ފައިހާއާއި އަކްރަމްގެ ބަންދު ތިންވަނަ ފަހަރަށް އިތުރުކޮށްފި، މިފަހަރު 20 ދުވަސް
މިދިޔަ ޖުލައި މަހުގެ ފަހުކޮޅު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން ޒުވާނެއްގެ ބަންދު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ. ބަންދުގެ މުއްދަތު އިތުރުކުރީ، ހދ. ނޭކުރެންދޫ، ފްލާވާހައުސް ޢައިޝަތު ފައިޚާ ޠާހާ (19އ)އާއި ނ. މަގޫދޫ، ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ)ގެ ބަންދެވެ. އޭގެ ތެެރެއިން ދެ މީހުންގެ ބަންދަށް އިތުރު 20 ދުވަސް ވަނީ ޖަހައިފައެވެ. ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި މަހުގެ 31ވަނަ ދުވަހު ހިިންގި އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަތް މީހަކު ކޯޓުން ދޫކޮށްލިއިރު، ފައިޚާއާއި އަކްރަމްގެ އިތުރުން، އައްޑޫ ހުޅުދޫ، ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ) ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. https://sun.mv/209419 އެ މީހުން ހައްޔަރުކުރީ، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު، ތިންފުޅީ ބަނގުރަލާއި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުމުން ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި ހުރީ 66.92 ގުރާމެވެ. މި ތިން މީހުންގެ ތެރެއިން ކޯޓުން ވަނީ ޝަރުތުތަކާއެކު ތައިސީރު، މިދިޔަ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު ދޫކޮށްލައިފައެވެ. ތައިސީރު ބަންދުން ދޫކޮށްލާފައިވަނީ އެ މައްސަލައިގައި ފާސްކުރި ދެ ގޭގެ ތެރެއިން އޭނާއާ ގުޅޭ އެއްވެސް ލިއުމެއް ފެނިފައިނުވާ ކަމަށް، މައްސަލަ ބެލި އިސް އޮފިސަރުގެ ފަރާތުން ސާފުވުމުން ކަމަށް، އޭނާ ބަންދުން ދޫކޮށްލި އަމުރުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި މައްސަލައިގައި ބަންދުކުރި ފައިޚާ އާއި އަކްރަމްގެ ބަންދު ފުރަތަމަ އިތުރުކުރި ބަޔާނުގައި ދެ މީހުންގެ މޫތު މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަމަށް، ދެ މީހުންގެ ފުރަތަމަ ބަންދު އަމުރުގައި ވެއެވެ. 15 ދުވަހަށް ބަންދުކުރުމަށް ފަހު، މިދިޔަ މަހުގެ 20ވަނަ ދުވަހު ދެ މީހުންގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްފައެވެ. އަދި އިއްޔެ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، ކޯޓުން ނިންމީ ދެ މީހުންގެ ބަންދަށް 20 ދުވަސް އިތުރުކުރުމަށެވެ. ފާހަގަކުރެވޭ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރިމާންޑް ސެންޓަރުތައް ގާއިމްކޮށް، ފަރުވާގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް ކުރާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ