ގިނަބައަކަށް ނަރަކައަށް ދާންޖެހުން ގާތީ އެއީ ބޮޑުފާފައެއްކަމަށް ޤަބޫލުނުކުރެވި ކުރަމުން ގެންދާ ބޮޑެތި ފާފަތަކުގެ ބުރަދަން ބޮޑުކަމުން!

ބައެއް މީހުން އެހެން މީހުންނަށްވުރެ ގިނައިން ޚަޠިމްކުރަން ކިޔަވައެވެ. އަނެއްބައަކު ވީހައި ގިނަ ނަމާދުކުރަން ބައިވަރު ސުންނަތް ނަމާދުތައް ކުރެއެވެ. އަދި އެހެންވެސް އަޅުކަންތައް ވީހައި ގިނައިން ކުރަން މަސައްކަތްކުރެއެވެ.
ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނުގައި ﷲ ތަޢާލާ މީސްތަކުންގެ ޙިސާބު ބައްލަވާއިރު ކޮށްފައިވާ ޢަމަލުތައް ގުނުއްވަވަނީއެއް ނޫނެވެ. މީޒާނުގައި ކިރުއްވަވަނީއެވެ. އެ ތިލަފަތް ނުވަތަ މީޒާން ހުންނާނެ ގޮތެއް ނުވަތަ ކިރުއްވަވާނެ ގޮތެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. އެނގޭކަމަކީ ބައްލަވާނީ ޢަމަލުތަކުގެ ބުރަދަން ކަމެވެ.
އަޅުކަމުގައި އޮތީ ވާދަކުރުމެވެ. ވީމާ ވާދަކުރަންވީއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ހެޔޮ ޢަމަލުތައް ކުރެވޭ ގޮތެވެ. ހެޔޮ ޢަމަލުތައް ކުރެވޭ ފެންވަރެވެ. ސަބަބަކީ ކުރަންވާ ފެންވަރުގައި ނުކުރެވޭނަމަ އެޢަމަލެއްގައި އެއްވެސް ބުރަދަނެއް ނުހުންނާނެތީއެވެ.
ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. މީހެއްގެ ހިތުގައި ޖެއްސުން، ރޮއްވުން، މީހަކަށް ކަންކަން ދަތިކުރުން، މީހަކަށް ފުރައްސާރަކުރުން، ދޮގު ތުހުމަތުއެޅުވުން ފަދަ ކަންކަމަކީ އެއްވެސް ބޮޑުކަމެއްގެ ގޮތުގައި ގިނަ ބައަކު މިހާރަކު ނުދެކެއެވެ. ނަމަވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެއީ އެކަލާނގެ ޙަޟްރަތުގައި ވަރަށް ބޮޑެތި ކަންކަން ކަމަށެވެ. މާނައަކީ ފާފައިގެ ބުރަދަން އިންތިހާއަށް ބަރުވެ ދެއްވަވާނެ ޢަޛާބު ބިޔަވުމެވެ. ބޮޑުވުމެވެ.
ވީއިރު މިބުނި ޒާތުގެ އެއްވެސް ޢަމަލެއް ކޮށްފިނަމަ އެކަމަށް ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބުގެ ވަރުގަދަކަން ނިކަންދެކިބަލާށެވެ. ވަރުގަދައަށް ހަނދާނުގައި ބަހައްޓާށެވެ. މީސްތަކުންނަށް ނުބައިބަސްތައް ބުނެ ހިތުގައި ޖައްސައި ހަދާމީހުން އެކުރި ކަމެއްގެ ރަހަ ދެކޭނެތެވެ. އެއީ ކުޑަކަމަކަށް ނުވާނެއެވެ. ލުއިކަމަށްވެސް ނުވާނެއެވެ!
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ