މ. މުލީގައި ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ދެނީ ނުރައްކާތެރި ހާލަތެއްގައިކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވަ ގޮތުގައި މުލީގައި ޖުމްލަ ތިން ޖެނެރޭޓަރު ހުންނައިރު އޭގެ ތެރެއިން އެއް ޖެނެރޭޓަރު ބޭނުން ނުކުރެވޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އޭގެއިތުރުން އިތުރު ދެ ޖެނެރޭޓަރު އޯވަހޯލް ނުކޮށް ހުންނަތާ ވެސް އެތައް ދުވަހެއް ވަނީ ފާއިތުވެފަ އެވެ.
މުލީ ބައެއް ރައްޔިތުން އަދަދު އަށް ބުނީ ކަރަންޓު ހާލަތު މިހާރު އޮތް ގޮތުން ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވާ ހާލަތެއްގައި މުޅި ރަށުން ކަރަންޓު ކެނޑި ރަނގަޅުކުރަން ވަގުތު ނަގާނެ އެވެ.
މިކަމާ ގުޅިގެން މުލީ ކައުންސިލްގެ ރައީސް ޝަމޫން ރަމީޒް އަދަދު އަށް ވިދާޅުވީ މުއްޔަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ހައްލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށާއި ހާލަތު ބަޔާންކޮށް މުހައްމަދު މުއިއްޒުއަށް ވެސް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
"މުޅި ރައްޔިތުންނަށް ކަރަންޓު ދޭއިރު އެބަޖެހޭ ގްރިޑް އެއްކޮށް ބަދަލުކުރަން. ކޭބަލްތައް އެއްކޮށް ބަދަލުކުރަން. މި ރަށުގެ އެއް ފަޅިއަށް ރަނގަޅަށް ކަރަންޓެއް ނުލިބޭ. ކަރަންޓު ވޭރީވޭ އެބަ. 220 ވޯޓު މި އިނަނީ ޖެނެރޭޓަރަކު. އައުޓްކުރަން ޖެހެނީ 220 ވޯޓްސް،" ޝަމޫން ވިދާޅުވި އެވެ.
"ރަނގަޅަށް ކަރަންޓެއް ނުލިބެއޭ މާނައަކީ 180 ނުވަތަ 170 އަށްވެސް ޑްރޮޕްވެފައި އެބަހުރި. އެހެންވީމަ އެ ސަރަހައްދުތަކަށް ކަރަންތު ނުލިބެންޏާ އެއީ ރަން ކުރަން ޖެހޭ އެއްޗެހި ރަނގަޅަކަށް ރަންއެއް ނުކުރާނެ. ބިލުވެސް ބޮޑުވާނެ."
ޝަމޫން ވިދާޅުވީ މުލީގެ ކަރަންޓު ހާލަތު އޮތް ގޮތުގެ ސަބަބުން އެ ރަށުގެ ކަރަންޓު ކެޕޭސިޓީ ވެސް އޮތީ އިތުރުކުރަން ޖެހޭ ހާލަތުގައި ކަމަށެވެ.
އޭގެއިތުރުން އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުލީ އެއާޕޯޓުގެ ރަންވޭގައި ލައިޓުތައް ޖަހައި ރޭގަނޑު ފްލައިޓު ޖެއްސޭނެ އިންތިޒާމު ހަމަޖެއްސި ނަމަވެސް، ކެޕޭސިޓީ ނެތުމުން އެ ލައިޓްތައް ފެނަކަ ޓްރާންސްފޯމާއާ މިހާތަނަށް ވެސް ގުޅާލާފައެއް ނުވެ އެވެ.
މުލީ ރައްޔިތުންނަށް ދޫކޮށްފައިވާ 135 އަށްވުރެ ގިނަ ގޯއްޗަށް ކަރަންޓާއި ނަރުދަމާގެ ހިދުމަތް ވެސް ނުދެވިގެން އުޅެނީ ރަށުގައި އެވަރުގެ ކަރަންޓް ކެޕޭސިޓީއެއް މިވަގުތު ނެތުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅިގެން ފެނަކައިގެ މިހާތަނަށް އެއްވެސް ބަހެއް ލިބިފައި ނުވެ އެވެ.
މުއްޔަށް މިދިޔަ މެއި މަހުގެ ތެރޭގައި މުއިއްޒު ކުރެއްވި ދަތުރުގައި އެ ރަށުގެ ކަރަންޓު ކެޕޭސިޓީ ބޮޑުކުރުމަށް އައު ޖެނެރޭޓަރެއް ވީހާވެސް އަވަހަށް ފޮނުވަދޭނެ ކަމަށް ވައުދުވި އެވެ. އޭގެ ފަހުން ހަ މަސް ފާއިތުވެގެންދިޔައިރު ވެސް އައު ޖެނެރޭޓަރެއް ފޮނުވާފައެއް ނުވެ އެވެ.
މުލީގެ އާބާދީއަކީ 1014 އެވެ. އެއީ 520 ފިރިހެނުންނާއި 492 އަންހެނުންނެވެ. އަތޮޅު ހޮސްޕިޓަލް އެ ރަށުގައި ހިންގަމުން އަންނައިރު، މިހާރު ވަނީ އެއާޕޯޓެއް ވެސް ތަރައްގީކޮށްފަ އެވެ.
މުލީގައި ކަރަންޓުގެ ހިދުމަތް ދެނީ ނުރައްކަތެރި ހާލަތެއްގައި މުލީގައި ކަރަންޓުގެ ހިދުމަތް ދެނީ ނުރައްކަތެރި ހާލަތެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ