އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު ގެނައުމެއް ނެތި ބަޖެޓު ފާސްކުރީ ބައެއް ކުދިކުދި އިސްލާހުތަކާ އެކު އެވެ. އެގޮތުން:
ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 74 މެންބަރުން ވޯޓު ދެއްވި
ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުން
ތަފްސީލް - ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ބައެއް މުއައްސަސާތަކުން ބަޖެޓަށް ބަދަލުތައް ގެންނަން ހުށަހެޅި ނަމަވެސް އެ ބަދަލު ގެނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ މީގެ ކުރިން ވިދާޅުވި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި އާންމު ކޮމެޓީން ފާސްކުރި އަދަދަށް މަދުވާ 3.5 މިލިއަން ރުފިޔާ، ހާއްސަ ބަޖެޓުގެ ތެރެއިން ދޫކުރުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ދަތިވާ ފައިސާ ވެސް އެ އުސޫލުން ދޫކުރާނެކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓްރީން، އަންނަ އަހަރު ބަޖެޓަށް ދަތިވާ ދަތިވުންތަކަށް ބޭނުންވާ ފައިސާ ހާއްސަ ބަޖެޓުގެ ތެރެއިން ދޫކުރާނެ ކަމަށް އެ ބޭފުޅުން ވަނީ ޖަވާބު ދެއްވާފައި،" ސަލީމް ވިދާޅުވި އެވެ.
އެނގުން މުހިއްމު - މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި:
ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ - ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ
ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ
ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ
ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ
ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށް؛ އެއީ 39.9 ބިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ