ކުޑޫ މައްސަލަ ހުށަހެޅުއްވިތާ އަހަރެއް ފަހުން، އޭޑީއެޗްޑީ ބޭސް މަނާ ލިސްޓުން އުނިކުރަން ކޮމިޓީން ފާސްކޮށްފި
އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)ގެ ފަރުވާއަށް ބޭނުންކުރާ މުހިންމު ބޭހެއް، ރާއްޖެގައި ބޭނުންކުރުން މަނާ ޑުރަގުތަކުގެ ލިސްޓުގައި ހިމަނައިފައިވާ މައްސަލައެއް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފާހަގަކުރެއްވިތާ އަހަރެއް ފަހުން، އެ ބޭސް އެތެރެކުރަން ހުއްދަ ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ކަންކަމަށް ސަމާލުކަން ދިނުން ކުޑަވެ، ހަލަނިވުން ފަދަ ކަންކަން ފެންނަ އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާއަށް ބޭނުންކުރާ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޓޭޑް މީގެ ކުރިން ގާނޫނުގައި ބަޔާންކޮށްފައި އޮތީ މަސްތުވާއެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން ރާއްޖޭގައި ބޭނުންކުރުން މަނާ ޑްރަގަކަށްވާތީ އެ ބޭސް ރާއްޖެއަކުން ނުލިބެއެވެ. މިދިޔަ އަހަރު އެ މައްސަލަ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވީ ކުޑޫއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ތެރަޕީ ނުލިބޭ ކަމުގެ ކަންބޮޑުވުމާއެކު ކުޑޫ ފުރަތަމަ ހުށަހެޅުއްވި މައްސަލަ، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15ގައި ބޭރުކޮށްލިއެވެ. ދެން ކުޑޫ އެ މައްސަލަ ހުށަހެޅުއްވީ، 47 ބެލެނިވެރިންގެ ސޮޔާ ޕެޓިޝަންއެކެވެ. އެ މައްސަލައިގައި މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން އޮގަސްޓް 18، 2025 ގައި ބުނީ، އެއީ އޭޑީއެޗްޑީގެ ފަރުވާއަށް ރަނގަޅު ބޭހެއްކަން ސައިންސް ހެކިދޭ ކަމަށެވެ. އެކަމަކު، އެއީ މަނާ ޑުރަގެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ރާއްޖޭގައި ތިބި އޭޑީއެޗްޑީ ހުންނަ ކުދިންނަށް އެ ބޭސް ބޭނުމެއް ނުކުރެވެއެވެ. https://sun.mv/210103 އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މިދިޔަ މަހު 22 ގައި ކުޑޫ ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ. އެ ސިޓީއާ ގުޅިގެން މިދިޔަ މަހު 30 ގައި މަޖިލީހުގެ ރައީސަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ ބޭހާ ގުޅޭ ގޮތުން ނެޝަނަލް ޑުރަގު ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާ މެދު އޭޕްރީލް 26 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކޮށް، އެ ކަމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވަން ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ސިޓީގައި ރައީސް ވިދާޅުވިއެވެ. އެހެންވެ، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކުރުމާ މެދު މަޖިލީހުން ގޮތެއް ކަނޑައަޅައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ކުޑޫ މަޖިލީހުގައި: އޭނާ ވަނީ އޭޑީއެޗްޑީ ބޭހާ ގުޅޭ މައްސަލަ، ތަކުރާރުކޮށް މަޖިލީހުގައި ފާހަގަކުރައްވައިފައި -- ފޮޓޯ/ މަޖިލިސް އެ މައްސަލަ ދިރާސާކޮށް، މިއަދު ބޭއްވި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ވަނީ، މަނާކޮށްފައިވާ ތަކެތީގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކުރަން ކޮމިޓީގެ އިއްތިފާގުން ރުހުންދީފައެވެ. ކުޑޫގެ ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިންގެ ފަރާތުން ވަނީ ތެރަޕީއާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ އެހެނިހެން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންސްޕާ ނުކުޅެދިފައިވަނީ ކީއްވެގެންތޯ ބެލުމަށް ތަހުގީގެއް ހިންގައިދިނުމަށް އެދިފައެވެ. އަދި އެޗްއާރްސީއެމާއި، ފެމިލީ އެންޑް ސޯޝަލް މިނިސްޓްރީއާއި، އެންސްޕާއާއި ޑިސެބިލިޓީ ކޮމިޝަން ހިމަނައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ވަނީ އެދިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކޮށްދޭން އެދި އެމްއެފްޑީއޭއިން ވެސް މިދިޔަ އަހަރުގެ ޖުލައި 13 ގައި މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ