އިންޑިއާގެ ނިއުދިއްލީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ބްރިކްސްގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުން އިއްޔެ ނިމުނުއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ގުޅިފައިވާ ބަޔާނެއް ނެރެވޭ ގޮތެއް ނުވި އެވެ.
މިއީ އެ ޖަމާއަތުގެ މެންބަރުންގެ މެދުގައި، ހާއްސަކޮށް އީރާނާއި ޔޫއޭއީއާ ދެމެދު އޮތް ހިޔާލުތަފާތުވުންތައް ހާމަވެގެންދިޔަ ކަމެކެވެ.
މި ބައްދަލުވުން ބޭއްވި އިންޑިއާއިން ނެރުނީ ހަމައެކަނި ރިޔާސަތުގެ ބަޔާނެކެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ހުޅަނގު އޭޝިއާ ނުވަތަ މެދުއިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ބައެއް މެންބަރުންގެ މެދުގައި ތަފާތު ހިޔާލުތަކެއް ހުރި ކަމަށެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރުމަށް އީރާނުން ބްރިކްސްގައި ބާރުއެޅި އެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ޔޫއޭއީގެ ބައިވެރިވުން އޮތް ކަމަށް އެ ގައުމުން ތުހުމަތުކުރި އެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، ހުށަހެޅި ބަޔާނުގެ ބައެއް ބައިތަކަށް ބްރިކްސްގެ އެއް މެންބަރަކު ހުރަސްއެޅި ކަމަށެވެ.
"އަހަރެމެން ހަމަލާދިނީ ހަމައެކަނި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް. ހިތާމައަކީ އެ ތަންތަން ހުރީ އެ މީހުންގެ ބިމުގައި،" އަރަގްޗީ ވިދާޅުވި އެވެ.
މި އަހަރު ފަހުން ބާއްވާ ބްރިކްސްގެ އިސްވެރިންގެ ސަމިޓްގެ ކުރިން ގުޅުންތައް ރަނގަޅުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ތުހުމަތުތައް ޔޫއޭއީން ވަނީ ދޮގުކޮށްފަ އެވެ. އެ ގައުމުގެ ހާރިޖީ ކަންތައްތަކާ ބެހޭ ސްޓޭޓް މިނިސްޓަރު ހަލީފާ ޝާހީން އަލް މަރާރު ތުހުމަތުކުރެއްވި ގޮތުގައި، 28 ފެބްރުއަރީން ފެށިގެން އީރާނުން ދަނީ އާންމުންނާއި މުހިންމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ތަކުރާރުކޮށް "ޓެރަރިސްޓް ހަމަލާތައް" ދެމުންނެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅި ހިމެނޭހެން ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކަށް އީރާނުން ހުރަސްއަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހާރިޖީ ގުޅުންތަކާއި ސިޔާދަތީ މިނިވަންކަމާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުރުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ރައްކާތެރިކަމާ އެކު ދަތުރުފަތުރުކުރެވޭނެ މަގު ފަހިކުރުމުގެ މުހިންމުކަމާ މެދު މެންބަރުން މަޝްވަރާކުރި ކަމަށެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ވެސް މި ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރި އެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ހަކަތަ އިމްޕޯޓުކުރުމަށް ބޮޑަށް ބަރޯސާވާ އިންޑިއާއަށް މީގެ ނުރައްކާ ބޮޑެވެ.
އިއްޔެ ޔޫއޭއީއަށް ކުރެއްވި ޒިޔާރަތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ގައުމަށް ދޭ ހަމަލާތައް ކުށްވެރިކުރައްވާފަ އެވެ. މޯދީ ވިދާޅުވީ ޔޫއޭއީއަށް އަމާޒުކޮށް ހަމަލާދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އީރާނާއި ޔޫއޭއީގެ ދެބަސްވުމާ ހުރެ، ބްރިކްސްގެ ގުޅިފައިވާ ބަޔާނެއް ނުނެރެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ