180 ޕެކެޓު ބަދަނާއި ފޯނުތަކެއްގެ ވެރި ފަރާތް ފުލުހުން ހޯދަނީ
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ, ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނާތީ އެތަކެއްޗާ ހަވާލުވުމަށް އިއުލާން ކޮށްފިއެވެ. ފުލުހުން ބުނީ އެ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުންޏެވެ. އޭގެ ތެރޭގައި މިދިޔަ ހޯމަ ދުވަހު، ބޮޑުތަކުރުފާނުމަގު އަލިކިލެގެފާނުމަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފަައިވާ, ވަގަށް ނަގާފައިވާކަމަށް ބެލެވޭ 180 ޕެކެޓު ބަދަން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ފައިސާތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ ބަދަން ތަކުގެ ވެރިފަރާތުން 9631696 އަށް ގުޅައި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދެއެވެ. އޭގެ އިތުރުން މިދިޔަ ބުދަ ދުވަހު, ހުޅުމާލެ ޗަނބޭލީމަގު "ކޮރަލްވިލް 7" ކައިރިން ހޮވައިގެން ގެނެސްފައިވާ މޯބައިލް ފޯނެއްގެ ވެރި ފަރާތް ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ. ހަމައެހެންމެ މިދިޔަ އާދިއްތަ ދުވަހު ހުޅުމާލެ މޭރީބްރައުން ކައިރިން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއްގެ ވެރިފަރާތް ވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ. މީގެ އިތުރުން މި މަހުގެ 12 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ސެމްސަންގް ބްރޭންޑުގެ މޯބައިލް ފޯނަކާއި ހަމަ އެ ދުވަހު ހުޅުމާލެ ފޭސް އެކެއްގެ ލަކުޑިޖެޓީ ބެންޗެއް މަތިން ހޮވައިގެން ގެނެސްފައިވާ އެމްއައި ބްރޭންޑުގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ. ހުޅުމާލޭ ފޭސް އެކަކުން ފެނިފައިވާ މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅައި ތަފްސީލު ދިނުމަށް ފަހު, ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދެއެވެ. މީގެ އިތުރުން ހުޅުމާލޭ ފޭސް ދޭއްގެ ފުލުހުން ވަނީ, މި މަހުގެ 13 ވަނަ ދުވަހު ހިޔާ ޓަވަރު ކައިރިން ހޮވައިގެން ގެނެސްފައިވާ އައިފޯނެއްގެ ވެރި ފަރާތް ހޯދަން ވެސް އިއުލާން ކޮށްފައެވެ. މި ފޯނުގެ ވެރިފަރާތުން 9393351 އަށް ގުޅައި މައުލޫމާތު ދިނުމަށްފަހު, ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ