100 މީޓަރު އަޑިއަށް ފީނޭ ވަރަށް ކޯސްޓްގާޑުގެ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، ސިފައިންގެ ޑައިވަރުން ޑައިވްކުރުމަށް ކޮލިފައިވެފައި ތިބެނީ 50 މީޓަރަށް ޑައިވް ކުރުމަށްކަމަށެވެ. ސަލީމް ވިދާޅުވީ، ކަނޑުމަތީގައި ހިނގާ އެކި ކަހަލަ ޙާދިސާތަކާ ގުޅިގެން މީހުން ހޯދުމަށް ހިންގާ ސަރޗް އޮޕަރޭޝަންތަކާއި ރެސްކިއު އޮޕަރޭޝަންތަކުގައި ބައެއް ފަހަރު ޑައިވަރުންވެސް ވަރަށް ބޮޑު ރިސްކަކަށް ހުށަހެޅޭކަމަށެވެ.
ކޯސްޓްގާޑުގެ ޑައިވަރުންގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކާ، މިއަހަރުތެރޭ 100 މީޓަރަށް ޑައިވް ކުރެވޭ ފެންވަރަށް ޑައިވަރުންނަށް ތަމްރީނުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން އަވައްޓެރި ބައެއް ޤައުމުތަކުގެ އެހީއާއި، ސަރުކާރުގެ އެހީތެރިކަމާއެކު މިއަހަރު ނިމުމުގެ ކުރިން 100 މީޓަރަށް ޑައިވްކުރުމަށް ޑައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާކަން ސަލީމް ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ އިސްނެގުމާއެކު މިއަހަރުތެރޭގައި 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ޑައިވަރުން ގެންދިއުމަށްޓަކައި ޕްރޮގްރާމެއް ފަށާފައިވަނީ. މިމަހުގެ ތެރޭގައި މީގެ ސެކަންޑް ފޭސް ހިނގާނެ. މިއަހަރު ނިމުމުގެ ކުރިން އެއަށް ބޭނުންވާ މީހުން ތަމްރީނުކޮށް ކުރިއަށްގެންދެވޭތޯ މި ބަލަނީ." ސަލީމް ވިދާޅުވިއެވެ.
ރާއްޖެއަކީ ޑައިވްކުރުމަށް ރައްކާތެރި ޤައުމެއްކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، ޑައިވްކުރާއިރު އެންމެ މުހިންމީ އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން ކަމަށެވެ.
ޑައިވްއަށް ދިއުމުގެ ކުރިން ޑައިވް ޕްލޭންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ލެފިޓެންޓް ކާނަލް ޢަލީ ނިޔާޒް ވިދާޅުވީ، ޑައިވަރުންގެ ރައްކާތެރިކަމަށާއި، އެކިއުޕްމަންޓުތަކާއި، ސަރަޙައްދުގެ ކަންކަން ފުރިހަމައަށް ބެލުން މުހިންމުކަމަށެވެ.
"30 މީޓަރަށްވުރެ ފުނަށް ކުރާ ޑައިވްތަކަކީ ޚާއްސަ ސާމާނުތަކެއް ބޭނުންކޮށްގެން ކުރަންޖެހޭ ޑައިވްތައް. ވަކި ކަހަލަ ތަމްރީނުތައް ލިބިގެން. އެކަހަލަ ކަންކަމަށް ނުބެލި މި ކުރެވޭ ޑައިވްތަކުން މަދުންނަމަވެސް ހާދިސާތައް ދިމާވަނީ. ކަނޑުމަތީގެ މިކަހަލަ ކަންކަމަކީ އެހާ ފަސޭހަ ކަންކަމެއްނޫން." ޢަލީ ނިޔާޒް ވިދާޅުވިއެވެ.
ޢަލީ ނިޔާޒް ވިދާޅުވީ، ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑައިވް ދޯނިތަކުންނާއި، ޑައިވް އިންސްޓްރަކްޓަރުންވެސް މުހިންމު ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. ޚާއްސަކޮށް މޫސުން ގޯސް ދުވަސްވަރުތަކުގައި ޑައިވިންއަށް ދާއިރު ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކޮށް، ޑައިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
100 މީޓަރު އަޑިއަށް ފީނޭވަރަށް ސިފައިންގެ އޮފިސަރުން ތަމްރީނުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ