ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ނިހާޔަތު!

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލިމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު، އެ މަޤާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައި ވަނީ، ސުލޫކީ މައްސަލައެއްގައި ސަސްޕެންޑު ކުރުމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދާއި އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައި ޖޭއެސްސީ ބުނީ، މަގާމަށް ބުދަ ދުވަހުގެ 11:00 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ މުއްދަތު ހަމަވިއިރު ކުރިމަތިލައްވާފައިވަނީ ހަމައެކަނި ނިހާޔަތުއެވެ. އެގޮތުން ނިހާޔަތު ވަނީ އެ މަޤާމަށް ކުރިމަތިލެއްވިކަން ”ސަންގަށް“ ކަށަވަރު ކޮށްދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަން ކުރުމުގައި މަދުވެގެން 7 އަހަރު ހިދުމަތް ކުރުމުގެ ތަޖުރިބާ ލިބުން ހިމެނެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު އެ މަގާމުން އިސްތިއުފާދެއްވީ 2019 ވަނަ އަހަރުއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވި ނިހާޔަތު ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލް އަކަށް އޭރު އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީކޮޅުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ