ބޮޑު ކާސްޓަކާއެކު ގެނެސްދޭ 'ވެލްކަމް ޓު ދަ ޖަންގަލް' ގެ ޓީޒާ ދައްކާލައިފި

މި އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ގިނަބަޔަކު އިންތިޒާރުކުރާ ކޮމެޑީ ފިލްމު "ވެލް ކަމް ޓު ދަ ޖަންގަލް" ގެ ޓީޒާ ދައްކާލައިފިއެވެ. އިއްޔެގެ ވަގުތެއްގައި އާންމުކުރި މި ޓީޒާއިން ކުރީގެ މަޝްހޫރު ބައެއް ތަރިންނާއި އަލަށް މި ފްރެންޗައިޒާ ގުޅުނު ތަރިންތަކެއް ފެނިގެންދެއެވެ. ކުރީގެ ހަނދާންތައް އާކޮށްދޭ މި ޓީޒާއިން ބެލުންތެރިން ސިނަމާތަކުން މިހާރު އެންމެ ބޭނުންވާ މަޖާ އަދި ހަލަބޮލި ކަންތައްތަކެއް ފެނިގެންދާނެ ފޯރިގަދަ ފިލްމަކަށް ވާނެކަމުގެ އުންމީދު އާކޮށްދެއެވެ. އާއިލާއާއެކު އެކީގައި ތިބެގެން ބަލާލެވޭނެ މުނިފޫހިފިލުވުމެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ މި ފިލްމު ފެނިގެންދަނީ ވަލު ޖަންގަލީގެ ތެރޭގައި ހިނގާ ފޯރިގަދަ ސަފާރީއެއްގެ ގޮތުގައެވެ. މި ޖަންގަލީގައި ކޮންމެ އެކްޓަރަކީ ވެސް ޝިކާރަވެރިއެއް ނުވަތަ ޝިކާރައެކެވެ. ބޯ ޖަންގަލީގެ މާހައުލެއްގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ މި ފިލްމަކީ ހަލަބޮލިކަމާއި، އޮޅުންބޮޅުންތަކާއި އަދި ބެލުންތެރިން ހިނިފަޅައިގެންދާނެ ކަހަލަ ހެއްވާ މަޖާ ހާދިސާތަކެއް އެކުލެވޭނެ ފިލްމެއް ކަމަށް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. ފިލްމު އެކްޓަރުން ކަމަށްވާ ސުނިލް ޝެޓީ އަދި އަކްޝޭ ކުމާރު "ވެލްކަމް ޓު ދަ ޖަންގަލް"ގެ މަންޒަރެއްގައި -- ފޮޓޯ/ އޭއެންއައި "ވެލްކަމް ޓު ދަ ޖަންގަލް" އަކީ މަޝްހޫރު ކޮމެޑީ ފްރެންޗައިޒް "ވެލްކަމް"ގެ ތިންވަނަ ބަޔެވެ. އަހުމަދު ޚާން ޑައިރެކްޓްކުރާ މި ފިލްމުގައި 30 އަށްވުރެ ގިނަ މަޝްހޫރު ތަރިން ހިމެނޭ ބޮޑު ކާސްޓެއް ފެންނާނެއެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު، ސުނިލް ޝެޓީ، ޖެކީ ޝްރޮފް، ރަވީނާ ޓަންޑަން، ދިޝާ ޕަޓާނީ، ޖެކްލީން ފެނާންޑެޒް، އަރްޝަދު ވަރްސީ، ޕަރޭޝް ރާވަލް، ރާޖްޕަލް ޔާދަވް، ޖޯނީ ލީވަރު، އަފްތާބް ޝިވްދަސާނީ، ލާރާ ދައްތާ، ޝްރޭޔަސް ތަލްޕަޅޭ، ތުޝާރު ކަޕޫރު، ދަލެރް މެހެންދީ، ފަރީދާ ޖަލާލް، ކްރިޝްނާ އަބީޝެކް، ކީކޫ ޝަރުދާ، ކިރަން ކުމާރު، މުކޭޝް ތިވާރީ، ޔަޝްޕާލް ޝަރުމާ، ވިންދޫ ދާރާ ސިންގް، ނަވާބު ޝާހް، އުރުވަޝީ ރައުޓޭލާ، ޕުނީތު އިއްސާރު، ސުދޭޝް ބެރީ، ހޭމަންތު ޕާންޑޭ، ޒާކިރު ހުސައިން އަދި ސަޔާޖީ ޝިންޑޭ ހިމެނެއެވެ. މިހާ ގިނަ ތަރިންތަކެއް މި ފިލްމުގައި ހިމަނާފައިވީ ނަމަވެސް، މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބައެއް ތަރިން މި ފަހަރު ނުފެންނާނެއެވެ. އެގޮތުން 2007 ވަނަ އަހަރު ނިކުތް "ވެލްކަމް" ފިލްމުގައި "މަޖްނޫ ބާއީ" އަދި "އުދޭ ޝެޓީ"ގެ ކެރެކްޓާއިން ފެނުނު އަނިލް ކަޕޫރާއި ނާނާ ޕާޓޭކަރް މި ފިލްމަކުން ނުފެންނާނެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ތިއޭޓަރުތަކުގައި ރިލީޒް ކުރުން ވަރަށް ބޮޑަށް ލަސްވުމަށްފަހު، މިހާރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ