ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަދާފައި އޮންނަ ގަވައިދަށް ބަދަލުތައް ގެނެސް އެގަވައިދުގެ ދަށުން ފެންވަރު ނެތް ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަގާމުން ވަކިކުރެވޭ ގޮތަށް ބަދަލުކޮށްފިއެވެ. އިއްޔެ އެގަވައިދު ގެޒެޓްކޮށް ވަނީ އަމަލު ކުރަން ފަށާފައެވެ.
ގަވައިދުގައި ވަނީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި، އިވެލުއޭޓަރުން، ބަލަން ޖެހޭ ކަންކަން ބަޔާން ކޮށްފައެވެ. އެއީ 2019 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގަވައިދެކެވެ. 2023 ވަނަ އަހަރުގެ މާޗް މަހު ވެސް އެގަވައިދަށް ބަދަލުތަކެއް ގެނައެވެ. ނަމަވެސް ކުރިން ފެންވަރުނެތް ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތައް ބަޔާންކޮށްފައެއް ނުވެއެވެ. ކުރިން ވެސް އަދި މިހާރު ވެސް ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ ޝަރުއީ ނިންމުންތައް ދިރާސާކޮށް އޭގެ އޮނިގަނޑުގެ ފެންވަރު ގާނޫނީ ސަބަބުތަކުގެ މައްޗަށް ބިނާކޮށްފައި ހުރިތޯއާއި، ސާފުކޮށް ރަނގަޅަށް ބަޔާންކޮށްފައި ހުރިތޯ ބެލުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު ހިންގާ އަޑުއެހުންތައް ބެލުމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ މައްޗަށް މީގެ ކުރިން ހިންގައިފައިވާ ސުލޫކީ މައްސަލަތަކުގެ ނިންމުންތަކާއި، މަޤުބޫލު ސަބަބެއްގެ މައްޗަށް ހުޅަހެޅިފައިވާ ޝަކުވާތައް ދިރާސާކުރުމާއި ފަނގިޔާރުން ޝަރީޢަތްކުރުމުގައި ޤާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނުވަތަ ރިއާޔަތްކުރުމަށް ބުނާ ކަންކަމާއި، މަސައްކަތުގެ ފެންވަރު ބެލޭ ފަނޑިޔާރާ ހަވާލުކުރެވޭ މައްސަލަތަކުގެ އަދަދާއި، އޭގެ ތެރެއިން ނިންމި މައްސަލަތަކުގެ އަދަދު (ކްލިއަރެންސް ރޭޓު) ބެލުން ވެސް ހިމެނެއެވެ.
މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު މަސައްކަތްކުރާ ގޮތް ތަޖުރިބާކޮށްފައިވާ ފަރާތްތައް (މިސާލަކަށް: އިސްތިއުނާފީ ކޯޓުތަކުގެ ފަނގިޔާރުންނާއި ކޯޓުގެ މުވައްޒަފުން) ދީފައިވާ ސިއްރު އިންޓަވިއުތަކަށް ރިއާޔަތްކުރުމާއި، އެ އިންޓަވިއުތަކުގެ ނަތީޖާ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގައި ބޭނުންކުރަން ވެސް ގަވައިދުގައި ވަނީ ހިމަނާފައެވެ. އޭގެ އިތުރުން މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ އިންޓަވިއު ވެސް ފަނޑިޔާރުގެ ފެންވަރު ވަޒަން ކުރުމުގައި ނަގަން ޖެހޭނެއެވެ.
ގަވައިދަށް އިތުރުކޮށްފައި ވަނީ ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނަތީޖާއަށް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް ތަފްސީލްކޮށް ބަޔާންކޮށް، މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމުގެ ބައި އިތުރު ކޮށްފައެވެ. އެގޮތުން "ގާބިލުނުވުން" މިންގަނޑުން ދަރަޖަކުރެވޭ ފަނގިޔާރުން، ފަނގިޔާރުކަމުގެ މަގާމަށް ގާބިލުނޫން ކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަނުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖީލީހަށް ފޮނުވަން، ޖުގީޝަލް ސަރވިސް ކޮމިޝަނުން ނިންމަންވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.
"ގާބިލުނުވުން" މިންގަނޑުން ދަރަޖަކުރެވޭ ފަނގިޔާރުން ފަނގިޔާރުކަމުގެ މަގާމަށް ގާބިލުނޫން ކަމުގައި ކަނގައެޅުމުގެ ކުރިން، ޖުގީޝަލް ސާރވިސް ކޮމިޝަރަށް ހާޒިރުވެގެން ނުވަތަ ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ބަންދު ދުވަސް ހިމެނޭހެން ރަސްމީ 7 ދުވަހުގެ ފުރުޞަތު ދޭންވާނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.
ގަވައިދު ބުނާ ގޮތުން ކޮންމެ ދެއަހަރަކުން ފަނޑިޔާރުންގެ ފެންވަރު ޖޭއެސްސީއިން ބަލަން ޖެހޭނެއެވެ.
ގާބިލް ނޫން ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ