ގެއްލުނު ޑައިވަރުން ހޯދަން އެހީވާން އިޓަލީ ސަރުކާރުން ދެ މާހިރުން ފޮނުވަނީ

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް މިހާރު ދިވެހި ސިފައިންގެ ޑައިވަރުން ހިންގަމުންދާ އޮޕަރޭޝަންގައި އެހީތެރިވުމަށް އިޓަލީގެ ސަރުކާރުން ފަންނީ މާހިރުން ފޮނުވަން ނިންމައިފި އެވެ. 
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ޑައިވަށް ދިޔަ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ދެން ތިބި މީހުން ހޯދުމަށް ސިފައިންގެ ޑައިވަރުން ހިންގާ އޮޕަރޭޝަން ދަނީ އަދިވެސް ކުރިއަށެވެ. 
ތަފްސީލް - އެ އޮޕަރޭޝަންގެ މައުލޫމާތު ސީދާ ރައީސް އޮފީހުން މީޑިއާތަކަށް އާންމުކުރާ ގޮތަށް ނިންމާފައިވާއިރު، އޮޕަރޭޝަންގެ މައުލޫމާތު 'ދައުރު'އާ ހިއްސާކުރައްވަމުން ސަރުކާރުގެ އިސް މުހައްމަދު ހުސެއިން ޝަރީފް މިއަދު ވިދާޅުވީ:
މިއަދު ވެސް ހެނދުނު 10:30އިން ފެށިގެން ސިފައިންގެ ޑައިވަރުން، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނޭ ކަމަށް 
"އިއްޔެގެ ޑައިވުން ހޯދުނުގެ ކުރިއެރުންތަކުގެ މައްޗަށް ބަލާ މިއަދުގެ ޑައިވް ކުރިއަށް ގެންދާނީ އެބޭފުޅުން،" އިސް ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިފައިންގެ ޑައިވަރުންނަށް އެހީތެރިވުމަށް އިޓަލީ ސަރުކާރުން ދެ ތަޖުރިބާކާރަކު ފޮނުވަން މިހާރު ނިންމާފަ އެވެ. އަދި އެކަމަށް ނިންމަން ޖެހޭ އެންމެހާ އިންތިޒާމްތައް ނިންމައި ކަންކަން މިހާރު ފައިނަލްވެފައިވާ ކަމަށް ވެސް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ. 
"ލަސްތަކެއް ނުވެ އިޓަލީ ސަރުކާރުން ފޮނުއްވާ ތަޖުރިބާކާރުން ރާއްޖެ އައިސް ސިފައިންގެ ޓީމާ އެކު މަސައްކަތް ކުރައްވަން ފައްޓަވާނެ. އެބޭފުޅުން ތިބި ތަނުން ފްލައިކޮށްފައި އައުން ދެން އޮތީ،" މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ. 
ގުޅުންހުރި - މި ހާދިސާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލާތީ އެ މީހުން ޑައިވަށް ގެންދިޔަ ސަފާރީ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓައިފަ އެވެ. 
ފާހަގަކުރެވޭ - މަރުވި ހަތަރު ޓޫރިސްޓުންނާއި އެ މީހުންގެ އިންސްޓްރަކްޓަރު 60 މީޓަރަށް ފީނިއިރު، ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ