ކުރިން ކީ ހުރިހާ ޅެމެއް ފަރިއްސަށްވެ ނިމުނީ: އަބްދުއްރަހީމް އެއްވުންތައް ރޫޅާލައި، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހުކުރު ހުތުބާގައި ގޮވާލައިފި ބާރުވެރި މުޖުތަމައެއް ބިނާވަނީ އާއިލާ

ދިވެހިރާއްޖޭގެ ސިޔާސީ ތާރީހު ދުށް އެންމެ ނުފޫޒުގަދަ، އަދި އެއް ބޭފުޅަކު އަނެއް ބޭފުޅަކާ އެންމެ ބޮޑަށް ވާދަވެރި ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން، ރައީސް މުހައްމަދު ނަޝީދު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެއް މޭޒެއްގެ ދޮށުން ބައްދަލުވުމަކީ ދިވެހި ސިޔާސީ މަޝްރަހަށް އައި ބޮޑު “ލޮޅުމެކެވެ.” މާޒީގެ ހުރިހާ ދެބަސްވުންތަކާއި، ހަސަދަވެރިކަމާއި، ޖަލުގެ ތޭރިތައް ފަހަނާއަޅައި، “ނޫސްވެރިކަމުގެ މިނިވަންކަމާއި ގައުމުގެ ދިފާއުގައި” މި ތިން ލީޑަރުން އަތްގުޅާލެއްވުމަކީ ރާއްޖޭގެ ސިޔާސީ ޗާޓު މުޅިން ބަދަލުކޮށްލި ތާރީހީ ހާދިސާއެކެވެ.
މި ބާރުގަދަ އިއްތިހާދާއެކު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ރޫހު އިންތިހާއަށް ވަރުގަދަވެގެންދާއިރު، ކުރިއަށް އޮތް ތަނުގައި ސިޔާސީ މަޝްރަހުން ފެންނާނެ ބަދަލުތަކާ މެދު ގިނަ ބައެއްގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ.
މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާއެކު ރައީސް ޔާމީން މިގޮތަށް ގުޅިގެން މަސައްކަތް ކުރައްވަން އެއްބަސްވި ފުރަތަމަ ފަހަރެވެ. މި ތިން ބޭފުޅުންނަކީ ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ސަޕޯޓަރުން ގިނަ އަދި ނުފޫޒުގަދަ ސިޔާސީ ލީޑަރުންނެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ފުޅާ އަދި އެންމެ ވަރުގަދަ “ގްރާސްރޫޓް” ނުވަތަ އާންމު މެންބަރުންގެ ބޭސް އޮތީ މި ތިން ލީޑަރުންގެ ފަހަތުގައެވެ.
އެހެންކަމުން ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން މާލޭގެ މަގުމަތީގައި ކުރަމުންދާ މުޒާހަރާތަކުގެ ރޫހު އިތުރަށް ވަރުގަދަވެ، ބައިވެރިވާ މީހުންގެ އަދަދު އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހި، ނަމަވެސް ވަކި ކޮޅަކަށް ނުކުންނަން ނުކުރެވި ތިބި އާންމު ރައްޔިތުންނަށް މަގުމައްޗަށް ނުކުތުމުގެ ހިތްވަރު ލިބިގެންދާނެއެވެ.
އިދިކޮޅު ހަރަކާތްތައް ހަމައެކަނި މަގުމަތީގެ މުޒާހަރާތަކަށް އެކަނި ބަރޯސާއެއް ނުވާނެއެވެ. ސިޔާސީގޮތުންނާއި ގާނޫނީގޮތުން ސަރުކާރު ކޮޅަށްޖައްސާލާނެ ފަދަ ސްޓްރެޓެޖީތަކެއް ފެނިގެންދާނެކަަމަށް ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނެމުންނެވެ. އެގޮތުންމަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން މެދުވެރިކޮށް ސަރުކާރުގެ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރުން އިތުރުވެގެންދާނެއެވެ. ސަރުކާރުން ނިންމާ ނިންމުންތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަންކަމުގައި ގާނޫނީ ޓީމުތަކުން ކޯޓުތަކަށް ގޮސް ސަރުކާރު ގާނޫނީ ހާސްކަމެއްގެ ތެރެއަށް ވައްދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި ތިން ރައީސުންނަށް ތާއީދުކުރާ ޓީވީ ޗެނަލްތަކާއި، އޮންލައިން ނޫސްތަކާއި، އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ބޮޑު ލަޝްކަރެއް އެބައޮތެވެ. ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ވާހަކައަށްވުރެ ބޮޑަށް، ގައުމުގެ އިގުތިސާދީ ހީނަރުކަމާއި، މިނިވަންކަމަށް ހުރި ހުރަސްތަކުގެ ވާހަކަ މީޑިއާގެ ސުރުހީތަކަށް ގެނެސް، ސަރުކާރުގެ “ޕަބްލިކް ރިލޭޝަންސް” ލިކޮށްލަން އިދިކޮޅުން މީޑިއާ ކެމްޕޭންތައް ވަރުގަދަކުރާނެކަމަށް ބެލެވެއެވެ.
އިގުތިސާދީ ދަތިތަކާއި ނޫސްވެރިންގެ ބަންދާ ގުޅުވައިގެން ތިން ރައީސުން އެކުގައި އަޑުއުފުއްލަވަން ފެެއްޓެވުމުން، ސަރުކާރު ބާރުބޮޑުވެ، ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަންވެސް މިކަމަށް ހުއްޓޭނެއެވެ. ރައީސް ނަޝީދަކީ ބައިނަލްއަގުވާމީ ދުނިޔޭގައި (ހާއްސަކޮށް ހުޅަނގުގެ ގައުމުތަކާއި އިންޑިއާގައި) ވަރަށް ބޮޑު ނުފޫޒެއް އޮތް ބޭފުޅެކެވެ. ރާއްޖޭގެ ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލެމުންދާކަމުގެ ކަންބޮޑުވުން ބޭރުގެ ޑިޕްލޮމޭޓުންނާއި ޖަމްއިއްޔާތަކަށް (މިސާލަކަށް ކޮމަންވެލްތާއި އީޔޫ) ހުށަހެޅުމަށް ރައީސް ނަޝީދުގެ ބޭނުން ހިފާނެއެވެ. މީގެ ސަބަބުން ބޭރުގެ ބާރުތަކުން ސަރުކާރަށް ކުރާ ޕްރެޝަރު ދެގުނަވެގެންދާނެއެވެ.
ސަރުކާރުގެ އެންމެ ބޮޑު ރައްދަކަށް ވާނީ، މި ބައްދަލުވުމަކީ ގައުމީ މަސްލަހަތެއް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުންހުރި ކަމެއް ނޫންކަން ރައްޔިތުންނަށް ވިސްނައިދިނުމެވެ. މިއީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި، އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި އުފައްދާފައިވާ “އޮތްގަނޑެއް” ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ސަރުކާރުގެ ދިފާއުގައި ވާހަކަދައްކާ މީހުން ވަނީ މިއީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް “ވަގަށް” ގޮވައި، ޖަލަށްލައި، ގައުމު ސިޔާސީ ހަނގުރާމައަކަށް ހުށަހަޅާލި ލީޑަރުން މިއަދު އެކުގައި ތިއްބެވުމުން އެބޭފުޅުންގެ އުސޫލެއް ނެތްކަން ދައްކައި، މިއީ “އަދުއްވުންގެ ކޯލިޝަނެއް” ގެ ގޮތުގައި ސިފަކޮށްފައެވެ.
ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ އިދާރީ ހިންގުމުގެ ބާރު އޮތީ ސަރުކާރުގެ އަތުގައި ކަމަށްވުމުން، އިދިކޮޅު ހަރަކާތްތަކަށް ހުރަސްއެޅުމަށް ގާނޫނީ ބާރުގެ ބޭނުން ހިފާނެ ކަމަށެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ނަމުގައި ފުލުހުން މެދުވެރިކޮށް މުޒާހަރާތަކާއި ހަރަކާތްތައް މާލޭގެ ވަކި ސަރަހައްދުތަކަކަށް (މިސާލަކަށް ކާނިވާ ސަރަހައްދަށް) ހަނިކޮށް، މަގުމަތީގެ ހަލަބޮލިކަން ކުޑަކުރަން ފިޔަވަޅު އަޅާނެއެވެ.
އިދިކޮޅުން ގައުމުގެ ހީނަރުކަމުގެ ވާހަކަ ދައްކާއިރު، ސަރުކާރުން ބާރުލާނީ “ޕޮޒިޓިވް ޕީއާރް” އަށެވެ. ސަރުކާރުން ހިންގާ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކާއި، އިގުތިސާދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތްތައް ދައުލަތުގެ މީޑިއާއާއި ސަރުކާރަށް ތާއީދުކުރާ މީޑިއާތަކުން ދައްކައި، އިދިކޮޅުގެ އަޑު ފަނޑުކޮށްލަން މަސައްކަތް ކުރާނެއެވެ. އިގުތިސާދީ ގޮތުން ރައްޔިތުންނަށް ލުއިލިބޭނެ ފަދަ ސިޔާސަތުތަކެއް (މިސާލަކަށް ފްލެޓްތަކުގެ ކުލި ކުޑަކުރުން ނުވަތަ އެލަވަންސްތައް ދިނުން) އިއުލާންކޮށް، ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަގުބޫލުކަން ހިފަހައްޓަން މަސައްކަތްކުރުމަކީވެސް ކުރުން އެކަށީގެންވާ ކަމެކެވެ.
މި ތިން ރައީސުންގެ މެދުގައި ހުރި ފާޅުކަން ބޮޑު ހިޔާލުތަފާތުވުންތަކުގެ ފައިދާ ސަރުކާރުން ހިފާނެއެވެ. ވަކިވަކި ލީޑަރުންނަށް ނުވަތަ އެ ބޭފުޅުންގެ އަރިސް ބޭފުޅުންނަށް ސަރުކާރުގެ ތެރެއިން ދޫތަކެއް ދީގެން ނުވަތަ މަޝްވަރާކޮށްގެން، ތިން ރައީސުންގެ މެދުގައި އޮތް އިތުބާރު ކަނޑާލައި، މި ކޯލިޝަން އެތެރެއިން ރޫޅާލަން ސިޔާސީ ގޭމްތައް ކުޅުމަކީވެސް ދުރުކަމެއް ނޫނެވެ.
މި ތިން ލީޑަރުންނަކީ މާޒީގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އެންމެ ހަރުކަށި ސިޔާސީ އަދި ގާނޫނީ ހަމަލާތައް ދެއްވި ބޭފުޅުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށްލިއެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާކޮށް، ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބޭންދިއެވެ. މި ފަދަ ފުން ޒަހަމްތަކެއް ހުރި މާޒީއެއް އޮތުމުން، މި ބޭފުޅުންގެ މެދުގައި ހަގީގީ “އިތުބާރެއް” އުފެދުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ކިތަންމެ ކުޑަ ސިޔާސީ ލޮޅުމަކުންވެސް މި އިއްތިހާދު ރޫޅިގެންދިއުމުގެ ފުރުސަތު ބޮޑެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި މިވަގުތު އެކުގައި ނުކުންނެވި ނަމަވެސް، މި ތިން ލީޑަރުންގެވެސް ނުވަތަ އެބޭފުޅުން ނިސްބަތްވާ ޕާޓީތަކުގެވެސް އަސްލު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. ރިޔާސީ އިންތިހާބެއް ކައިރިވުމުން، އިދިކޮޅުން ނެރޭނެ “އެއް ކެންޑިޑޭޓަކު” ކަނޑައެޅުމަކީ މުސްތަހީލު ކަމެކެވެ. ރައީސް ޔާމީންގެ ޕީއާރުއެމް/ޕީއެންއެފް އިން އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެއެވެ. އަދި އެމްޑީޕީން ރައީސް ޔާމީން ބޭނުންފުޅުވާ ކެންޑިޑޭޓަކަށް ފުރުސަތެއް ނުދޭނެއެވެ. އެހެންކަމުން، ވެރިކަމުގެ ދަހިވެތިކަމުގައި މި ބޭފުޅުންގެ މެދުގައި އަލުން ބޮޑު ރެނދެއްލާނެއެވެ.
މި ބައްދަލުވުމުގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުމެވެ. ރައީސް ނަޝީދު “ދަ ޑިމޮކްރެޓްސް” އުފެއްދެވުމަށްފަހު އެމްޑީޕީއާ ދުރަށް ވަޑައިގަތުމަށްފަހު، އަލުން އެމްޑީޕީގެ އެތެރޭގެ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކެވުމުން، އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕް ހާއްސަކޮށް ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތައް ހިތްހަމައެއް ނުޖެހެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ބެހޭގޮތުން ދެ ބޭފުޅުންގެ މެދުގައި ހުރި ނުތަނަވަސްކަން ފާޅުވެގެންދިޔައެވެ. މިކަމުގެ ސަބަބުން އިދިކޮޅު ހަރަކާތުގެ މައިބަދަ ކަމަށްވާ އެމްޑީޕީ އެތެރެއިން ބަލިކަށިވެދާނެއެވެ.
ލީޑަރުން ސިޔާސީ މަސްލަހަތަށްޓަކައި ސޮއިކޮށް، ސަލާމްކޮށްލި ނަމަވެސް، މަގުމަތީގައި ތިބި އާންމު ސަޕޯޓަރުންގެ ހިތްތަކުން މާޒީގެ އަނިޔާތަކާއި ދެބަސްވުންތައް ފިލައިގެން ނުދެއެވެ. ރައީސް ޔާމީންގެ “އިންޑިއާ އައުޓް” ސިޔާސަތަށް ތާއީދުކުރި ސަޕޯޓަރުންނަށް، އިންޑިއާއާ އެންމެ ގާތް ގުޅުމެއް ބޭއްވި ރައީސް ސޯލހްއެކު އެއް ސަފެއްގައި ތިބެން އުނދަގޫވާނެއެވެ. ހަމަ އެގޮތަށް، ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނު ކަމަށް ބުނާ އެމްޑީޕީގެ “އާންމު އެކްޓިވިސްޓުން” ރައީސް ޔާމީންގެ ދިފާއުގައި މަގުމައްޗަށް ނުކުންނާކަށް ބޭނުމެއް ނުވާނެއެވެ. މިކަމުގެ ސަބަބުން އިދިކޮޅު ހަރަކާތްތަކަށް ނުކުންނަ މީހުންގެ އަދަދު މަދުވެ، ހަރަކާތް ފެއިލްވެދާނެއެވެ.
މި ތިން ރައީސުންނަކީ މާޒީގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބޮޑެތި ސިޔާސީ ހަމަލާތައް ދެއްވައި، ޖަލަށްވެސް ފޮނުއްވި ބޭފުޅުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުންވެސް ބައެއް ކަހަލަ ހިޔާލުތަފާތުވުންތައް ފާހަގަކުރެވުނެވެ. އެހެންކަމުން، މި އިއްތިހާދަކީ ހަމައެކަނި “ނޫސްވެރިކަމުގެ ދިފާއުގައި” އުފެދުނު ވަގުތީ ކޯލިޝަނަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ސިޔާސީ ބޮޑު އަމާޒެއް ނެތި، ވަކި ހިސާބަކުން އެ ބޭފުޅުންގެ މެދުގައި އަލުން ހިޔާލުތަފާތުވުންތައް އުފެދުމުގެ ފުރުސަތު ބޮޑެވެ.
ދެން ސިޔާސީ މަޝްރަހުން ފެންނާނީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ދޭ ހަމަލާތައް ވަރުގަދަކޮށް، މަގުމަތީގެ ހަރަކާތްތައް ފުޅާކުރާ ތަނެވެ. ނަމަވެސް، މިއީ ސަރުކާރު ވައްޓާލަން ނުވަތަ ދާއިމީ ސިޔާސީ އިއްތިހާދެއްގެ ގޮތުގައި ކުރިއަށްދާނެ ކަމެއްގެ ގޮތުގައެއް ނުބެލެވެއެވެ. ސަރުކާރުންވެސް ދޫނުދީ ހިފަހައްޓާނެތީ، ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަޝްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ