ހއ. ދިއްދޫއަށް ދެން ވަޑައިގަންނަވާނީ އެ ރަށުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިމުމުން, އެ އެއާޕޯޓު ހުޅުވަން މަތިންދާބޯޓުގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ހަތް މަސްކުރިން ވިދާޅުވި ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް ދިއްދޫ ކައުންސިލުން ބުނެފި އެވެ.
ޖެނުއަރީ 28، ގައި ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން މުއިއްޒު މިހެން ވިދާޅުވީ، އެއާޕޯޓު އެޅުމަށް އެޕްރީލް 19، 2024، ގައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް މަޝްރޫއު އަވަހަށް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
" ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ރަށަށް އަންނާނީ، އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓު ހުޅުވަން،" އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް، ދިއްދޫ ކައުންސިލްގެ މެންބަރު އަބްދުﷲ ވަހީދު މިއަދު އަދަދު ނޫހާ ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް އެހެން ވިދާޅުވި ފަހުން މިހާތަނަށް އެ މަޝްރޫއުގެ އަމަލީ އެއްވެސް ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ.
"އެމްޓީސީސީ އާއި ހަވާލުކޮށްފަ އޮތީ ޕްރޮޖެކްޓު. އެކަމު އެއްވެސް ކަމެއް ކުރިއަކަށް ނުދޭ. މިކަން ލަސްވަނީ ކީއްވެ ކަމެއް ސަރުކާރުން މިހާތަނަށް ބުނެފައެއް ވެސް ނެތް،" ވަހީދު ވިދާޅުވި އެވެ.
އެއާޕޯޓުގެ އިތުރުން ސަރުކާރުން ދިއްދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ހަމައެކަނި ކުރިއަށް ދަނީ އިސްލާމިކް ސެންޓަރުގެ މަސައްކަތް ކަމަށް ވެސް އޭނާ އެވެ. ވައުދުވެފައިވާ މަޝްރޫއުތައް ނުފެށޭ ކަމަށާއި ފެށިފައި ހުރި މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރެއްވި އެވެ.
އެމްޓީސީސީގެ ސޯޝަލް މީޑިއާ އެކައުންޓަކުން ވެސް ދިއްދޫ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދާ ކަމުގެ އެއްވެސް މައުލޫމާތެއް ފެންނާކަށް ނެތެވެ. މަސައްކަތް ފެށުމުން އާންމުކޮށް އެ ކުންފުނިން ކުރާ ޕޯސްޓު ވެސް ކޮށްފައެއް ނުވެ އެވެ.
ޖެނުއަރީ މަހު (ކ) އަދި މި މަހު (ވ) ދިއްދޫ މަތިން ނަގާފައިވާ ސެޓްލައިޓު ފޮޓޯތަކެއް: މި މުއްދަތުގައި އެ ރަށު އެއާޕޯޓު އަޅަން ބިން ހިއްކާފައެއް ނުވޭ ---- ފޮޓޯ: ސެންޓިނެލް 2
ޖެނުއަރީ މަހު ދިއްދޫގައި ހުންނަވާ މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ގިނަ ކަންކަން ތަރުތީބުވެފައިވާ ކަމަށެވެ.
"އެމްޓީސީސީ އަށް ބައެއް މަސައްކަތް ހަވާލުކޮށް، އަދި ބޭރުގެ ފަރާތަކާ އެކީގައިވެސް އަޅުގަނޑުމެން ފްރޭމްވޯކް އެގްރީމެންޓްތަކެއްގައި ސޮއިކުރެވި، ގިނަ މަސައްކަތްތަކެއް ފެށިފައި. އަމަލީ މަސައްކަތް ފެށުމާ ހަމަޔަށް މިދަނީ،" މީގެ 236 ކުރިން މުއިއްޒު ވިދާޅުވި އެވެ.
އެއާޕޯޓުގެ ކަންކަން ކުރިއަށް ދޭތޯ ބެލުމަށް މި ނޫހުގެ ޓީމުން ވާނީ ދިއްދޫގެ ސެޓްލައިޓު ފޮޓޯތައް ހޯދާފަ އެވެ. ސެންޓިނެލް 2 ސެޓްލައިޓުން ޖެނުއަރީ މަހު އަދި މި މަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި މުއްދަތުގެ ތެރޭ ދިއްދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެ އެވެ.
ދިއްދޫގެ އެއްވެސް ދިމާލަކުން މި މުއްދަތުގައި ބިން ހިއްކާފައެއް ނުވެ އެވެ. ކުރިން ހިއްކާފައި އޮތް ވެލިގަނޑުގައި ވިނަ ފެޅުން ނޫން ބަދަލެއް ފާހަގައެއް ނުވެ އެވެ. އެއާޕޯޓު އެޅުމަށް ކުރާ ބޮޑެތި އެއްވެސް މަސައްކަތެއް ވެސް ސެޓްލައިޓު ފޮޓޯތަކުން ފެންނާކަށް ނެތެވެ.
ދިއްދޫ އެއާޕޯޓާ ގުޅޭ އެއްވެސް މަސައްކަތެއް ނުހިނގާކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މާޗު މަހު ވަނީ ހާމަވެފަ އެވެ.
ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ހާވަލުކޮށްފައިވޭތޯ ބެލުމަށާއި އެ ކޮންޓްރެކްޓްގެ އަގާއި އެހެނިހެން ތަފްސީލުތައް ހޯދުމަށް މީގެ ކުރިން މާލިއްޔަތު ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ. އެ މައުލޫމާތުތައް ހޯދުމަށް މާލިއްޔަތު ކޮމިޓީން ސިޓީ ފޮނުވީ ކޮންސްޓްރަކްޝަން މިނިސްޓްރީއަށާއި ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ.
"ދިއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެއްވެސް ފަރާތަކާ ހަވާލު ކުރެވިފައި ނުވާ ކަމަށް ނަމަވެސް ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ 19 އެޕްރީލް 2024 ގައި ހަވާލުކުރެވިފައި ކަމަށް. އަދި މަސައްކަތް ފެށިފައި ނުވާކަން ވެސް ފާހަގަކުރައްވާފައިވޭ،" ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޖަވާބު އިއްވަމުން ކޮމިޓީގެ އިދާރީ މޭޒުން މާޗު 4، ގައި ހާމަކުރި އެވެ.
ދިއްދޫ އެއާޕޯޓު މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި މުއިއްޒުއަށް އެ ރަށަށް ވަޑައިގެންނެވޭނެ ދުވަހެއް ނޭނގޭ ހާލަތުގައި ދިއްދޫ އެއާޕޯޓު މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި މުއިއްޒުއަށް އެ ރަށަށް ވަޑައިގެންނެވޭނެ ދުވަހެއް ނޭނގޭ ހާލަތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ