތްތަކެއްގައި މެނުއަލް މަސައްކަތްތަކެއް ކުރުން، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އެހެންކަމުން ކުރިއަށް މި ފެށޭ އަހަރަކީ އެންސްޕާގެ މަސައްކަތްތައް ރައްޔިތުންނަށް އޭގެ އެންމެ ފަސޭހަކަމާއެކު ދެވޭނެ އަހަރެއް ކަމަށް ހީނާ ވިދާޅުވިއެވެ. އެންސްޕާއިން ކޮންމެ މަހަކު އާއްމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕްރައިވެޓް ހޮސްޕިޓަލްތަކަށާއި، އަދި ރާއްޖެއިން ބޭރުން ބޭނުންވާ ބޮޑެތި ފަރުވާތަކަށް ވެސް ގިނަ ޚަރަދުތަކެއް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ