އެމްޑީޕީގެ ހިންގުން ވަގުތީ ކޮމިޓީއަކާ ހަވާލުކުރަން ގައުމީ މަޖިލީހަށް ދޫކޮށްލަނީ

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒު އިސްމާއީލް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން ޕާޓީ ހިންގަން ކޮމިޓީއަކާ ހަވާލުކުރުމަށް ގައުމީ މަޖިލީހަށް ހުށަހަޅަން އެ ޕާޓީ ގައުމީ ހިންގާ ކޮމިޓީން ނިންމައިފި އެވެ.މޭ 14، 2022 ގައި ޗެއާޕާސަންގެ މަގާމަށް އިންތިހާބުކުރި ފައްޔާާޒު އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ލީޑަޝިޕްގެ އެތެރޭގެ ކޯޅުންތަކުގެ ތެރޭގައި އުފެދުނު ނުތަސްވަސްކަމާ ހެދި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަަކާ ހެދި އުފެދިފައިވާ އެ އަރައިރުން ފައްޔާޒުގެ އިސްތިއުފާ އަށް ފަހު ވެސް ދަނީ ކުރިއަށެވެ.ފައްޔާޒުގެ އިސްތިއުފާގެ ކުރިން އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި އެންމެ ބޮޑަށް ބެއްލެވީ ޕާޓީގެ އެއްބައިވަންތަކަން ގާއިމްކޮށް "އެއްވެގެން" މަސައްކަތް ކުރެވޭތޯ ކަމަށާއި މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީ އަށް ކުރިއެރުން ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.ރޭ ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެން، އެ ޕާޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތާއި ކޮންމެހެން ހަމަޖައްސަންޖެހޭ ކަންކަމާ މެދު އެ ޕާޓީގެ ލީޑާޝިޕުން އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށެވެ.އެގޮތުން, އިއްޔެ މެންދުރު ފަހު ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ދެ ނިންމުމެއް ނިންމި ކަމަށް އެމްޑީޕީން ބުންޏެވެ.އެއީ, އެމްޑީޕީގެ ޗެއާޕާސަންކަމަށް މީހަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަނޑައަޅާ ފަރާތަކާ ވަގުތީގޮތުން ހަވާލުކުރުމަށާއި، ޗެއާޕާސަންގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހެޅުމަށެވެ.އެ ކަންކަމުގައި ކުރިއަށް ދާނީ ހުޅުވާލެވިފައިވާ މާހައުލެއްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ