އޭނާއަކީ ރެއާލް މެޑްރިޑްގެ ސްކޮޑުގައި ހިމެނޭ "ހަތަރުވަނަ ފޯވާޑް" ކޯޗު އަލްވާރޯ އާބެލޯއާ ކަބުނެ ބެންޗުގައި ބޭންދި ކަމަށް ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ފަލަމަސްގަނޑަށްށް ދިމާވި އަނިޔާއަކުން ސަލާމަތްވެ، ބުރާސްފަތި ދުވަހު ރެއާލް އޮވިއޭޑޯ އަތުން 2-0 މެޑްރިޑް މޮޅުވި މެޗުގެ 69 ވަނަ މިނެޓުގައި ކުޅެން އެރުވި ނަމަވެސް، ސެންތިއާގޯ ބެރްނަބެއުއަށް އެއްވި ސަޕޯޓަރުން ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލާފަ އެވެ.
"އަހަރެން މިހުރީ ވަރަށް ރަނގަޅަށް، ސަތޭކަ ޕަސެންޓް ފިޓްކޮށް. އަހަރެން ފުރަތަމަ އެގާރައިގައި ނުކުޅުނީ ކޯޗު ބުނެގެން އަހަރެން މިއީ އޭނާއަށް ހަތަރުވަނަ ފޯވާޑް ކަމަށް (ބުނި). [ފްރެންކޯ] މަސްޓަންޓުއޯނޯ، ވިނީޝިއުސް [ޖޫނިއާ] އަދި ގޮންޒާލޯ [ގާސިއާ]ގެ ފަހަތުން،" އެމްބާޕޭ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ
އެމްބާޕޭ ވަނީ އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރައި، ޖޫޑް ބެލިންހަމް ޖެހި ރެއާލްގެ ދެވަނަ ލަނޑަށް އެސިސްޓް ކޮށްދީފަ އެވެ.
ރެއާލްގެ ސަޕޯޓަރުން ދަނީ އެމްބާޕޭ، ޓީމަށް ދޭ ސަމާލުކަން ކުޑަކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، އަނިޔާގެ ސަބަބުން މިދިޔަ ހަފްތާ ބަންދުގައި ކުޅުނު އެލް ކްލެސިކޯ މެޗުގައި އޭނާއަށް ނުކުޅެވުމާއި، އެ މެޗުން ބާސެލޯނާ މޮޅުވެ ސްޕެނިޝް ލީގު ކާމިޔާބުކުރުމުން ސަޕޯޓަރުންގެ ނުރުހުން ވަނީ ބޮޑުވެފަ އެވެ. މީގެ އިތުރުން އަނިޔާއިން ސަލާމަތްވަމުން ދިޔަ ދުވަސްވަރު ޗުއްޓީ ހޭދަކުރަން ދަތުރު ދިއުމުންވެސް ސަޕޯޓަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ.
އޭނާގެ ޗުއްޓީ ދަތުރާ ބެހޭގޮތުން ވާހަކަދައްކަމުން އެމްބާޕޭ ބުނީ މެޑްރިޑުން ބޭރަށް ދިއުމަށް ކްލަބުގެ ހުއްދަ ލިބުނު ކަމަށެވެ. އަދި އެގޮތަށް ދިޔައީ ހަމައެކަނި އޭނާ ނޫން ކަމަށެވެ.
ނަމަވެސް، ރެއާލްގެ ކޯޗު އާބެލޯއާ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، އެމްބާޕޭއަކީ ހަތަރުވަނަ ފޯވާޑް ކަމަށް އޭނާ ބުނެފައި ނުވާނެ ކަމަށެވެ.
"ފަހަރެއްގައި އޭނާއަށް އަހަރެން ދެއްކި ވާހަކަ ރަނގަޅަށް އޮޅުންނުފިލީ ކަމަށް ވެދާނެ. ކަލޭމެން [ނޫސްވެރިންގެ] ގާތު ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭނގޭ،" އާބެލޯއާ ބުންޏެވެ.
ކޯޗު ބުނީ މީގެ ހަތަރު ދުވަސް ކުރިން މެޗެއްގެ ބެންޗަށް ވެސް ނޭރޭ ކުޅުންތެރިއަކު، އެ ދުވަހުގެ މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ދިނުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. ހާއްސަކޮށް ފައިނަލް މެޗަކަށް ނުވާތީ އެގޮތަށް އަމަލުކުރަން ރަނގަޅު ކަމަށް އާބެލާއޯ ބުންޏެވެ.
ސެވިއްޔާއާ ދެކޮލަށް ކުޅޭ މެޗުގައި އޭނާ ހިމެނޭނީ ފުރަތަމަ ފޯވާޑަށް ކަމަށް އެމްބާޕޭ ގާތު ބުނެފައިވާނެ ކަމަށްވެސް އާބެލޯއާ ބުންޏެވެ އެވެ .
މި ސީޒަނުގައި ކުޅުނު 42 މެޗުން 41 ލަނޑު ޖަހާފައިވާ އެމްބާޕޭ ބެންޗުގައި އިންނަން ޖެހުމުން ހިތްހަމަނުޖެހޭނެކަން އާބެލޯއާ ގަބޫލުކުރެ އެވެ.
ރެއާލަށް މިއީ ވަރަށް އުނދަގޫ ސީޒަނެކެވެ. ޖެނުއަރީ މަހު ކޯޗު ޝަބީ އަލޮންސޯ ވަކިކޮށް އާބެލޯއާއާ ޓީމު ހަވާލުކުރި ނަމަވެސް،ވިދިވިދިގެން ދެވަނަ އަހަރު ރެއާލްއަށް ބޮޑު ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުނީ އެވެ.
ކުރިމަތިވި ޕްރެޝަރުގައި ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އިންތިހާބެއް ބޭއްވުމަށް އިއުލާން ކޮށްފަ އެވެ.
އެމްބާޕޭ ބެންޗަށްލީ "ހަތަރުވަނަ ފޯވާޑަށް" ހަދާފައި، ރެއާލަށް ހަމަޖެހުމެއް ނައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ