ރާއްޖެއާއި ސައުދީގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

ދިވެހިރާއްޖެ އާއި ސައުދީ އަރަބިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާ ކުރައްވައިފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުން، ރާއްޖޭގެ ފޮރިން މިނިސްޓަރު އައިޝަތު އިރިތުޝާމްއާއި، ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސަޢުދު ވަނީ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ.
މި މަޝްވަރާތަކުގައި، ރާއްޖެ އާއި ސައުދީގެ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލެއްވި ކަމަށާއި، އަދި ދެ ޤައުމުގެ ދޭދޭ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ.
އިރުތިޝާމް ވަނީ ރާއްޖޭގެ ތަރައްގީގައި ސައުދީގެ ހިއްސާ ފާހަގަކުރައްވައި އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖެހިޖެހިގެން ދެވަނަ އަހަރު މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައި ޙައްޖާޖީންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށާއި އެ ޤައުމުން ދިވެހި ވަފުދުތަކަށް އަދާކުރައްވާ މެހްމާންދާރީއަށްވެސް އިރުތިޝާމް ޝުކުރު އަދާކުރެއްވިކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ.
މީގެ އިތުރުން، މި މަޝްވަރާތަކުގައި، ސަރަހައްދީ ތަރައްގީގެ ދާއިރާތަކަށް އަލިއަޅުއްވާލައްވައި، ގުޅިގެން ކުރެވޭ މަޝްވަރާތަކުން ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރުމަށް ރާއްޖޭން އަބަދުވެސް ތާޢީދުކުރައްވާނެކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވިކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ